ފޯނަކަށް ބަދަލުކޮށްލެވޭ ޓެބްލެޓެއް ޝޯމީން އުފައްދައިފި؟

ފަތްޖަހައި ލެވޭ ފޯނެއް ބާޒާރަށް ނެރެން ސެމްސަންގުން އަމާޒު ހިފާފައި ވަނިކޮށް، ޗައިނާގެ ޝޯމީ އިން، ސްމާޓް ފޯނަކަށް ބަދަލުކޮށްލެވޭ ޓެބްލެޓެއް އުފައްދައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އެ ޓެބްލެޓްގެ ލީކްވެފައިވާ ކަމަށް ބެލެވޭ ވީޑިއޯއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުވަރުމުންނެވެ. އޭގައި ފެންނަނީ މީހަކު ޓެބްލެޓާ ކުޅެމުން ގޮސް، އޭގެ ދެ ފަރާތް ފަހަތަށް ލަންބާލައި، ހެޔޮވަރުގެ ސްމާޓް ފޯނަކަށް ބަދަލުކޮށްލާ ތަނެވެ. މިއީ ޝޯމީގެ އުފެއްދުމެއް ކަމަށް ބެލެވުނަސް އެ ކުންފުނިން އަދި މިއާ ބެހޭ ރަސްމީ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އެހެންވެ ސޯޝަލް މީޑިއާގައި ބައެެއް މީހުން ވަނީ މި އުފެއްދުމުގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފައްދައިފަ އެވެ.

އެކަމަކު ފޯނަކަށް ބަދަލުކޮށްލެވޭ، ޓެބްލެޓެއް އަތަށް ލިބޭނެ ދުވަހަކީ ޔަގީނުން ވެސް މިފަދަ އުފެއްދުންތަކަށް ލޯބި ކުރާ މީހުން ލައްކަ ޝައުގުވެރި ކުރުވާނެ ކަމަކަށް ވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފަތްޖަހައިލެވޭ ފޯނު ބާޒާރަށް ނެރުމުގެ ޝަރަފު ހޯދާ ފުރަތަމަ ކުންފުންޏަކަށް ދެކުނު ކޮރެއާގެ ސެމްސަންގްވެގެންދާ އިރު، ގެލެކްސީ އެފްގެ ނަން ދީފައިވާ ފޯނު ނެރޭނެ ކަމަށް ބެލެވެނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ.

ފަތްޖަހައިލެވޭ ފޯނު އުފައްދަން ފޫގަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ޗައިނާގެ ވާވޭގެ އިތުރުން ދެކުނު ކޮރެއާގެ އެލްޖީ ހިމެނެ އެވެ.