އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ މެމޮރީ 10ޖީބީ އަށް މި އަހަރު މަތިކުރާނެ

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް މި އަހަރު އަންނާނެ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ މެމޮރީ އިތުރުކުރުން ކަމަށް ބުނެވެ އެވެ. އެ ގޮތުގައި، އެވްރެޖް ފޯނެއްގެ މެމޮރީ 10ޖީބީ އަށް މަތިކުރާނެ ކަމަށް މިހާރު ވާހަކަ ދެކެވެ އެވެ. ސްމާޓްފޯނުތަކުގެ މެމޮރީ 10 ޖީބީ އަށް އިތުރުކުރިއެއް ކަމަކު، އެ ފޯނުތައް ބޭނުންކުރާ މީހުންނަށް ދުވެލިން މާ ބޮޑު ފަރަގެއް ފެންނާނެ ކަމަށް ނުބެލެވޭ ކަމަށްވެ އެވެ.


ސްމާޓްފޯނުތަކުގެ މެމޮރީ މަތިކުރަންޖެހެނީ ފޯނުތަކުގައި އާ ފީޗާތައް ގާއިމުކުރުމަށެވެ. "އާޓިފިޝަލް އިންޓެލިޖެންސް" އަދި ސްމާޓް ކެމެރާތަކަށް އިތުރުކުރެވޭ ލެންސްތައް ފުރިހަމަ އަށް މަސައްކަތްކުރުވުމަށެވެ. އެހެންވެ، ފޯނުތަކުގެ ސްޕީޑް މިހާރު ހުރި ދުވެލީގައި ދެމެހެއްޓުމާ އެކު ބޭނުންކުރާ މީހުންނަށް އާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށްޓަކައި މެމެރޮރީ އިތުކުރުން ނޫން ހައްލެއް އަދި ނެތީ އެވެ.

ފޯނުތަކުގެ ޖާގަ އިތުރުކޮށް އެންމެ އަވަހަށް މެމޮރީ އިތުރުކުރާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ތެރޭގައި ވަންޕްލަސް، ޝޯމީ އަދި ވިވޯ ހިމެނެ އެވެ. ވާވޭ އަދި އެލްޖީ ކަންކުރާނެ ގޮތް އަދި ކަށަވަރު ނުވި ނަމަވެސް، ފޯނުތަކުގެ ދުވެލި އެއް މިނެއްގައި ހިފައްޓާން ގޮތްތަކެއް އެމީހުން ވެސް ކަމަށް ބުނެވެ އެވެ.

މަސްރަހުގައި ބުނެވޭ ގޮތުގައި، ސެމްސަންގް ފޯނުތަކުގެ މެމޮރީ ބޮޑު ފަރަގަކުން މަތިކުރާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް، ވާދަވެރިންނާ އެއް ހަމައެއްގައި ދެމި އޮތުމަށް މަސައްކަތްތަކެއް ކުރާނެ އެވެ. އެއީ އަދި ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ.

މި ގޮތަށް ވާހަކަތައް ހުރި ނަމަވެސް، އެންޑްރޮއިޑް ފޯނުތަކުގެ މެމޮރީ އިތުރުކުރުން އެއީ ވަކި ބަޔަކު ކަނޑައަޅާ މިންގަނޑެއް ނޫނެވެ. އެ ފޯނެއް އުފައްދާ ކުންފުންޏަކުން ބޭނުން ނިސްބަތަކުން މެމޮރީ އިރުރުކުރުމަކީ މުޅި ސިނާއަތުގައި ވެސް އޮންނަ ގޮތެވެ.

އެންޑްރޮއިޑް ސްމާޓްފޯން މާކެޓްގައި މިހާރު ވެސް ބައެއް ފޯނުތަކުގެ މެމޮރީ 8ޖީބީ އަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ލެނޮވޯ ފޯނެއްގައި 12ޖީބީ މެމޮރީ ހިމަނަން މަސައްކަތްކުރާ ކަމަށް ބުނާތީ ވެސް އިވެ އެވެ.