ބްލެކްބެރީ ގަބޫލުކުރާ ގޮތުގައި ފަތްޖެހޭ ފޯނަކީ ބޭނުމެއް ހުރި އެއްޗެއް ނޫން

ސްމާޓްފޯން ކުންފުނިތަކުގެ މިސްރާބު ހުރީ ފަތްޖެހޭ ފޯނުތަކާ ދިމާއަށެވެ. އެކަމަކު، ބްލެކްބެރީ އަށް އެ ކަމެއް ގަބޫލެއް ނުކުރެވެ އެވެ. އެ ކުންފުނިން ދެކޭ ގޮތުގައި، ފަތްޖެހޭ ފޯނުތައް ވާނީ ބަރުހެލި، ގެންގުޅެން އުނދަގޫ އަދި މުހިންމުކަމެއް ނެތް އާލާތްތަކަކަށެވެ.


ބްލެކްބެރީގެ ވިސްނުން މި ގޮތަށް ހުރި ނަމަވެސް، ސްމާޓްފޯން މާކެޓުން ނަފާ ހޯދަން އެދޭ އެއްވެސް ކުންފުންޏަކުން، މި މޭރުމުން ވާހަކަދައްކާފައެއް ނުވެ އެވެ.

ސްމާޓްފޯނުތައް ފަތްޖަހަން ކުންފުނިތަކުން މަސައްކަތްކުރަމުން އަންނައިރު، ސެމްސަންގް އަދި ވާވޭ ވަނީ ނަމޫނާ ފޯނެއް ދައްކާފަ އެވެ. އެޕަލް އަދި ޑިޒައިނެއް އާންމުނުކުރި ނަމަވެސް، ފަތްޖަހާލެވޭ ގޮތަށް އައިފޯނެއް ޑިޒައިންކުރަން ޝައުގުވެރިވާ ކަމަށް ބެލެވެ. އެވެ. އައިފޯނެއް ފަތްޖެހޭ ގޮތަށް ޑިޒައިންކުރުމަށްޓައި، ސްކްރީން އުފައްދާނެ ގޮތާ ބެހޭ ގޮތުން ސެމްސަންގާ މަޝްވަރާކުރަމުން ދާ ކަމަށް ވެސް އިވެ އެވެ.

މޮބައިލް ފޯނު މާކެޓްގައި ބްލެކްބެރީން ރަސްކަންކުރި ނަމަވެސް، މިހާރު ވަނީ ރަންޒަމާން ގެއްލިފަ އެވެ. ބްލެކްބެރީ އަކީ މަގުބޫލު ފޯނުތައް އުފެއްދި ކުންފުންޏެކެވެ. އެހެން ނަމަވެސް، ސްމާޓްފޯން މާކެޓް މިއަދު މި ފެންނަ ގޮތަށް ބަދަލުވެގެން ދިޔައިރު، ބްލެކްބެރީ އަށް އެ ބަދަލުތައް ވެސް ކަމަކު ނުދިޔަ އެވެ. ވަގުތު ނަގާލައި ލަސްކުރުމުގެ ސަބަބުން، މާކެޓްގައި ޝާމިލުވުން ނޫން އިތުރު މޮޅެއް ބްލެކްބެރީ އަށް މިއަދު ލިބިފައެއް ނެތެވެ.

ސްމާޓްފޯނުތައް ފަތްޖަހާލައިގެން ވެސް މާލީ މަންފާއެއް ލިބިދާނެ ކަމަށް ބަލައި، ކުންފުނިތަކުން އަވަދިނެތި ޑިޒައިންތައް ފައްކާކުރަމުން ދާ ދަނޑިވަޅެއްގައި، އެ އެންމެން އެކުރަނީ ބޭކާރު ކަމެއް ކަމަށް ބުނުމަކީ އެދެވޭ ބުނުމެއް ނޫނެވެ. ފަތްޖެހޭ ފޯނަކީ މާ ބޮޑު ކުރިއެއްުމެއް އޮތް މާކެޓެއް ނޫން ކަމަށް ސެމްސަންގުން ވެސް ބުނެ އެވެ. އެހެން ނަމަވެސް، ޓެކްނޮލޮޖީ ކުރިއެރުވުމަށްޓަކައި ފަތްޖެހޭ ފޯނެއް އުފައްދަން އެ ކުންފުނިން ނިންމީ އެވެ.

ސެމްސަންގުން ގަބޫލުކުރި ގޮތުގައި އުފެއްދުންތެރިކަމަށް މަގު ފަހިކުރެވޭނީ، އާ ޓެކްނޮލޮޖީ އުފައްދައި ކުރިއަރުވައިގެންނެވެ. އެ ގޮތުގައި، އެ ކުންފުނިން ވަނީ ފަތްޖެހޭ ފޯނެއް އުފައްދައި އާންމުންނަށް ދައްކާލާފަ އެވެ.

ގޫގުލުން އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމް އާންމުކުރުމާ ގުޅިގެން، އެންމެ ގިނައިން އެންޑްރޮއިޑް ފޯނުތައް މާކެޓްކުރާ ކުންފުންޏަކަށް ވެސް ވެފައި ވަނީ ސެމްސަންގް އެވެ. ގިނަ ބަޔަކަށް ހީވާ ގޮތުގައި އެންޑްރޮއިޑް އަކީ ސެމްސަންގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމެކެވެ.