ޑރ. ލިންގް އޮޕަރޭޝަން ކުރިއަށް ގެންދަނީ.
20 މާޗް 2019 - 07:12
މުވާސަލަތީގެ ހިދުމަތުގައި 5ޖީ ނެޓްވޯކް ބޭނުންކުރަން ފަށައިގެންފައި ވާއިރު މި ޓެކްނޮލޮޖީގެ އެހީގައި، ސިކުނޑީގެ ކާމިޔާބު އޮޕަރޭޝަނެއް ޗައިނާގައި ކޮށްފި އެވެ.
މިއީ 5ޖީ ޓެކްނޮލޮޖީގެ އެހީގައި ކުރި ސިކުނޑީގެ ފުރަތަމަ އޮޕަރޭޝަން ވެސް މެ އެވެ.
ޗައިނާގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ތިން ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަން ޑޮކްޓަރު ކުރިއަށް ގެންގޮސްފައި ވަނީ ޕޭޝަންޓާ 3،000 ކިލޯމީޓަރު ދުރުގައި ހުރެގެންނެވެ.
ތުރުތުރު އަޅާ ބަލި ހުރި މީހާގެ ސިކުނޑި އަށް ނިއުރޯސްޓިމިއުލޭޓާއެއް އިމްޕްލާންޓް ކުރި އިރު ބަލިމީހާ އޮތީ ބެއިޖިންގެ ޕީޕަލްސް ލިބެރޭޝަން އާމީ ޖެނެރެލް ހޮސްޕިޓަލް (ޕްލާގް) ގަ އެވެ. ޑޮކްޓަރު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޗައިނާގެ ދެކުނުގެ ރަށެއް ކަމަށްވާ ހައިނާންގެ ކްލިނިކެއްގައި ހުރެގެން ކޮމްޕިއުޓަރުގެ ޒަރީއާއިންނެވެ.
"މިއީ ހަގީގަތުގައި ބަލި މީހާއާ އެތައް މޭލު ދުރުގައި ހުރެގެން ކުރިޔަސް ހަމަ ގާތުގައި ހުރެގެން އޮޕަރޭޝަންކުރުން ކަހަލަ ކަމެއް،" ޑރ. ލިންގް ޒިޕީ ވިދާޅުވި އެވެ. "އަހަންނަކަށް މީގައި މާ ބޮޑު ތަފާތެއް ވެސް ފާހަގައެއް ނުކުރެވޭ. އޮޕަރޭޝަން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް އަދި ވަރަށް ކާމިޔާބުކޮށް. މީގައި މުހިއްމު ކަމަކީ ނެޓްވޯކްގެ ހަލުވި ސްޕީޑާއާ އެކު ވަގުތު އަދާކުރާ މުހިއްމު ދައުރެއް."
އޭނާ ވިދާޅުވި ގޮތުގައި 5ޖީ ޓެކްނޮލޮޖީއަކީ ސިއްހީ ދާއިރާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
5ޖީ ޓެކްނޮލޮޖީގެ އެހީގައި އެންމެ ފުރަތަމަ އިންސާނެއްގެ އޮޕަރޭޝަނެއް ކޮށްފައިވަނީ ޗައިނާގެ ޝެންޒެންގައި ހަމަ މި މަހުގެ ތެރޭގަ އެވެ. މައިދާގެ އެ އޮޕަރޭޝަން ބެއިޖިންގެ ހުރެގެން ޑޮކްޓަރު ކުރިއަށް ގެންދިޔައި އިރު އޭނާ ހުރީ ބަލީމީހާއާ 2،000 ކިލޯމީޓަރު ދުރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy