އައިފޯނުގެ އާ ޑިޒައިން މާ ހުތުރު ވެދާނެ

ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ކުރި މަސައްކަތްތަކުގައި، އެންމެ ކަމުނުދާ ޑިޒައިނެއް ކުރެވުނީ އެޕަލް އަށެވެ. އައިފޯން އެކްސްގެ ސްކްރީނުން އެ ފެންނަނީ މި ބުނި ޑިޒައިނެވެ. ޑިސްޕްލޭ މަތީ ކޮޅުން ތަންގަނޑެއް، ކެމެރާ އަދި ސެންސަރުތަކަށް ހުސްކޮށް، އެއީ "ނޮޗް ޑިސްޕްލޭ" ކަމަށް ބުންޏެވެ. އެހާ ހުތުރު ޑިޒައިނެއް އައިފޯނަކުން ނުދެކެމެވެ.


މި އަހަރު، އައިފޯން 11 ނެރެން ތައްޔާރުވަމުން އަންނައިރު، އައިފޯނުގެ ޑިޒައިނަށް ހުތުރު ބަދަލެއް އަންނާނެ ކަމަށް އެބަ ބުނެވެ އެވެ. ވާދަވެރިން ފޯނުތަކުގެ ފުރަގަހަށް ކެމެރާތައް އިތުރުކުރަމުންދާ މަންޒަރު އެޕަލް އަށް ސިފަކުރެވެނުނީ "ތޮރުފިއުނދުޅި"އެއް ގޮތަށެވެ. ބުނަނީ އެއީ "ސްކްވެއާ ކެމެރާ ސެޓަޕް" ކަމަށެވެ.

އެޕަލް އިން އައިފޯނުތައް ކޮންމެ ސިފައަކަށް ޑިޒައިންކުރި ނަމަވެސް، ހަމަ ރީތިވާންވީ އެވެ. ވަފާތެރިން ބުނަނީ ބޭނުންކުރަން ފެށުމުން އެ އަށް ލޯބިޖެހި ނިދިފިލައިދާ ކަމަށެވެ. އައިއޯއެސްގައި ހުރި ޖާދޫވި ސިފަތަކުން، ފޯނުގެ ހުތުރުކަން ކަނޑުވާލާ ކަމަށެވެ. އެއީ އެކަމަކު ދޮގެކެވެ.

އެޕަލް އަށް މިހާރު އާލާތްތަކުގައި ރީތި ސިފަ ޖައްސާކަށް ނޭނގެ އެެވެ. ސްމާޓްފޯން ޓެކްނޮލޮޖީ އަށް ބެލި ނަމަވެސް އުޅެނީ ވާދަވެރިންނަށް ވުރެ ފަހަތުގަ އެވެ. މި ޖީލު ދަންނަ ސްމާޓްފޯން އުފެއްދި ބަޔަކީ އެޕަލް ކަމަށް ވިޔަސް މި ހާހިސަބަށް އައިއިރު، ވާދަވެރިން އުފާކުރާ ގިނަ ފަސޭހަތައް ނެތި އައިފޯން ވަނީ އުނިވެފަ އެވެ.

ސްމާޓްފޯންތަކުގެ ސްކްރީން ބޮޑުކުރަން ވާދަވެރިން ފެށުމުން އެޕަލް އިން ކުރީ މަލާމާތެވެ. މުށަށް ނުތަކާ ވަރުގެ ބިޔަ ސްކްރީނެއް، ފޯނަކަށް ކަމުދާނެ ގޮތަކީ އަޅެ ފަހެ ކޮބައި ހެއްޔޭ ކިޔައިގެންނެވެ. ސްކްރީން ދިއްލިފައި އޮންނައިރު ކޮޓަރި ތެރޭގައި ފްލަޑް ލައިޓެއް ދިއްލާފައި ހުރުމާ އެއްވަރުކުރި އެވެ.

މި އަހަރު އައިފޯން 11 ނެރޭއިރު، އަދި ފެންނަން ހުރި މަންޒަރުތަކުން ދޭހަވާ ގޮތުގައި، އައިފޯނުގެ ފަހަތުގައި ހަތަރެސްކަން ބަމްޕަރެއް އޮންނާނެ އެވެ. އެއީ ދެތިން ކެމެރާ އެވެ. މައިކް އަދި ލައިޓެވެ. މިހެން އޮވެއްޖެ ނަމަ މިއީ ރީތި ގޮތެކޭ ކިޔޭނެ ހެއްޔެވެ؟