ސެމްސަންގް ގެލަކްސީ ނޯޓް 10 އާންމުކުރުން އޮގަސްޓް 7 ގައި

ސެމްސަންގް ގެލަކްސީ ނޯޓް 10އާ ގުޅިގެން ދައްކަން ހުރި ވާހަކަތައް ފުނިޖެހެނީ އެވެ. އެންޑްރޮއިޑް މާކެޓްގައި ހިމެނޭ އެންމެ ބާރުގަދަ ފޯނު، ސްމާޓްފޯން މާކެޓަށް ދޫކޮށްލާއިރު، މި ފޯނާ ބެހޭ ގޮތުން ކަށަވަރުކަމާ އެކު އެއްޗެއް ބުނެވޭވަރު އަދި ވެސް ނުވެ އެވެ. އެކަމަކު ވެސް، އޮގަސްޓް 7 ގައި ގެލަކްސީ ނޯޓް 10 އާންމުކުރާނެ ކަމަށް "ސީނެޓުން" އެބަ ބުނެވެ އެވެ.


ގެލަކްސީ ނޯޓް މަރުކާގެ ފޯނުތަކަކީ ސެމްސަންގެ ސްމާޓްފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ، އަދި އެ ކުންފުނިން އެންމެ އަހަންމިޔަތުކަން ދޭ ފޯނުތަކެވެ. ގެލަކްސީ ނޯޓްގެ ހާޑްވެއާ ގޮތުގައި ބޭނުންކުރާ އަދި އާންމުންނަށް ފަރިތަ ބައިތަކުގެ ތެރޭގައި ހިމެނޭ ބެޓެރީ، ރޭމް، ސްޓޯރޭޖް، ޑިސްޕްލޭ، ޗާޖަރު އަދި ގުޅުން ހުރި ކޭބަލްތައް ވެސް ދަރަޖަކޮށްފައި ހުންނަނީ ފެންވަރު ރަނގަޅު، "ޕްރީމިއަމް" އައިޓަމްތަކެއް ގޮތަށެވެ.

ސެމްސަންގް ފޯނުތަކުގެ ސިފަ އަށް އެ ކުންފުނިން ގެންނަ ބަދަލުތަކަށް ބަލާއިރު، "ގެލަކްސީ އެސް" އަދި ގެލަކްސީ ނޯޓް މަރުކާގެ ފޯނުތައް ހިއްސާކުރާ އެއްގޮތް ސިފަތަކެއް ހުރެ އެވެ. އެހެންކަމުން، ގެލަކްސީ އެސް10 އަށް ސިފައެއް ވާރުތަކޮށްފައި ހުރި ނަމަ، އެ ސިފަ ނޯޓް ދިހަޔަކުން ފެންނާނެ ކަމަށް ބުނެވެ އެވެ.

ނޯޓް 10 ގައި ހުންނާނެ ކަމަށް ބުނާ ސިފަތައް މި ފަހަރު ވައްތަރުކުރަނީ ގެލަކްސީ އެސް10 ގައި ހުރި ސިފަތަކާ އެވެ. އެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކުރަނީ "ޕަންޗް ހޯލް" ނުވަތަ ޕަންޗަރު ލޯވަޅު ކެމެރާ އެވެ.

ސެމްސަންގުން ގެލަކްސީ ނޯޓް އާއިލާ ދަމަހައްޓަމުން ދިޔަ ސިޔާސަތު ބަދަލުކޮށް، މި ފަހަރު އެއް މަރުކާއެއްގައި ދެތިން ފޯނެއް ނެރެފާނެ ކަމަށް ވެސް ބުނެވެ އެވެ. ނޯޓް 10 ހުންނާނެ ކަމަށް ބުނާ ސިފަތައް ނަކަލުކޮށް، އިންޓަނެޓްގައި ބަހަމުން ދާއިރު، ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ހެޑްފޯން ޖެކް ވެސް ވަނީ އުނިކޮށްފަ އެވެ. އަދި ބޭނުންކޮށްފައި ވަނީ މުޅިން ތަފާތު ކެމެރާ ސެޓަޕެކެވެ.