އަމިއްލަ ދިފާއަށްޓަކައި، ސެޓެލައިޓްތަކުގައި ބަޑި އަދި ލޭޒާ ހަރުކުރަން ގަސްދުކުރާ ކަމަށް ފުރާންސުން ބުނެފި އެވެ. މިއީ އަދި ބަޔަކު މިހާ ސީދާކޮށް ނުދައްކާ ވާހަކައެކެވެ. މި ކަމަށްޓަކައި މިލިޓަރީ ބަޖެޓުން ބޮޑު ބައެއް ޚާއްސަކުރާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
ޖައްވުގައި މިލިޓަރީ މަރުކަޒުތައް ބިނާކުރުމަކީ އެމެރިކާއިން ވެސް ކުރަން އުޅޭ ކަމެކެވެ. ޖައްވުގައި ލޭޒާ ހަތިޔާރު ގާއިމުކުރުމާއި ދިފާއީ އައްޑަނަތައް ބިނާކުރުމަކީ ވެސް އެ މީހުން ދެކޭ ހުވަފެނެކެވެ. މައިގަނޑު ގޮތެއްގައި "ސްޕޭސް ފޯސް"ގެ ނަމުގައި މިލިޓަރީ ގޮތްޕެއް، ޖައްވުގައި ބިނާކުރުމަކީ ވެސް އެމެރިކާ އިން ކުލަޖައްސަން އުޅޭ ހުވަފެނެކެވެ. ފްރާންސުން ބުނާ ގޮތުގައި އެ މީހުންގެ ވިސްނުމަކީ ވެސް "ސްޕޭސް ފޯސް"އެއް އުފެއްދުމެވެ.
ޖައްވުގައި ލޭޒާ ބޭނުންކުރަން ޗައިނާއިން ވެސް ބޭނުންވެ އެވެ. އެކަމަކު، ޗައިނާއިން ބޭނުންވަނީ ލޭޒާ ބޭނުންކޮށްގެން ޖައްވުގައި ހުރި ކުނިބުނިތައް ނައްތާލާށެވެ. ޖައްވު ތެރޭގައި، އެނބުރެމުން ސެނބުރެމުން ދާ ސެޓެލައިޓްގެ ބައިތައް، ލޭޒާއިން އަންދާލުމަށް، ޗައިނާ އަދި ޖަޕާނުން ދަނީ ވިސްނަމުންނެވެ.
ލޭޒާ އަކީ ބޭނުންކުރުމަށް ހުށަހަޅާ ގޮތަކުން ފަނާކުރަނިވި ބާރެކެެވެ. އެހެން ނަމަވެސް، އެއީ ސުލްހަވެރި މާނާގައި ބޭނުންހިފައިފި ނަމަ، ބިނާކުރަނިވި ވަސީލަތަކަށް ވެސް ވެ އެވެ.
ފޭސްބުކުން މަސައްކަތްކުރަނީ ލޭޒާގެ އެހީގައި ސެޓެލައިޓް މުވާސަލާތް ހަރުދަނާކުރުމަށެވެ. އެ ގޮތުގައި، އިންޓަނެޓް އަގު ހެޔޮކުރުމަކީ ފޭސްބުކުން ހިންގާ ވަރަށް ބިޔަ ޕްރޮޖެކްޓެކެވެ.
ސެޓެލައިޓްތަކުގައި ބަޑި އަދި ދުޝްމަނުންނަށް ހަމަލާދެވޭ ފެންވަރުގެ ލޭޒާ ހަރުކުރުމަކީ، ފްރާންސުން ކުރި ނަމަ ވެސް ފަނާކުރަނިވި އަމަލަކަށް ވާނެ އެވެ. މިލިޓަރީ އުސޫލުން ވަކި ބަޔަކަށް ބުރެ ކުޅަދާނަވުމަށް ނޫން ގޮތަކަށް، ކަނޑިބަޑި ފަދަ އާލާތްތައް އުފެއްދުމަކީ ބަޔަކު ކުރާނެ ކަމެއް ނޫނެވެ.