ހަނދަށް ދާނެ ކަމެއް ނެތް، 6ޖީ ނެޓްވޯކް ފަށައިގަނޭ

ދުނިޔޭގައި 4ޖީ މޮބައިލް ނެޓްވޯކް ނުފޯރާ އާބާދީތައް އަދި ވެސް އެބަ އުޅެ އެވެ. އެކަމަކު 5ޖީ ދޫކޮށް 6ޖީ އަށް ނުދެވިގެން އުޅޭ ބަޔަކު ވެސް އެބަ އުޅެ އެވެ. އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވެސް ހުންނެވީ މިކަމާ ނުތަނަވަސްވެ ވަޑައިގެންފަ އެވެ. ޓްރަމްޕްގެ ބަހުރުވައިން ނަމަ، މާދަމާ ވެސް 6ޖީ މޮބައިލް ނެޓްވޯކް ފަށައިގަންނަންވީ އެވެ. މިއީ އެމެރިކާ އަށް ނުހަނު ބޮޑަށް ބޭނުންޖެހިފައި އޮތް ތަރައްގީއެެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.


ވާދަވެރި ގައުމުތަކުން ހޯދަމުން އަންނަ ތަރައްގީ ފެނިވަޑައިގެން ޓްރަމްޕް ހުންނެވީ ވަަރަށް ޕްރެޝަރުގަ އެވެ. ޗައިނާގައި 6ޖީ ލެބޯޓަރީތައް ހުޅުވައިފި އެވެ. ސައުތު ކޮރެއާގައި، އެލްޖީ ކުންފުނިން ދަނީ 6ޖީ މޮބައިލް ނެޓްވޯކް ދިރާސާކޮށް ބޭނުންވާ ހާޑްވެއާ ކަނޑައަޅަމުންނެވެ. މިއީ އެމެރިކާ އަށް ކެތްކުރެވޭ ވަރަށް ވުރެ ބޮޑުވަރެވެ. ޓްރަމްޕް ކޯފާ އިސްނުކުރަވަންވީ ސަބަބެއް ނެތެވެ.

އެމެރިކާ މީހުން ނޫން ބަޔަކު އަދި ހަނދަކަށް ނުދެ އެވެ. އެމެރިކާ އަދި ރަޝިޔާ ކުރި ފިނި ހަނގުރާމައިގައި، ހަނދަން ދިއުމަށް ދެ ގައުމުން ޖެހި ރޭހުގައި ކުރި ހޯދާފައި ވަނީ އެމެރިކާ އެވެ. އެ އަށް ފަހު، ހަނދަށް އެންމެ ފުރަތަމަ އިންސާނަކު ފޮނުވި ގައުމަކީ ވެސް އެމެރިކާ އެވެ.

ދުނިޔެ އަށް 5ޖީ އަދި 6ޖީ މޮބައިލް ނެޓްވޯކް ތައާރުފުކުރަން ކުރާ މަސައްކަތްތަކަކީ ވެސް ބޮޑު ވާދަވެރިކަމެކެވެ. 5ޖީ ރޭހުގައި ޗައިނާ ކުންފުނިތައް ކުރީގައި އުޅޭއިރު، އެމެރިކާ އަދި ބައިވެރިންނަށް މިކަން ވެފައި ވަނީ ބިރުވެރިކަމަކަށެވެ. އެމެރިކާ ދެކޭ ގޮތުގައި، މިއީ އެ މީހުން ނޫން ބަޔަކަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް، ވަށާފާރު ނެތް ޒަމާނެއްގައި، އިންސާނުން ހަނދަށް ދިޔަ ކަމަށް ބުނާ ވާހަކަތަކުގައި ހުރި ފަދަ ޚިލާފުތަކެއް، މިކަމުގައި މަސްހުނިކުރެވޭކަށް ނެތެވެ.

އެމެރިކާ ނޫން ގައުމަކުން 5ޖީ އުފައްދައިފި އެވެ. މިއީ ވަރަށް ބޮޑު ވެއްޓުމެކެވެ. މި ސަބަބަށްޓަކައި އެ ގައުމުން ބޭނުންވަނީ 5ޖީ އަށް ކަނޑައަޅާފައި އޮތް އުމުރު ކުރުކޮށްލާފައި ނަމަވެސް، 6ޖީ މޮބައިލް ނެޓްވޯކް ތައާރުފުކުރާށެވެ. އެމެރިކާއިން އަލުން އިންސާނަކު ހަނދަށް ފޮނުވަން ކުރަން މަސައްކަތްތައް ފަސްކޮށްފައި ނަމަވެސް، 6ޖީ މޮބައިލް ނެޓްވޯކް އެންމެ ފުރަތަމަ ބޭނުންކުރަން ފަށާ ގައުމަކަށް އެމެރިކާ ވުމަށް ޓްރަމްޕް ގޮވާލައްވާ ސަބަބަކީ މި އެވެ.