ފިޓްބިޓް "ވާސާ 2": ހުރިހާ މާނައެއްގައި ނޫނަސް، ސްމާޓްގަޑިއެއް

ފޯނެއް ނުވަތަ ގަޑިއެއް ސްމާޓް ކަމަށް ބަލަނީ، ކޮންމެވެސް ކަމެއް މާ މޮޅަށް ކުރެވޭތީ އެވެ. އެހެންކަމުން، މި ބަލަނީ "މިއީ ވެސް ސްމާޓްގަޑިއެއް" ކަމަށެވެ. މިއީ ފިޓްބިޓްގެ "ވާސާ 2" އެވެ. އެ މީހުން މި ގަޑި އަށް ކިޔާ ނަމަކީ މި އެވެ.


"ވާސާ 2" އަކީ ސްމާޓްގަޑިއެއް ކަމަށް ބުނި ނަމަވެސް، ހުރިހާ މާނައެއްގައި ސްމާޓްގަޑިއެއް ކަމަށް ބުނެވޭކަށް ނެތެވެ. މި ގަޑީގައި "ޖީޕީއެސް" ގާއިމުކޮށްފައެއް ނެތެވެ. ޖީޕީއެސް ބޭނުންހިފައި ކުރަންޖެހޭ ކަމެއް އޮތް ނަމަ، ފިޓްބިޓް އެޕްލިކޭޝަން ބޭނުންކުރެވޭ ފެންވަރުގެ ސްމާޓްފޯނެއް ގެންގުޅެން ޖެހެ އެވެ. ފިޓްބިޓުން މި ގަޑި އުފެއްދުމުގައި ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ވިސްނާފައި ވެ އެވެ. އަދި ޒުވާނުންގެ މެދުގައި މަގުބޫލް އާލާތަކަށް ހެދުމަށް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ވާސާ 2 ގައި ހުރި ބައެއް ފީޗާތަކަށް ބަލާއިރު، ހުރިހާ ކަމަށް ވުރެ ބޮޑަށް ނިދުމަށް ދީފައި ހުރި އަހަންމިޔަތުކަން ފާހަގަކުރެވެ އެވެ. ނިދާފައި އޮންނައިރު ހިތުގެ ވިންދު ހުންނަ ވަރު ރެކޯޑްކުރެވުމުގެ އިތުރުން ނިދުމުގެ ފެންވަރު ވެސް ބަލައިދެ އެވެ. ގަދަ ނިދީގައި އޮތީ ކިހާއިރަކުކަން އަދި މަޑު ނިދީގައި ހޭދަކުރި ވަގުތު ވެސް ބުނެ ދެ އެވެ. ވަކި ވަގުތަކަށް ހޭލަން ބޭނުން ނަމަވެސް އެ މީހަކު ހޭލައްވަން ޖެހޭ ވަގުތު އިޚުތިޔާރުކުރަނީ ގަޑި އެވެ. މިސާލަކަށް ވަކި ގަޑިއަކަށް ހޭލަން އެލާމްކުރުމުން، އެ ވަގުތު ޖެހުމުގެ ބައިގަޑިއިރު ކުރިން އެ މީހަކު ހޭލައްވަން ގަޑި ތައްޔާރުވެ އެވެ. ގަދަ ނިދީގައި އޮތް ނަމަ އިހަށް ބާއްވަ އެވެ. އެކަމަކު ނިދި މަޑުވަމުން އަންނަ ކަމުގެ އަލާމާތެއް ރެކޯޑްކުރެވިއްޖެ ނަމަ، އެލާމްގެ އަޑު އިއްވައި ހޭލައްވާލަ އެވެ.

މިއީ އެމެޒޯންގެ ވާޗުއަލް އެސިސްޓޭންޓް، އެލެކްސާ ގާއިމުކޮށްފައި ވާ ގަޑިއެކެވެ. ވަކި ކަމެއް ކޮށްދިނުމަށް އެދި ބުނެލުމުން އެ ކަމެއް ކުރާނެ ގޮތް އެލެކްސާ ބުނެ ދެ އެވެ. އެކަމަކު އެލެކްސާގެ އަޑަކުން ނޫނެވެ. ވާސާ 2 ގައި ސްޕީކަރެއް ނުހުރެވެ. އެލެކްސާ ބުނާ އެއްޗެއް ޖެހެނީ ސްކްރީނުން ކިޔާށެވެެ.

ވާސާ 2 ގައި އެންއެފްސީ ހިނަމާފައި ވެ އެވެ. އެހެންކަމުން، އެންއެފްސީ މެދުވެރިކޮށް ފައިސާ ބަލައިގަންނަ ފިހާރަ/ކެފޭ ފަދަ ތަންތަނުގައި ފޮނިކަނޑާލަން ވީ އެވެ. މި ކަމުގައި އޮތީ އެ މީހެއްގެ ހިތެވެ. ފިޓްބިޓުން ވަނީ މަގުފަހިކޮށްދީފަ އެވެ.

ވާސާ 2 ގައި ދެން ހިމެނެނީ ހުރިހާ ސްމާޓްގަޑިތަކަށް އާންމު ފީޗާތަކެވެ. ކަސްރަތުކުރުމުގައި އެހީތެރިވުމަށް އިރުޝާދު ލިބިގަތުން، ދުވުން، ޖޮގިން، ފެތުން އަދި ބައިސްކަލު ދުއްވާއިރު ބަލަން އެދޭ މިންތަައް ބަލަހައްޓައި އަންގައި ދެ އެވެ.