އޭލޯ އަކީ މެސެޖިން އެޕްލިކޭޝަނެކެވެ. ޓެލެގްރާމް، ވަޓްސްއެޕް އަދި ވައިބާ ކަހަލަ އެވެ. ގޫގުލުން އޭލޯ އަމާޒުކުރަނީ ޒުވާނުންނަށެވެ. އެކުވެރިކަން ދަމަހައްޓައި ގުޅުން ބަދަހިކުރުމަށެވެ. މަޖާ ވާހަކަތަކުން މުނިފޫހި ފިލުވުމަށެވެ.
އޭލޯ ނެޓްވޯކް ބަރޯސާކުރަނީ ފޯނު ނަންބަރަށެވެ. އެޕްލިކޭޝަން ފޯނަށް އެޅުމަށް ފަހު ނެޓްވޯކަށް ވަނުމަށްޓަކައި ފޯނު ނަންބަރު ޖަހަން ޖެހެ އެވެ. ޓެލެގްރާމް އަދި ވައިބާ ވެސް މަސައްކަތްކުރަނީ އެ ގޮތަށެވެ. އޭލޯ ބޭނުންކުރާ މީހުންގެ ތެރޭގައި ދަންނަ މީހަކު އުޅޭ ނަމަ އެކަން އަނގައިދެ އެވެ.
ގޫގުލުން އަދި އޭލޯ މުޅިން ދުލެއް ނުކުރެ އެވެ. އާންމުންނަށް ބޭނުންކުރެވޭ ފަށަކަށް އަދި ނުގެނެ އެވެ. އެހެން ނަމަވެސް ދާދި އަވަހަށް އަތުވެދާނެ ކަމަށް ބުނެވެ އެވެ. ބެލެވޭ ގޮތުގައި ކުރި އަށް އޮތް ހަފުތާއެއްހާ ދުވަހު ތެރޭގައި ޕްލޭ ސްޓޯރުގައި އޭލޯ އާންމުކުރާނެ އެވެ.
އޭލޯއާ ބެހޭ ގޮތުން ގޫގުލުން ވަރަށް ސަޅި ކަނޑަ އެވެ. ޗެޓް އެޕްލިކޭޝަނެއްގައި މޮޅުކަމެއް ހުރި ނަމަ އެ ކަމެއް އޭލޯގައި ވެސް ހުންނާނެ އެވެ. އެެއީ ބޭނުންކުރާ މީހުން އެ އެޕްލިކޭޝަން ބޭނުންކުރާ ގޮތަށް ބަލައިގެން ޚިދުމަތްދޭ އެޕްލިކޭޝަނެއް ކަމަށް ބުނެ އެވެ.
ގޫގުލް އޭލޯ އަކީ އައިމެސެޖް އަށް ބޮޑު ވާދަވެރިއެއް ކަމަށް ބުނެވެ އެވެ. އައިމެސެޖް އަށް ވުރެ މޮޅު ކިތަންމެ ކަމެއް އޭލޯގައި ހުރީ ކަމަށް ވެދާނެ އެވެ. އައިފޯނުގައި އޭލޯ ބޭނުންކުރެވޭ ގޮތް ހެދުމަކީ ގޫގުލުން ކޮށްފާނެ ކަމެއް ކަމަށް ވެސް ބެލެ ވެ އެވެ. އޭލޯގައި ހުރި މޮޅުކަމެއް އެނގޭނީ ވާދަވެރިންނާ އެއް ސަފަކަށް ނެރުމުންނެވެ.