އައިފޯން އަގު ހެޔޮކުރަން "އައިފޯން އެސްއީ" އަލުން އުފައްދަނީ

އައިފޯން އެސްއީގެ ޒަމާނީ މޮޑެލްއެއް އުފައްދަން އެޕަލް އިން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިއްޖެ އެވެ. އެއީ ވާދަވެރި މާކެޓްގައި، އަގު ހެޔޮ ފޯނުތަކަށް އޮތް ޖާގައިން ބައެއް ލިބޭތޯ އެވެ. އެޕަލް އިން އެ އުންމީދު އަދި ވެސް ދޫކޮށެއް ނުލަ އެވެ.


އައިފޯން އަގު ހެޔޮކުރުމަށް އެޕަލް އަށް ކުރެވެން ހުރި ހުރިހާ ކަމެއް ދަނީ ކުރަމުންނެވެ. ނަމަވެސް، އައިފޯނުގެ އަގުތައް ތިރިނުކުރެވިގެން އުޅެނީ އެޕަލް އަކީ އަމިއްލަ އަށް ހާޑްވެއާ އުފައްދާ ކުންފުންޏަކަށް ނުވާތީ އެވެ. އައިފޯނަށް ބޭނުންވާ ބައިތައް އުފައްދަނީ އެހެން ކުންފުނިތަކަށް ކޮންޓްރެކްޓަށް ދީގެންނެވެ.

އައިފޯން އެސްއީ 2016 ގައި ތައާރުފުކުރީ އައިފޯނެއް ބޭނުންކުރަން އެދޭ އެކަމަކު ބޮޑު ހޭދައެއް ކުރެވެން ނެތް މީހުންނަށެވެ. ޗައިނާ އަދި އިންޑިއާ މާކެޓަށެވެ. އައިފޯން އެސްއީގެ ބައިތައް، އައިފޯން މަރުކާގެ ބާރުގަދަ ފޯނުތަކާ އަޅާ ކިޔޭ ވަރަށް ވުރެ ދަށް ނަމަވެސް، އައިފޯނަކުން ކުރެވޭ ތަޖުރިބާކުރެވެ އެވެ. އެ ހިތްހަމަޖެހުން ލިބެ އެވެ.

އެޕަލް އިން އުފައްދަން މަސައްކަތްކުރާ އަގު ހެޔޮ އައިފޯނާ ބެހޭ ގިނަ މައުލޫމާތުތަކެއް އަދި ނުލިބެ އެވެ. ޓެކް ޚަބަރުތައް ގެނެދޭ ނޫސްތަކުން ބުނި ގޮތުގައި، އަންނަ އަހަރު ކުރީ ކޮޅު މި ފޯނު ނެރޭނެ އެވެ. އެޕަލް އިން އައިފޯން އެސްއީ އެންމެ ފުރަތަމަ ނެރުނީ ވެސް 2016 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ.

ސްމާޓްފޯން މާކެޓްގައި އެޕަލް ދަނީ އަޑިއަޅަމުންނެވެ. ޗައިނާ އަށް އުފަން ސްމާޓްފޯން ކުންފުނިތަކުން އަގު ހެޔޮ ފޯނުތައް ނުބައްދަލު ހެޔޮ އަގުގައި ވިއްކުން ވެފައި ވަނީ އެޕަލް އަށް އުދާހަކަށެވެ. ޗައިނާ ކުންފުނިތަކާ ވާދަކުރެވޭ ވަރަށް އައިފޯނުގެ އަގުތައް ތިރިނުކުރެވުނު ނަމަވެސް، އަގު ހެޔޮ އައިފޯނުތަކުން ހެޔޮ ނަތީޖާއެއް ނިކުމެދާނެ ކަމަށް އެޕަލް އުންމީދުކުރެ އެވެ.