08 ސެޕްޓެމްބަރ 2019 - 08:17
މިހާރު މި ގެންގުޅޭ ސްމާޓްފޯނާއި އައިޕޮޑް ފަދަ ވަސީލަތްތަކުގެ ކުރިން މިއުޒިކް އެހުމަށް އިންގިލާބެއް ގެނައި ވޯކްމަން ނެރުނުތާ 40 އަހަރު ފާހަގަކުރަން ޖަޕާނުގެ ސޮނީ ކުންފުނިން ވޯކްމަން އަލުން ނެރެން ނިންމައި، އޭގެ ވީޑިއޯއެއް ދައްކާލައިފި އެވެ.
ވޯކްމަންފެ ޒަމާނީ ވާޝަން ދައްކާލީ ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ އައިއެފްއޭގެ ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯގައި ހުކުރު ދުވަހު އެވެ.
"ކޮންމެ ތާކަށް ވެސް ގެންދެވޭ ގޮތަށް" ތައްޔާރުކުރި ސޮނީގެ ވޯކްމަން ޓީޕީއެސް-އެލް2 އެންމެ ފުރަތަމަ ނެރުނީ 1979 ގަ އެވެ. މި ވޯކްމަނަކީ ކަންފަތްމައްޗަށް ހެޔޮވަރުކޮށްލެވޭ "ބޮޑު" ހެޑްފޯނަކާ އެކު އުފެއްދި، ގިނަ ބައެއްގެ މުނިފޫހިފިލުވައިދިން އެއްޗެކެވެ.
ސޮނީގެ ވޯކްމަން ނެރުނުތާ 40 އަހަރު ފުރުން ފާހަގަކުރަން ނެރޭ ހާއްސަ އެޑިޝަނުގައި ތަފާތު އަގުތަކެއްގައި ލިބޭ ވޯކްމަންތަކެއް ހުންނާނެ އެވެ. އެގޮތުން މީގެ ހާއްސަ މޮޑެލަކީ 40 ވަނަ އަހަރީ ދުވަހުގެ ލޯގޯ ވެސް ޖަހާފައިވާ ސޮނީ އެންޑަބްލިއު-އޭ100ޓީޕީއެސް އެވެ. މީގެ އަގު ތަންކޮޅެއް ހެޔޮކޮށް ވިއްކާނެ ވާޝަނަކީ ކުރީގެ ވޯކްމަނާ ދާދި އެއްގޮތަށް ތައްޔާރުކޮށްފައިވާ އެންޑަބްލިއު-އޭ105 އެވެ.
އެންޑްރޮއިޑުން ހިންގާ ވޯކްމަންގެ ފީޗާތަކުގެ ތެރޭގައި އޯޑިއޯފައިލްސް ހިމެނެ އެވެ. އޭގައި އެސް-މާސްޓާ ޑިޖިޓަލް އެމްޕްލިފަޔާއަކާއި ޑީއެސްއީއީ އެޗްއެކްސް ޕްރޮރެސެސާއެއް ވެސް އިންނާނެ އެވެ. އިތުރު ފީޗާތަކުގެ ތެރޭގައި 26 ގަޑިއިރަށް ބެޓެރި ހިފަހެއްޓުމާއި ޔޫއެސްބީ-ސީ ޕޯޓެއް ވެސް އާ ވޯކްމަންގައި ހިމެނޭނެ އެވެ.
ނަމަވެސް ސޮނީން ވޯކްމަންގެ ހަނދާންތައް އާކުރަން ތައްޔާރުކުރި ވޯކްމަން ނެރޭނެ ސީދާ ތާރީހަކާއި އަގުތަކެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy