ސެމްސަންގް ގެލަކްސީ ފޯލްޑަށް ވަކި އެޕްލިކޭޝަންތަކެއް އުފައްދަނީ

ގެލަކްސީ ފޯލްޑަށް ޚާއްސަ އެޕްލިކޭޝަންތަކެއް އުފެއްދުމަށްޓަކައި، ސެމްސަންގް އަދި ގޫގުލް އެކުގައި މަސައްކަތްކުރަން ފަށައިފި އެވެ. މި މަސައްކަތްތަކުގައި ޑިވެލޮޕަރުން ހިމަނާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ސެމްސަންގް ފަތްޖެހި ފޯނު، ގެލަކްސީ ފޯލްޑްގައި އެޕްލިކޭޝަންތައް ފުރިހަމަ އަށް މަސައްކަތްކުރުވަން ޑިވެލޮޕަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ އެވެ.


ގެލަކްސީ ފޯލްޑް އާންމު މާކެޓަށް ތައާރުފުކުރި ފުރަތަމަ ފަހަރު ވަނީ ކާމިޔާބު ނުވެފަ އެވެ. މިއީ ސްކްރީން ލައްޕާލައި، ފަތްޖަހާލެވޭ ފޯނެކެވެ. ފޯނު ފަތްޖަހާލުމާ އެކު، ޑިސްޕްލޭ ލެނބި، ރެނދުލައި ހަލާކުވާ ވައްސަލަ ވަނީ ބޮޑުވެފަ އެވެ. ބޭނުންކުރާ މީހުންގެ އުނދަގުލާ ހަޅޭއްކުގެ ސަބަބުން، ސެމްސަންގުން ވަނީ ފަތްޖެހި ފޯނުތައް މުޅި މާކެޓުން ނަގައިފަ އެވެ.

ސެމްސަންގް ފަތްޖެހި ފޯނުތައް އަލުން ޑިޒައިންކޮށް ދެ ވަނަ ފަހަރަކަށް މާކެޓަށް ވަނީ ނެރެފަ އެވެ. ނަމަވެސް، މި ފަހަރު ގެލަކްސީ ފޯލްޑް އަދި ނެރެފައި ވަނީ، ސެމްސަންގުގެ އަމިއްލަ ރަށް، ސައުތު ކޮރެއާ މާކެޓަށެވެ.

ގެލަކްސީ ފޯލްޑަށް ވަކި އެޕްލިކޭޝަންތަކެއް އުފައްދައި، މާކެޓްގައި މިހާރު ހުރި ބޭނުންތެރި އެޕްލިކޭޝަންތައް، ފަތްޖެހި ފޯނަށް ފައްކާ ކުރުމަކީ ބޭނުންތެރި ކަމެއްގެ ގޮތުގައި ބެލެވެ އެވެ. ގެލަކްސީ ފަތްޖެހި ފޯނުތަކުގެ މާކެޓް ފުޅާކޮށް، ބޭނުންކުރާ މީހުން އެދޭ އާލާތަކަށް ހެދުމަށް ސެމްސަންގް ވިސްނާކަން މިކަމުން ދޭހަވެ އެވެ. ފަތްޖެހި ފޯނަށް އެންޑްރޮއިޑް އެޕްލިކޭޝަންތައް ހެޔޮވަރުކުރަން ޖެހުނު އަނެއް ސަބަބަކީ، އެންޑްރޮއިޑް 10 އަށް ހުރި ޝަރުތުތަކަށް ތަބާކުރުމެވެ.

ސެ،މްސަންގް ގެލަކްސީ ފޯލްޑް އުފައްދާފައި ވަނީ ދެ ސްކްރީން ވަކިން ލައްޕާލައި އެހެނަސް ބޭނުންޖެހުމުން، ދެ ސްކްރީން އެކުލަވައި އެޕްލިކޭޝަންތައް ހިންގޭ ގޮތަށެވެ. ގޫގުލްއިން އެންޑްރޮއިޑް 10 ނެރެފައި ވަނީ ފަތްޖެހި ފޯނުތަކަށް ވެސް ފުރުސަތު ފަހިވާ ގޮތަށެވެ. އެހެންކަމުން، އެންޑްރޮއިޑް 10 ގައި ހުރި ހެޔޮވަރުކަމެއް، ގެލަކްސްކީ ފޯލްޑްގައި ހިމެނުމަށް އެޕްލިކޭޝަންތަކަށް ބަދަލުގެންނަން ވެސް އޮތީ ޖެހިފަ އެވެ.