13 އޮކްޓޯބަރ 2019 - 06:15
ލޯފަން މީހުންނަށް ފަސޭހަ އިން ބޭނުންކުރެވޭ ގޮތަށް ގޫގުލް މެޕުން އަޑުން މިސްރާބު އަންގައިދޭ ފީޗާއެއް އިތުރުކޮށް ބޭނުންކުރަން ފަށއިފި އެވެ.
ނަމަވެސް މި ފީޗާ މި ވަގުތު ލިބެނީ އެމެރިކާ އާއި ޖަޕާނުގެ ކަސްޓަމަރުންނަށެވެ. އެކަމަކު ކައިރި މުސްތަގުބަލެއްގައި އެހެން ހިސާބުތަކަށް ވެސް ގޫގުލް މެޕްގެ ވޮއިސް ޑިރެކްޝަން ފީޗާ ލިބޭނެ ކަމަށް ގޫގުލް އިން ބުންޏެވެ.
ގޫގުލް އިން ބުނިގޮތުގައި އާ ފީޗާ މެދުވެރިކޮށް، ލޯފަން މީހުންނަށް އެ މީހަކު އެ ވަގުތު ހުރި ތަނާއި ދާ ތަނާއި ދާން އޮތް މިސްރާބު ފަސޭހައިން އަންގައިދޭނެ އެވެ. މިއީ ބީރައްޓެހި ހިސާބުތަކުގައި އުޅޭއިރު ވާނުވާ އަންގައިދޭނެ ފަސޭހަ ފީޗާއެކެވެ. މީގައި، ނުބައި ދިމާލަކަށް މިސްރާބުޖެހޭ ނަމަ އަޑުން ނޮޓިފިކޭޝަން ވެސް ފޮނުވައިދޭނެ އެވެ.
ވޮއިސް ޑިރެކްޝަން ފީޗާ ފަރުމާކޮށް، ގޫގުލް މެޕްގައި ހިމަނާފައި ވަނީ ލޯފަން މީހެއްގެ އެހީއާ ވެސް އެކީގަ އެވެ. އެގޮތުން ފީޗާ ޑިވެލޮޕްކުރުމުގައި ހިއްސާވި ގޫގުލްގެ ބިޒްނެސް އެނަލިސްޓް އަދި ލޯފަން މީހެއް ކަމަށްވާ ވަކާނާ ސުގިޔާމާ ބުނީ "ގޫގުލް މެޕްސް އަށް ޑީޓެއިލްޑް ވޮއިސް ގައިޑެންސް" ލިބުމަކީ ވަރަށް ބޮޑު ފަސޭހައެއް އަދި ކުރިއެރުމެއް ކަމަށެވެ.
ގޫގުލް މެޕްގެ އާ ފީޗާ ޑިވެލޮޕްކުރުމުގައި ހިއްސާވި ވަކާނާ.
"މިހާރު ތަނަކަށް ގޮސްގެން އުޅޭ އިރު މަގުއޮޅިގެން ވާނުވާ ނޭނގިގެން އުޅޭކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ. "ލޯފަން މީހުންނަށް އާ ފީޗާ ހާއްސަ ވިޔަސް މީގެ ބޭނުންތެރިކަން ހަގީގަތުގައި ފެނުމުގައި ނުކުޅެދުންތެރިކަން ނެތް މީހުންނަށް ވެސް ކުޑައެއް ނުވާނެ."
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ދުނިޔޭގެ ލޯފަން ނުވަތަ ފެނުމުގައި އެކި ވަރުގެ މައްސަލަތައް ހުންނަ މީހުންގެ އަދަދު 2.2 ބިލިއަނަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy