ގޫގުލް ކަހަލަ ބާރުގަދަ ކުންފުނިތަކުން ކުދި ކުންފުނިތައް ގަންނަނީ ވާދަވެރިންނަށް ހުރަސްއެޅުމަށް
10 ނޮވެމްބަރ 2019 - 09:31
މިއީ އިންޓަނެޓް ފޯރަމްތަކުގައި އަޑުގަދަ ވާހަކަ އެކެވެ. ގޫގުލް އިން ގަންނަ ކޮންމެ އެއްޗެއް، އެއްލައިލާ ވާހަކަ އެވެ. މިސާލެއްގެ ގޮތުގައި ދައްކަނީ، ބޮޑު އަގު ދީފައި ގަނެ އަދި އެއްފަރާތްކޮށްފައި ހުރި ކުންފުނިތައް އަދި މުދަލުގެ ވާހަކަ އެވެ.
ގޫގުލް އިން ފިޓްބިޓް ގަތުމާ ދިމާކޮށް މި ވާހަކަތައް ވައިގައި ހިފައިގެން އުޅެނީ، ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، ގޫގުލުން ގަނެ، މުހިންމު ޚިދުމަތްތަކެއް ހިފަހައްޓާފައި ހުރުމުންނެވެ.
ގޫގުލް އުފެދިގެން އައިއިރު، މުހިންމު އަދި ދެމެހެއްޓެނިވި މަަސައްކަތްތަކެއް، ވަރަށް ފަަރުވާތެރިކާ އެކު ކުރި އެވެ. ގޫގުލް މެޕްސް، އެޑްވޯޑް، ޔޫޓިއުބް އަދި އެޑްސެންސް ފަދަ އުފެއްދުންތެރި ޚިދުމަތްތަކަކީ މިހާރު ގޫގުލްގެ ބާރުގަދަ ގުނަވަންތަކެކެވެ. އެހެން ނަމަވެސް، މޮޓޮރޯލާ މޯބިލިޓީ، އެޗްޓީސީ ރިސާޗް އެންޑް ޑިޒައިން، ނެޓްސް، ވޭޒް އަދި ޑްރޮޕްކެމް ފަދަ ބާރުތައް، ބޮޑު އަގުގައި ގަތުމަށް ފަހު ގުދަންކޮށްފައި ބެހެއްޓުން ވަނީ ގޫގުލް އަށް ބަޔަކު ނަފުރަތުކުރާ ކަމަކަށް ވެފަ އެވެ.
މަޝްހޫރު ކުންފުނިތަކުން ކުދި ކުންފުނިތައް އަދި އުފެއްދުންތެރިކަމެއް ހުރި އެހެނިހެން ތަކެތި ގަނެ އަމިއްލަކުރަނީ ސީދާ ގޮތުން އެއިން މަންފާ ހޯދުމަކަށް ނޫނެވެ. ވާދަވެރި މާކެޓްގައި ވާދަވެރިންނަށް ފުރުސަތު ހަނިކުރުމަށެވެ. އެއީ ފަހަރުގައި އެހެން ކުންފުންޏަކުން ގަނެ އަދި އެކަމުގެ ސަބަބުން ބޮޑު ފައިދާއެއް ހޯދަފާނެ އުފެއްދުމެއް ކަމަށް ބެލެވޭ ނަމަ، އެ އެއްޗެއް ގަނެ ގުދަންކުރުމަކީ، ގޫގުލް ނޫނަސް އެހެން ކުންފުނިތަކުން ވެސް ކުރާ ކަމެކެވެ.
ގޫގުލުން ފިޓްބިޓް ގަތީ ގުދަންކޮށް، ފޮރުވުމަށް ކަމަށް ނުވެދާނެ އެވެ. ގޫގުލް އަކީ ވެސް ސްމާޓް ޑިވައިސްތައް އުފައްދާ ކުންފުންޏެކެވެ. ސްމާޓް ބޭންޑް އަދި ސްމާޓް ގަޑި އުފެއްދުމުގައި، އެޕަލް އަދި ސެމްސަންގް ފަދައިން، ގޫގުލް އަށް ވެސް ވަޝްހޫރުކަމެއް ލިބެން އެދެވޭތީ، ފިޓްބިޓް ގަތީ އެވެ.
ފިޓްބިޓް އަކީ ސްމާޓް ގަޑި އަދި ސްމާޓް ބޭންޑް އުފައްދާ ކުންފުންކެވެ. ފިޓްނެސް ޓްރެކާ އަދި ހެލްތު ކިޓްތައް އުފެއްދުމުގައި ފިޓްބިޓް އަށް ލިބިފައި ހުރި ތަޖުރިބާގެ ބޭނުންހިފައި، ގޫގުލުން ބޭނުންވަނީ އެ ކުންފުނީގެ ވެއާއޯއެސް ބާރުގަދަކުރާށެވެ. ގޫގުލް ވިސްނަނީ "ޕިކްސެލް ވޮޗް"ގެ ނަމުގައި ބާރުގަދަ ސްމާޓް ގަޑިތަކެއް އުފައްދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy