19 ޑިސެމްބަރ 2019 - 08:05
ދާދި ފަހުން އިންޑިއާ މީހުން ރުޅިއެރުވި ސްވިޑްންގެ މަޝްހޫރު ޔޫޓިއުބާ ޕިއުޑިޕައި "ވަރުބަލިވެއްޖެ" ކަމަށް ބުނެ ވަގުތީ ގޮތުން ޔޫޓިއުބާ ފެއަށް ޖެހިލަން ނިންމައިފި އެވެ.
އޭނާ ބުނީ އަންނަ އަހަރުގެ ކުރީކޮޅު ބްރޭކެއް ނެގި ނަމަވެސް އެނބުރި އަންނާނެ ކަމަށެވެ. އަސްލު ނަމުން ނަމަ ފެލިކްސް ޖެލްބާގް، 30، އަކީ މި ވަގުތު ދެވަނަ އަށް ޔޫޓިއުބްގައި ސަބްސްކްރައިބަރުން އެންމެ ގިނަ ފަންނާނެ އެވެ. އޭނާގެ ސަބްސްކްރައިބަރުންގެ އަދަދަކީ 102 މިލިއަނެވެ.
"އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެ. އެހެންވެ އަންނަ އަހަރުގެ ކުރީކޮޅު ބްރޭކެއް ނަގަން ނިންމީ. އަދި މިގޮތަށް ނިންމި ސަބަބު ފަހުން ހާމަކުރާނަން،" ޔޫޓިއުބް ވީޑިއޯއެއްގައި ޕިއުޑިޕައި ބުންޏެވެ.
ޔޫޓިއުބްގެ ރޭހުގެ ކުރިހޯދަން ޕިއުޑިޕައި ވަނީ އިންޑިއާގެ މަޝްހޫރު މިއުޒިކް/ފިލްމު ކުންފުނި ޓީ ސީރީޒާއި އިންޑިއާގެ އުފެއްދުންތަކާ ދެކޮޅަށް މި ފަހުން ވަރަށް ގަދައަށް އެންޓި-ކެމްޕޭންކޮށް، އިންޑިއާގެ އުފެއްދުންތަކަށް ވަރަށް ބޮޑަށް ޖޯކްޖަހައި، ޔޫޓިއުބްގައި ވީޑިއޯތަކެއް ހިއްސާކޮށްފަ އެވެ.
މި މައްސަލަގަނޑުގެ ތެރެއިން އެންމެ ބޮޑަށް ރުޅިގަދަވެ، ޕިއުޑިޕައި އަށް ޓްވިޓާގައި އެއްޗެހި ގޮވީ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރެވެ. ޕިއުޑިޕައި ވަނީ އެކްތާ ގެނެސްދިން ބައެއް ސިލްސިލާތަކުގެ ތަންތަންކޮޅު ނަގައިގެން އެ މަންޒަރުތަކަށް ޖޯކް ޖަހައިފަ އެވެ. އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކަށް އޭނާ ޖޯކް ޖެހުމުން ދުނިޔޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާ އިން ވަނީ ޕިއުޑިޕައިއާ ދެކޮޅަށް ވަރުގަދަ އަށް ކެމްޕޭންކޮށްފަ އެވެ.
މީގެ އިތުރުން އޭނާ އަކީ ނަސްލީ ތަފާތުކުރުންތަކާއި ހަރުކަށި ފިކުރުތަކަށް ހިތްވަރު ދޭ މީހެއް ކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ޕިއުޑިޕައި އަށް އަމާޒުވެފައިވެ އެވެ. އެކަން އެންމެ ބޮޑަށް ހޫނުވީ މި އަހަރުގެ ކުރީކޮޅު ނިއު ޒީލެންޑުގެ ކްރައިސްޗާޗްގެ ދެ މިސްކިތަކަށް ޓެރަރިސްޓަކު ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ އަށް ހިތްވަރުދޭ ގޮތަށް އޭނާ އަމަލުތަކެއްކޮށްފައިވުމެވެ.
އޭގެ ނަތީޖާ އަކީ ޕިއުޑިޕައި ބަލިކޮށް ޓީ ސީރީޒަށް ޔޫޓިއުބްސްގެ ރަސްކަން ލިބުމެވެ. އެ ކުންފުނީގެ ޔޫޓިއުބް ޗެނެލްގެ ސަބްސްކްރައިބަރުންގެ އަދަދު 121 މިލިއަނަށް އަރަ އެވެ. އެއާ އެކު ޓީ ސީރީޒަށް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ލިބިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy