އެޕަލް އިން 2021 ގައި ނެރޭ އައިފޯނުތަކަށް އޯލެޑް ރިޒާވް ކުރަނީ

އައިފޯނަށް ބައިތައް ހޯދުމުގައި އެޕަލް އިން ފަރުވާތެރިވާ މިންވަރު މިހިރީ އެވެ. ކުރިއަށް އޮތް 2021 ގައި ނެރޭ އައިފޯނުތަކަށް ބޭނުން ޖެހޭނެ ކަމަށް ބަލައި، އަދި އެއްވެސް ކުންފުންޏަކަށް ދޭ އޯޑަރު ނުނިމިދާނެ ކަމަށް ބަލައި، އޯލެޑް ޑިސްޕްލޭ އުފެއްދުމަށް، ޗައިނާގެ ބީއޯއީ ޓެކްނޮލޮޖީޒްގެ ކިބައިން އެހީތެރިކަން ހޯދަން ވިސްނާ ކަމަށް އެބަ ބުނެވެ އެވެ.


އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ އޯލެޑް އުފެއްދުމަށް އެޕަލް އިން ޝައުގުވެރިވާ ކުންފުނިތަކުގެ ކުރީގައި އޮތީ ސެމްސަންގް އެވެ. ސެމްސަންގް އަކީ ވެސް އޯލެޑް ޑިވައިސްތައް އުފައްދާ ކުންފުންޏަކަށް ވާތީ، ބޭރުން ލިބޭ އޯޑަރުތައް ހަމައަކަށް އަޅުވަން ދަތިވާ ފަހަރު ވެސް އާދެ އެވެ. މިއީ އެކަމަކު އެޕަލް އެދޭ ގޮތެއް ނޫނެވެ.

އައިފޯނުތަކަށް އޯލެޑް ޑިސްޕްލޭ އުފައްދައިދޭ ކުންފުނިތަކުގެ ތެރޭގައި، ސައުތު ކޮރެއާގެ އެލްޖީ އަދި ޖަޕާން ޑިސްޕްލޭ ހިމެނެ އެވެ. މިއީ އެއްވެސް ދިމާއަކުން ތާށިވެދާނެ ކަމަށް އެޕަލުން ވިސްނާފައި ހުރި މިންވަރެވެ.

ޗައިނާގެ ބީއޯއީ ޓެކްނޮލޮޖީޒް އިން އާންމުކޮށް އޯލެޑް އުފައްދައިދޭ ސްމާޓްފޯން ކުންފުނިތަކުގެ ތެރޭގައި ވާވޭ ހިމެނެ އެވެ. ވާވޭ މޭޓް މަރުކާގެ ފޯނުތަކަށް ޚާއްސް އޯލެޑް ޕެނަލްތަކެއް ބީއޯއީ އުފައްދަ އެވެ. މަސްރަހުގައި މިހާރު ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ބީއޯއީ ލައްވައި އެޕަލް އިން 45 މިލިއަން އޯލެޑް ޕެނަލް އުފައްދާނެ އެވެ.