ސޮނޮސް ބޭނުންވަނީ ގުޅުން ނުކެނޑޭ ގޮތަށް ގޫގުލް ގޮވައިގެން ކޯޓަށް ދާން
12 ޖެނުއަރީ 2020 - 07:10
ސޯނޮސް އަކީ ގެވެހި އިލެކްޓްރޯނިކްސް އުފައްދާ އެމެރިކާ ކުންފުންޏެކެވެ. މި ކުންފުނި އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ، ސޮނޮސްގެ ނަމުގައި އުފައްދާ ސްމާޓް ސްޕީކަރުތަކުގެ ސަބަބުންނެވެ.
ގޫގުލް ގޮވައިގެން ސޮނޮސް ކޯޓަށް ދާން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ ފިކުރީ މުދަލުން ވައްކަންކުރުމެވެ.
ސޮނޮސް އަކީ ވަޔަލެސް ސްޕީކާ ޓެކްނޮލޮޖީ ވަރަށް މޮޅަށް ދަންނަ ކުންފުންޏެކެވެ. މި ކުންފުނިން އުފައްދާ ސްމާޓް ސްޕީކަރުތައް ކުންފުނީގެ ނަމުން މަޝްހޫރުވެފައި ވީ ނަމަވެސް، ބޭނުންކުރާ މީހުންނާ ހަމަ އަށް އަދި ގޭބިސީތަކަށް ފޯރުކޮށްދިނުމުގައި، ގޫގުލް އަދި އެމެޒޯންގެ އެހީތެރިކަމަށް ބޭނުންވެ އެވެ. މި ސަބަބަށްޓަކައި، ސޮނޮސްގެ ފިކުރީ މުދާތައް ގޫގުލް ޑިވައިސްތަކުގައި ބޭނުންކުރުމަށް ފުރުސަތު ދެވެ އެވެ. އަދި ސޮނޮސްގެ ސްމާޓް ސްޕީކަރުތަކުގައި ގޫގުލްގެ ޓެކްނޮލޮޖީ ބޭނުންހިފެ އެވެ.
ގޫގުލް އަދި ސޮނޮސް އެކުއެކީގައި މަސައްކަތްކުރަން އަހުދުވެފައި ވަނީ ވިޔަފާރީގައި ހަމަހަމަވުމަށް އެއްބަސްވެގެންނެވެ. އެއް ބައެއްގެ އުފެއްދުންތަކުގައި އަނެއް ބައެއްގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް އެއްބަސްވެގެންނެވެ. އެހެން ނަމަވެސް، އެކުގައި މަސައްކަތްކުރަން ކަނޑައެޅި މުއްދަތު ހަމަވުމަށް ފަހު ވެސް، ސޮނޮސް ބުނި ގޮތުގައި، ގޫގުލުން ދަނީ ސޮނޮސްގެ ޓެނޮލޮޖީ ބޭނުންހިފަމުންނެވެ.
ސޮނޮސް ދެކެނީ ގޫގުލް އަކީ ގާތް އެކުވެރިއެއް ގޮތުގަ އެވެ. އެހެންވެ، ނުހައްގު ގޮތުގައި ފިކުރީ މުދާ ބޭނުން ނުހިފުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވި ނަމަ ވެސް، ގޫގުލުން އަޑުއަހާކަށް ބޭނުމެއް ނުވި އެވެ. ގޫގުލް ގޮވައިގެން ކޯޓަށް ދިޔަ ނަމަވެސް، ގުޅުން ކެނޑިދާނެ ޒާތުގެ ކަމެއް ނުކުރާނެ ކަމަށް ސޮނޮސް ބުނެ އެވެ. ސޮނޮސް ބުނާ ގޮތުގައި ހަމައެކަނި ބޭނުމަކީ ގޫގުލް އަށް ވިސްނައިދިނުމެވެ. އަދި ވިޔަފާރިގައި ހަމަހަވުމެވެ. އެމެޒޯން އެކޯ ސްޕީކަރުތަކުގައި ވެސް ސޮނޮސްގެ ޓެކްނޮލޮޖީ ނުހައްގުން ބޭނުންހިފާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy