މި ހެދުމުގެ ފުރިހަމަކަން އެނގޭނީ ފޯނުން ބެލީމާ

އާދީއްތަަ ދުވަހު އިނގިރޭސިވިލާތުގައު ބޭއްވި 73 ވަނަ ބަފްޓާ އެވޯޑްގައި، ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ގައުންއަކާ އެކު ސެލެބްރިޓީއަކު ރެޑް ކާޕެޓްގައި ބައިވެރިވެއްޖެ އެވެ.


ލަންޑަނުގެ ފެޝަން ޑިޒައިނަރު ރިޗަޑް މެލޯން ފަރުމާކޮށްފައިވާ ދުނިޔޭގެ ފުރަތަމަ 5ޖީ އެކުލެވޭ އޭއާރް (އައުގްމެންޓެޑް ރިއަލިޓީ) ބޭނުންކުރީ ރޭޑިއޯގެ 1 ގެ ޕްރެޒެންޓަރު މާޔާ ޖަމާ އެވެ. ބޭރުފުށުން ބަލައިލާ އިރު މަޑު ވިލު ނޫކުލައިގެ މި ގައުން އިން މާ އާދަޔާހިލާފު ކަމެއް ފާހަގައެއްނުކުރެވެ އެވެ.

އެކަމަކު ހެދުމާ ދިމާއަށް ސްމާޓްފޯން ނުވަތަ ކެމެރާއެއް ދިއްކޮށްލުމުން އޭގެ އަސްލުން އަންތަރީސްވާ ވަރު ވާނެ އެވެ. ރިޗަޑް މި ގައުން ފަރުމާކޮށްފައި ވަނީ ހަ ލޭޔަރު އެކުލެވޭ ގޮތަށް 5ޖީން ހަކަތަ ލިއްބައިދޭ 18 ސެންސަ ބޮކި ބޭނުންކޮށްގެންނެވެ.

ހެދުން އެކީއެކައްޗަކަށް އަމުނާލާފައި އޮތީ އަތުން ޖަހައިލި 100،000 ރޮދިންނެވެ. މީގެ މަސައްކަތް އެއްކޮށް ނިންމައިލަން 250 ގަޑިއިރު (10 ވަރަކަށް ދުވަސް) ނެގި އެވެ.

ރިޗަޑް ބުނި ގޮތުގައި 5ޖީ ހިމަނަގައިގެން ތައްޔާރުކުރި އޭއާރް ގައުން އިން ދައްކުވައި ދޭން ބޭނުންވި އެއް ކަމަކީ ބަފްޓާ ކަހަލަ ނުފޫޒު ގަދަ ހަފުލާތަކުގައި ބޭނުންކުރާ ހެދުންތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކެއް ބޭނުންކުރަން ހިތްވަރު ދިނުމެވެ.

އޭނާ ބުނީ މުޅި ހެދުމުގައި ބޭނުންކޮށްފައި ހުރި ފޮއްޗަކީ މޫދުން ނަގައި ރިސައިކަލްކޮށްފައިވާ ކުންޏާއި ރިސައިލްކުރި ވޫލް ބޭނުންކޮށްގެން ތައްޔާރުކުރި ފޮތި ކަމަށެވެ.

"އަބަދު ވެސް އަހަންނަކީ ފެޝަނުގެ ތެރެއިން އާ ކަންކަން އެކްސްޕެރިމަންޓްކުރަން ބޭނުންވާ މީހެއް. އެގޮތަށް އައި ހިޔާލެއްގެ ތެރެއިން މި ފަހަރު ޓެކްނޮލޮޖީ ބޭނުންކޮށްގެން ގައުންއެއް ފަރުމާކުރީ،" ރިޗަޑް ބުންޏެވެ.

ޖަމާ ބުނީ އޭނާ އަކީ ވެސް ހަފުލާތަކަށްދާ އިރު އަބަދު ވެސް ތަފާތެއް ދައްކުވައި ދެވޭތޯ ބަލާ މީހެއް ކަމަށެވެ.

"އެހެންވެ މި ފަހަރު ވެސް ތަފާތު އުފެއްދުމާ އެކު ރެޑް ކާޕެޓަށް ދިޔައީ. އެކަމަކު މި ފަހަރުގެ ހެދުމަކީ މިހާތަނަށް ބޭނުންކުރެވުނު އެންމެ ތަފާތު ހެދުން،" އޭނާ ބުންޏެވެ.