ކުރީގެ އައިފޯނުތައް ލަސްކުރާތީ އެޕަލް ޖޫރިމަނާކޮށްފި

އަލަށް އައިފޯނެއް ބާޒާރަށް ނެރުމަށް ފަހު ކުރީގެ މޮޑެލްތަކުގެ ސްޕީޑް ލަސްކުރުވާތީ ފްރާންސްގެ ކަމާބެހޭ އިދާރާ އިން 25 މިލިއަން ޔޫރޯ (27 މިލިއަން ޑޮލަރު) އިން އެޕަލް ޖޫރިމަނާކޮށްފި އެވެ.


ދުވަސްވީ ފޯނުތައް ލަސްކުރުވާ ސަބަބެއް ކަމަށް އެޕަލް އިން ބުނީ، ޒަމާނީ ފީޗާތައް ކުޅެދޭހާ ގާބިލުކަން ބެޓެރީގައި ނުހުންނާނެ ކަމަށް ލަފާކުރެވޭ އައިފޯން މޮޑެލްތައް ލަސްކުރަން ޖެހުމެވެ. އެޕަލް އިން މިހެން ބުނި ނަމަވެސް މިއީ އެޕަލް ކަހަލަ ކުންފުންޏަކުން ކޮށްގެންވާ ވަރުގެ ކަމެއް ނޫނެވެ. ދުވަސްވީ ފޯނުތަކަށް ޒަމާނީ ފީޗާތައް ނުކުޅެވޭ ނަމަ، އެ ފޯނުތަކަށް ވަކި އަޕްޑޭޓެއް އުފެއްދުމަކީ ވެސް އެޕަލް އަށް ކުރަން ފަސޭހަކަމެކެވެ.

އެޕަލް އަށް އަދަބު ދިން އިރު، ސްމާޓްފޯން އުފައްދާ ކުންފުނިތަކުން، ދުވަސްވީ ފޯނުތައް ލަސްކުރުވާކަން ކުރިން ވެސް އެނގެ އެވެ. އެއީ ގަސްދުގައި ކުރާ ކަމެއްކަން ވެސް ވަނީ ސާބިތުވެފަ އެވެ. ފޯނުތައް ބޭނުންކުރާ މީހުންނަށް އެނގުމަކާ ނުލައި، ސޮފްޓްވެއާ އަޕްޑޭޓަކުން ފޯނުތައް ލަސްކުރުވުން ބޮޑު މައްސަލައަކަށްވެ ދައުވާކުރާ ހިސާބަށް ދަނީ އެވެ.

އައިފޯނުތަކަށް ސޮފްޓްވެއާ އަޕްޑޭޓް ފޮނުވުމަށް ފަހު، ވަކި މޮޑެލްއެއްގެ ފޯނަކަށް އަޅައިފި ނަމަ ވެދާނެ ގޮތަކާ މެދު އިޝާރާތްކޮށްފައެއް ނުހުރެ އެވެ. އަދި ސޮފްޓްވެއާ އަޕްޑޭޓްކުރުމުން ފޯނަށް އަންނަ ލަސްކަން ހައްލުކުރުމަށް، ކުރިން ބޭނުންކުރި ސޮފްޓްވެއާ އަށް އެނބުރި ދެވޭނެ ގޮތެއް ވެސް ބުނެދީފައެއް ނުހުރެ އެވެ. ސޮފްޓްވެއާ އަޕްޑޭޓްކުރުމުން ފޯނުތައް ލަސްވާ މައްސަލަ ރަނގަޅުކުރަން އެޕަލް އިން ދައްކާފައި ވަނީ ތާކުންތާކު ނުޖެހޭ ހައްލެކެވެ.

ދުވަސްވީ ފޯނުތައް އެ ގޮތުގައި ހިނގަ ހިނގާ އޮންނާނެ ގޮތެއް ދެއްކުމަކީ ފޯނު އުފައްދާ ކުންފުނިތަކަށް ކުރެވޭނެ ކަމެކެވެ. އެޕަލް އިން ބުނަނީ ބެޓެރީ ވަކި ވަރަކަށް ބޭނުންކުރުމުން ފޯނު ލަސްވަނީ ކަމަށެވެ. އެހެންކަމުން، އޮތް ހައްލަކީ އާ ބެޓެރީއެއް އެޅުވުން ނުވަތަ އާ ފޯނެއް ގަތުން ކަމަށެވެ.

ފޯނުގައި އުޅޭ މައްސަލައެއްގެ ސަބަބުން ފޯނު ލަސްވުމަކީ ބަލައިގަނެވޭ ކަމެކެވެ. ނަމަވެސް، ސެކިޔުރިޓީ އަޕްޑޭޓެއް ކަމަށް ބުނެ ފޮނުވާ ސޮފްޓްވެއާ ޕެޗަކުން ފޯނު "ސްލޯ"ކޮށްލުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ.