ފޭސްބުކްގެ ދާއިމީ ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފި

ކޮވިޑް-19އާ ހެދި ފޭސްބުކްގެ މުވައްޒަފުންނަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތްތަކަށް ރިއާޔަތްކޮށް އެތަނުގެ ދާއިމީ ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފި އެވެ.


ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މާކް ޒަކަބާގްގެ ފޭސްބުކްގެ މުވައްޒަފުންގެ އަދަދު 45،000 އަށް އަރަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ. ނަމަވެސް އަލަށް ދޭން ނިންމި ބޯނަސް ލިބޭނީ ފުލްޓައިމްކޮށް މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށެވެ.

އެ ކުންފުނިން ބުނިގޮތުގައި މުވައްޒަފުންނަށް ހާއްސަ ބޯނަހެއް ދޭން ނިންމީ ކޮރޯނާވައިރަހާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ގޭގައި މަސައްކަތްކުރަން ޖެހުމާއި އަދި އާއިލާތަކަށް މި ވަގުތު ދިމާވެފައިވާ ހާލަތްތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ފޭސްބުކުން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ހާލަތު ގޯސް ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ގޭގައި ތިބެގެން ވަޒީފާ އަދާކުރަން އަންގައިފަ އެވެ.

މުވައްޒަފުންނަށް ބޯނަހެއް ދޭން ނިންމުމުގެ އިތުރަށް ފޭސްބުކުން ބަނީ ކޮރޯނާވައިރަހުގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ 30 އަށް ވުރެ ގިނަ ގައުމުތަކުގެ ކުދި ވިޔަފާރިތަކަށް އެހީވާން 100 މިލިއަން ޑޮލަރުގެ ބަޖަޓެއް ވެސް ހަމަޖައްސައިފަ އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝެރީލް ސޭންޑްބާގް ވިދާޅުވި ގޮތުގައި އެ ބަޖެޓުން ފައިސާ ހޯދަން ވިޔަފާރިތަކަށް އެޕްލައިކުރެވޭނެ އެވެ.