27 އެޕްރީލް 2020 - 09:12
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ހައި-ޕްރެޝަރު ވެންޓިލޭޓަރެއް އުފައްދައި، އެ ޓެސްޓްކޮށްފި އެވެ.
ގާތްގަނކަށް 37 ދުވަހުގެ ތެރޭގައި ތައްޔާކުރި ވެންޓިލޭޓަރުގެ ނަމަކީ ވެންޓިލޭޓާ އިންޓަވެންޝަން ޓެކްނޮލޮޖީ އެކްސިސަބަލް ލޯކަލީ (ވައިޓަލް) އެވެ. މި ވެންޓިލޭޓަރުގެ މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ނިއު ޔޯކްގެ މައުންޓް ސިނައިގެ އިކާން ސްކޫލް އޮފް މެޑިސިންގައި ޓެސްޓްކޮށްފައިވާ އިރު، ނާސާގެ އުންމީދަކީ ވީހާ ވެސް އަވހަކަށް ވެންޓިލޭޓަރަކަށް ރަސްމީ އިދާރާގެ ހުއްދަ ލިބި، ވީހާ ވެސް އަވަހަށް ބޭނުން ކުރަން ފެށުމެވެ.
"އެފްޑީއޭ [ފުޑް އެންޑް ޑްރަގް އޮތޯރިޓީ] އިން ވީހާ ވެސް އަވަހަކަށް ވައިޓަލް އަށް އެޕްރޫވަލް ލިބުން އުންމީދަކީ. މިއީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވިދާނެ ވަރަށް އިތުބާރު ހިފޭ އުފެއްދުމެއް،" ވައިޓަލް އުފެއްދުި ޓީމްގައި ހިމެނޭ މެކޭޓްރޯނިކްސް އިންޖިނިއަރު މިޝެލް އީސްޓާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އިކާން ސްކޫލް އޮފް މެޑިސިންގެ ހިއުމަން ސިމިއުލޭޝަން ލެބްގެ ޑިރެކްޓަރު އަދި އެސޯސިއޭޓް ޕްރޮފެސަރު ޑރ. މެތިއު ލެވިން ވިދާޅުވީ ނާސާގެ ވެންޓިލޭޓަރުގެ ޓެސްޓް ވެސް ވަރަށް ފުރިހަމަކާއި މިއީ ކޮވިޑް-19 ގެ ބަލި މީހުންނަށް އަވަސް ފަރުވާދެވޭނެ ވަރަށް އުންމީދެއް އުފެއްދުމެއް ކަމަށެވެ.
"ވަރަށް ވެސް ބޮޑު ހިތްހަމަޖެހުމެއް މިއީ. ވައިޓަލްގެ މަސައްކަތް ވަރަށް ބަރާބަރު،" އޭނާ ވިދާޅުވި އެވެ.
ނާސާގެ ޕްރޮޓޯޓައިޕް ވެންޓިލޭޓަރާ ބެހޭ ގޮތުން، އެ އުފެއްދި ޓީމުން ބުނީ ވައިޓަލް އަކީ އާންމުކޮށް ބޭނުންކުރާ ޒާތުގެ ވެންޓިލޭޓަރުތަކާ ދާދި އެއްގޮތަށް މަސައްކަތްކުރާނެ އެއްޗެއް ކަމަށެވެ. އެކަމަކު ހޮސްޕިޓަލްތަކުގައި ހުންނަ އާދައިގެ ވެންޓިލޭޓަރުތަކަށް ވުރެ ފުރިހަމަ އަދި ގިނަ ދުވަސްތަކަކަށް އަދި ސިއްހީ އެހެން ބޭނުންތަކަށް ވެސް ބޭނުންކުރެވޭނެ އުފެއްދުމެކެވެ.
ވެންޓިލޭޓަރަކީ ބަކި މީހުންގެ ފުއްޕާމެއަށް އޮކްސިޖަން ފޮނުވައިދޭން ބޭނުންކުރާ މެޝިނެކެވެ.
"އަހަރެމެންގެ އުންމީދަކީ ވައިޓަލް ވީހާ ވެސް ގިނަ ތަނެއްގައި ބޭނުންކުރެވުން. އަދި މިހާރު މި ބޭނުންކުރާ އާދައިގެ ވެންޓިލޭޓަރުތަކުގެ ބަދަލުގައި ޕޭޝަންޓުންނަށް ފަރުވާ ދިނުމުގައި ވައިޓަލް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރުން،" ނާސާގެ ޓީމުން ބުންޏެވެ. "މީގެ އެންމެ ހާއްސަ އެއް ސިފައަކީ ހައި ޕްރެޝަރުގައި އޮކްސިޖަން ފޮނުވައިދީ ވީހާ ވެސް އަވަހަކަށް މީހާގެ ހާލަތު ރަނގަޅުކުރުން."
ނާސާގެ ޗީފް އަދި މެޑިކަލް ހެލްތު އޮފިސަރު ޑރ. ޖޭޑީ ޕޯލްކް ވިދާޅުވީ ކޮވިޑް-19 އަށް އައިސީޔޫގައި ފަރުވާ ދޭ މީހުންނަކީ އަވަސް ފަރުވާ ވަރަށް ވެސް މުހިއްމު ބައެއް ކަމަށެވެ.
"އެހެންވީމަ އެކަމަށް އޮތް ވަރަށް ރަނގަޅު ހައްލަކަށް ވައިޓަލްވާނެ. އަހަރެމެން ގަބޫލުކުރަނީ މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރަން ވަރަށް ބޮޑުތަނުން މަގުފަހިވާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
ޖޭޑީ ވިދާޅުވި ގޮތުގައި ނާސާގެ ވައިޓަލް އަކީ އެއްގޮތަކަށް ވެސް ވެންޓިލޭޓަރު އުފައްދާ ކުންފުނިތަކާ ވާދަކުރުމެއް ނޫނެވެ. އަދި އެތަނުގެ ބޭނުމަކީ ކޮވިޑް-19 ކަހަލަ ބޮޑު މުސީބާތެއްގެ ތެރޭގައި ސިއްހީ ފަރުވާ އަވަހަށް، ފެންވަރު ރަނގަޅުކޮށް ދެވޭނެ އަދި ފަސޭހަ އިން ގެންގުޅެވޭ މަރާމާތު ވެސް ކުރެވޭ އުފެއްދުމެއް ގެނެސްދިނުމެވެ.
"ވައިޓަލް ބޭނުންކުރެވިދާނެ ހޮސްޕިޓަލްތަކުގެ އިތުރުން ހޮޓާތަކާއި ކޮންވެންޝަން ސެންޓަރު ކަހަލަ ތަންތާނގައި ވެސް ވަރަށް ފަސޭހަކޮށް." އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްކާރޓް
28 April 2020
އަދިކިރިޔާ ވިޔައިދާ މަސައްކތެއް ތި ކުރެވުނީ. މަރސްގަ ފެން ހުރިތޯ ބެލުމަކީ އިންސާނީ ނަސްލަށް ފައިދާއެއް ކުރާނެކަމެއް ނޫން. އެތަކެއް ބަޔަކު ބަނޑައްޖެހި މަރުވާއިރު ބިލިޔަނުން ޚަރަދުކޮއްގެން މަރސްގަ ފެން ހުރިތޯ ބެލުމަކީ އިސްރާފެއް