ވާވޭ އެޕްސް ގެލަރީ އަށް މެޕްސް އެޕްލިކޭޝަނެއް
28 އެޕްރީލް 2020 - 09:18
"ހިއާ ވީގޯ – ސިޓީ ނެވިގޭޝަން" އަކީ ގޫގުލް ޕްލޭ ސްޓޯރުން ވެސް ލިބޭ އެޕްލިކޭޝަނެކެވެ. އެކަމަކު ވާވޭ ފޯނުތަކަކަށް ނޫނެވެ.
ވާވޭ އަކީ ޗައިނާ ސަރުކާރާށް ޖާސޫސްކޮށްދޭ ކުންފުންޏަކަށް ހަދައި، އެމެރިކާ ކުންފުނިތަކުން ވާވޭ އަށް މުދާ ނުވިއްކުމަށް އެމެރިކާ ސަރުކާރުން ވަނީ އަމުރުކޮށްފަ އެވެ. މިކަމަކާ ހެދި ގޫގުލް އަދި އިލެކްޓްރޯނިކްސް ބައިތައް އުފައްދާ އެމެރިކާ ކުންފުނިތަކަށް ދަނީ މިލިއަނުން ގެއްލުންވަމުންނެވެ.
ވާވޭ ސްމާޓްފޯނުތަކުގައި "ގޫގުލް މޮބައިލް ސާވިސަސް" ބޭނުންކުރަން ހުއްދައެއް ނޯވެ އެވެ. މާނަ އަކީ ޖީމެއިލް، ޔޫޓިއުބް، ގޫގުލް ޕްލޭ އަދި ގޫގުލް މެޕްސް ފަދަ އެއްވެސް އެޕްލިކޭޝަނެއް، ވާވޭ ފޯނުތަކުގައި ބޭނުންކުރުން މަނާވުމެވެ.
ގޫގުލް މޮބައިލް ސާވިސަސްގެ ބަދަލުގައި، ވާވޭ ފޯނުތަކަށް ޚާއްސަކޮށްފައި ވަނީ "ވާވޭ އެޕް ގެލަރީ" އެވެ. އެހެން ނަމަވެސް، ގޫގުލް ޕްލޭގައި ހުރި ފަދަ ބާރުގަދަ އެޕްލިކޭޝަންތަކެއް، ވާވޭ އެޕް ގެލަރީގައި ނުހުރެ އެވެ. ވާވޭ ފޯނުތައް ބޭނުންކުރާ މީހުންނަށް، ވާވޭ އެޕް ގެލަރީ މެދުވެރިކޮށް އެޕްލިކޭޝަން ލިބޭނެ ގޮތް ހެދުމަށްޓަކައި ވާވޭއިން ވަނީ ބުރަ މަސައްކަތްތަކެއް ފަށާފަ އެވެ. ވާވޭ އެޕް ގެލަރީން "ހިއާ ވީގޯ" ލިބޭ ގޮތް ވުމަކީ ވެސް މި ބުނި މަސައްކަތްތަކުގެ ނަތީޖާ އެވެ.
"ހިއާ ވީގޯ" އަކީ މެޕްސް އެޕްލިކޭޝަނެކެވެ. ގޫގުލް މެޕްސް ވަރު ނުވި ނަމަވެސް، ފުދޭ ވަރު ވެ އެވެ. މި އެޕްލިކޭޝަން ބޭނުންކުރާ އަދަދު އިތުވަމުން އަންނަ ނިސްބަތުން، މޮޅު ފީޗާތައް ތައާރުފުކުރާނެ ކަމަށް ބެލެވެ އެވެ. މިއީ ގޫގުލް މެޕްސްގެ ބަދަލުގައި ވާވޭ ފޯނުތައް ބޭނުންކުރާ މީހުންނަށް އޮތް އިޚުތިޔާރެވެ.
ވާވޭ އެޕް ގެލަރީ ވަރުގަދަކުރުމަށް ޑިވެލޮޕަރުންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭނެ ކަމަށް ވާވޭ ބުނެ އެވެ. ގޫގުލް ޕްލޭ ސްޓޯރަށް އެޕްލިކޭޝަނެއް ލުމަށް ވުރެ، ވާވޭ އެޕް ގެލަރީ އަށް އެ އެޕްލިކޭޝަނެއް ލުމުން ޑިވެލޮޕަރުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ވެސް ވާވޭ ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy