ދަތުރުތައް އަލުން ފަށާއިރު މަތިންދާބޯޓްތަކުގެ އިންޖީނަށް މައްސަލަޖެހިދާނެ: އެފްއޭއޭ

ކޮރޯނާވައިރަހާ ހެދި މުޅި ދުނިޔެ މި އޮތީ ބަންދުވެފަ އެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އޭވިއޭޝަން ސިނާއަތަށެވެ. މީހުންނަށް ހެލިފެލިވެ އުޅުން މަނާވެފައި އޮތުމުން މަތިންދާބޯޓްތަކުގެ އިންޖީނު ނިއްވާލައި ވަނީ ގުދަންކުރަން ޖެހިފަ އެވެ.


ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނާ ގޮތުގައި، މާ ގިނަ ދުވަސްވަންދެން މަތިންދާބޯޓްތައް ޕާކްކޮށްފައި ބާއްވަންޖެހުން، ބޮޑު މައްސަލައަކަށް ވާނެ އެވެ. އިންޖީނުގެ ބައެއް ބައިތަކުގައި ދަބަރުޖަހައި ބޭނުންނުކުރެވޭ ވަރު ވެދާނެ އެވެ. މިއީ، މަތިންދާބޯޓްތައް އަލުން ބޭނުންކުރަން ފެށުމުގެ ކުރިން ވިސްނައި ހަރުކަށި ފިޔަވަޅު އަޅަންޖެހިފައި އޮތް ކަމެއް ކަމަށް އެފްއޭއޭ އިން ބުނެ އެވެ. އެހެން ނޫން ނަމަ، ދަތުރުތަކުގެ ރައްކާތެރިކަން ކަށަވަރުން ދަތިކަމަކަށް ވާނެ އެވެ.

އެފްއޭއޭއާ ހަވާލާދީ ކޮށްފައި ހުރި ޓްވީޓްތައް ބުނާ ގޮތުގައި، މި ފަދަ ބައެއް މައްސަލަތައް މިހާރު ވެސް ވަނީ ފެންމަތިވެފަ އެވެ. ބޮއިން މަރުކާގެ ބައެއް އިންޖީނުތަކުން ދަބަރު ފޭއްދިފައި ހުރި ތަން އިންސްޕެކްޓަރުންނަށް ފާހަގަވެފައި ހުރި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަމާ ގުޅިގެން އިމާޖެންސީ "އެއާވޯދިނެސް" ޓެސްޓްތަކެއް ހެދުމަށް، ގުޅުން ހުރި އެއާލައިންތަކަށް، އެފްއޭއޭ އިން ވަނީ އަންގާފަ އެވެ. ޚާއްސަކޮށް ބޮއިން މަރުކާގެ 737 ބޯޓްތައް އޮޕަރޭޓްކުރާ ކުންފުނިތަކަށެވެ.

މިއީ، އެފްއޭއޭ އިން ބުނާ ގޮތުގައި، ބޯޓްތައް ބޭނުންނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން މެދުވެރިވެފައި ވާ ހާލަތެކެވެ. މީގެ ކުރިން ހިނގާފައި ހުރި ބައެއް އެކްސިޑެންޑްތަކާ މިކަމާ ގުޅުމެއް ނެތް ކަމަށް ވެސް އެފްއޭއޭ އިން ބުނެ އެވެ.

އެފްއޭއޭ އިން އެ އިޝާރާތްކުރަނީ 2018 އަދި 2019 ގައި "ބޮއިން 737 މެކްސް" މަރުކާގެ މަތިންދާބޯޓަށް ދިމާވި ހާދިސާ އަށެވެ. ދެ ފަހަރެއްގެ މަތިން ހިނގި ނުރައްކާތެރި ހާދިސާތަކަށް ފަހު، މި މަރުކާގެ ބޯޓްތައް އުފެއްދުން ބޮއިން އިން ވަގުތީ ގޮތުން ހުއްޓައި ވެސް ލި އެވެ.