"ބިންގް" ގެ ނަން "މައިކްރޮސޮފްޓް ބިންގް" އަށް ރިބްރޭންޑްކޮށްފި

ބިންގް އަކީ މައިކްރޮސޮފްޓްގެ އަމިއްލަ "އިންޓަނެޓް ސާޗް އިންޖީން" އެކެވެ. ބިންގް ބަލަހައްޓައި ހިންގަނީ ވެސް މައިކްރޮސޮފްޓުންނެވެ.


ބިންގް އަކީ މީގެ ކުރިން "އެމްއެސްއެން ސާޗް" އެވެ. "ވިންޑޯޒް ލައިވް ސާޗް" އަދި "ލައިވް ސާޗް"ގެ ނަމުން ވެސް ނަންކިޔައި އުޅުނެވެ. މިހާރު މި ދައްކަނީ "ބިންގް"ގެ ނަން އަނެއްކާ ވެސް ބަދަލުކުރި ވާހަކަ އެވެ. މި ފަހަރު "މައިކްރޮސޮފްޓް ބިންގް" އަށެވެ. ބޭނުމަކީ ކޮބައިހެއްޔެވެ؟

އިންޓަނެޓުން މައުލޫމާތާއި އެހެނިހެން ތަކެތި ހޯދައިދިނުމަކީ ވެސް ބޮޑު ވާދަވެރިކަމެކެވެ. ބޮޑު ވިޔަފާރިއެކެވެ. ގޫގުލް އަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް، "ގޫގުލް ސާޗް" ހިއްސާކުރެ އެވެ. އެހެންކަމުން އިންޓަނެޓް ޕޯޓަލްތައް އެ ބަޔަކަށް ނިސްބަތްކުރުމަކީ ހައިސިއްޔަތު ދަމަހައްޓައިދޭ ކަމެއް ގޮތުގައި ބެލެވެ އެވެ.

ބިންގް އަކީ ދެތިން ދުވަސް ކުރިން ހަމަ ބިންގް އެވެ. އޭގެ ކުރިން ވެސް ކިތަންމެ ދުވަހަކު ބިންގްގެ ނަމުން ކިޔައިފި އެވެ. އެކަމަކު ކުއްލިއަކަށް މައިކްރޮސޮފްޓަށް ނިސްބަތްކޮށް އާންމުންނަށް ފެންނަ ގޮތަށް ނަން ބަދަލުކުރުން، ބައެއް މީހުން ސިފަކުރަނީ ހިކުމަތްތެރިކަމެއް ގޮތުގަ އެވެ. އަހަރެމެންނަށް އެނގެނީ ބިންގް މައިކްރޮސޮފްޓަށް ނިސްބަތްކުރުމުން ބަލައިގަންނަން ފަސޭހަވާނެ ކަމެވެ. ބިންގްގެ ނަން ބަދަލުކުރުމުގައި މި ނޫން ހިކުމަތެއް ނެތެވެ.

މައިކްރޮސޮފްޓަކީ ދުނިޔެ އަށް މަޝްހޫރު މަރުކާއެކެވެ. ގޫގުލް، އެމެޒޯން އަދި ސެމްސަންގް ފަދައިންނެވެ. އެ ކުންފުންޏަކަށް ނޭނގި ވެސް އެ ކުންފުންޏަކަށް ސަޕޯޓްކުރާ އަދި އުފެއްދުންތައް ބޭނުންކުރާ މީހުން އުޅެ އެވެ. ސެމްސަންގް ފޯނެެއް ނޫނީ ބޭނުންނުކުރާ މީހުން އުޅެ އެވެ. ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް ގޮތުގައި އެމެޒޯން އެލެކްސާ ނޫން އުފެއްދުމެއް ބޭނުންނުކުރާ މީހުން ވެސް އުޅެ އެވެ. މިއީ ފަރުދީ އިޚުތިޔާރެވެ. އުފެއްދުންތައް ކުންފުންޏަށް ނިސްބަތްކުރަނީ މި ފަދަ ޝަރަފަށްޓަކަ އެވެ. ހިތާމަ އަކީ މައިކްރޮސޮފްޓަށް ގޮތެއް ނިންމަން މިހާ ދުވަސް ނެގުމެވެ.