އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް ނޭނގި ކެމެރާ އިން ބަލަނީ!

މިއީ ސޯޝަލް އެޕްލިކޭޝަންތައް ބޭނުންކުރާ މީހުން ކުރާ ޝަކުވާއެކެވެ. ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފަރުދީ މައުލޫމާތުން ވައްކަންކުރާ ވާހަކަ އެވެ. ފޭސްބުކަށް މިހާރު ލިބިގެން އުޅެނީ މިހަކަ ލަނޑެކެވެ.


އިންސްޓްގްރާމް ބޭނުންކުރާ އެމެރިކާ މީހަކު ފޭސްބުކާ ދެކޮޅަށް ދައުވާކުރަނީ އެވެ. އެއީ އިންސްޓަގްރާމް ބޭނުން ނުކޮށް އޮންނައިރު ވެސް ފޯނުގެ ކެމެރާ އޮޓަމެޓިކުން ޖައްސައި އޭނާ އުޅޭ ނޫޅޭ ގޮތް ބަލާ ކަމަށް ބުނެ އެވެ. އިންސްޓަގްރާމް ބޭނުންކުރާ މީހަކު ފޭސްބުކާ ދެކޮޅަށް ދައުވާކުރާ ސަބަބަކީ އިންސްޓަގްރާމަކީ ފޭސްބުކުން ހިންގާ ނެޓްވޯކަކަށް ވާތީ އެވެ.

އެމެރިކާގެ ނިއު ޖާޒީގައި ދިރިއުޅޭ ބްރިޓަނީ ބުނީ، އިންސްޓަގްރާމުން ކެމެރާ ޖައްސާކަން އޭނާ ގެންގުޅޭ އައިފޯން ބުނެދޭ ކަމަށެވެ. އޭނާ ފޯނު ބޭނުންނުކޮށް އޮންނައިރު އަދި އަމުދުން އިންސްޓަގްރާމް ނުހުޅުވާއިރު ވެސް އެ ނޮޓިފިކޭޝަން އައިސްފައި އޮންނަ ކަމަށް ބުންޏެވެ. ބްރީޓަނީ ބުނި ގޮތުގައި ނޮޓިފިކޭޝަންތަކުން ދޭހަވަނީ އިންސްޓްގްރާމުން ޖާސޫސްކުރާ ކަމެވެ.

ފޭސްބުކުން، މި މައްސަލާގައި ވާހަކަދައްކަމުން ބުނީ، އިންސްޓަގްރާމް އަޅާފައި އޮންނަ ފޯނެއްގެ ކެމެރާ އަމިއްލަ އަށް ޖެހެނީ އިންސްޓަގްރާމްގައި އުޅޭ "ބަގެއް" – ދޯހަޅި ކަމެއްގެ ސަބަބުން ކަމަށެވެ. އެއީ ޖާސޫސްކުރުން ނޫން ކަމަށް ބުނެ އިންކާރުކުރަމުން ބުނީ، އެކަން ރަނގަޅުކުރާނެ ކަމެވެ.

ބްރިޓަނީ ބުނީ އެއީ ބަގެއް ނޫން ކަމަށާއި ގަސްދުގައި ކުރާ ކަމެއް ކަމަށެވެ. ފޭސްބުކުން އެކަން އެ ގޮތަށް ކުރަނީ އިންސްޓަގްރާމް ބޭނުންކުރާ މީހުން އުޅޭ ތަންތަން ބަލަން ކަމަށެވެ. ގޭތެރޭގައި ގެންގުޅޭ ތަކެތި ބަލައި، ބޭނުންކުރަނީ ކޮން ބާވަތެއްގެ ފަރުނީޗަރެއް ނުވަތަ ކާންބޯން ބޭނުންކުރާ ތަކެތި ވެސް ދެނެގަންނަ ކަމަށް ބުންޏެވެ. އެއީ އެ ޕްރޮޑަކްޓްތައް ވިއްކާ ފިހާރަޔަކާ ޑީލްހަދައި މާލީ މަންފާ ހޯދުމަށް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އިންސްޓަގްރާމް ނުވަތަ ފޭސްބުކް ބޭނުންނުކޮށް އޮންނައިރު ފޯނުގެ ކެމެރާއިން ޖާސޫސްކުރުމަކީ، އަމިއްލަ ގެދޮރުގައި ހިނގައިދާ ލަދުވެތި މުއާމަލާތްތައް ވެސް އެހެން ބަޔަކަށް އެނގި ޒާތީ ސިފަ ގެއްލިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ދައުވާގައި ބްރިޓަނީ ފާހަގަކޮށްފައިވެ އެވެ.