ގެއްލުނު އިންޑިއާގެ ފުލުސް އޮފިސަރު ސިންގް. --ފޮޓޯ:ބީބީސީ
25 ނޮވެމްބަރ 2021 - 15:45
މުމްބާއީ (ނޮވެމްބަރު 25) - ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވިފައިވާ އިންޑިއާގެ ފުލުސް އޮފިސަރަކު ގެއްލިގެން ހޯދަމުންދާތާ މަސްތަކެއް ފަހުން ފެނިއްޖެ އެވެ.
ގެއްލުނު އުމުރުން 59 އަހަރުގެ ޕްރަމްބީރު ސިންގަކީ މުމްބާއީ ފުލުހުންގެ ކުރީގެ ވެރިޔާ އެވެ. އޭނާ މިއަދު ވަނީ މުމްބާއީގެ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެފަ އެވެ. ސިންގް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައި ވަނީ އޭނާ ހައްޔަރު ކުރުމާ ދެކޮޅަށް ހިމާޔަތް ދޭން ސުޕްރީމް ކޯޓުން އެންގިތާ ދެ ދުވަސް ފަހުންނެވެ. އަދި ކޯޓުން ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ސިންގަށް އަންގައިފަ އެވެ.
ސިންގް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މެއި މަހު މުމްބާއީންނެވެ. އޭގެ ފަހުން އޭނާ އުޅުނީ ކޮން ތަނެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް ސިންގުގެ ވަކީލް އިންޑިއާގެ އެންމެ މަތީ ކޯޓުގައި ހޯމަ ދުވަހު ބުނެފައި ވަނީ ސިންގް އުޅުނީ އިންޑިއާގައި ކަމަށާއި އޭނާ ފިލައިގެން އުޅެން ޖެހިފައި ވަނީ ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ކަމަށެވެ.
އިންޑިއާގެ ގިނަ ނިއުސް ޗެނަލްތަކުން ބުދަ ދުވަހު ސިންގްއާ ހަވާލާދީ ބުނެފައި ވަނީ ސިންގް އުޅުނީ ޗަންދިގާރް ސިޓީގައި ކަމަށެވެ. އެ ސިޓީގައި އޭނާގެ އާއިލީ ގެއެއް ހުރެ އެވެ.
ޕޮލިސް އޮފިސަރާ ދެކޮޅަށް ރިޝްވަތުގެ ފަސް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބެލުމަށް މަހާރާޝްތުރާ ސަރުކާރުން އުފެއްދި ޕެނަލަކަށް ހާޒިރުވުމަށް ސިންގް ވަނީ ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި އޭނާގެ ވަކީލުން ވަނީ އެ ތަހުގީގާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ސިންގުގެ ވަކީލުން އެދިފައި ވަނީ މުމްބާއީ ފުލުހުން އެ ތަހުހީގު ކުރުމުގެ ބަދަލުގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. ޕެޓިޝަނާ މެދު ދެ ފަނޑިޔާރުން ހިމެނޭ ބެންޗުން ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް ފަނޑިޔާރުން ވިދާޅުވެފައި ވަނީ ސިންގާއި މަހާރާޝްތުރާގެ ކުރީގެ ދާޚިލީ ވަޒީރު އަނިލް ޑެޝްމުކްއާ ދެމެދު ހިންގި ކަންކަން "ޝައުގުވެރިވަމުން" ދާ ކަމަށެވެ.
މުމްބާއީ ފުލުހުންގެ ވެރިޔާގެ މަގާމުން ސިންގް މާޗް މަހު ވަކިކުރީ އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބެލެވޭ މުކޭޝް އަންބާނީގެ ގޭގެ ބޭރުން ގޮވާތަކެތި ހަރުކޮށްފައިވާ ވެހިކަލެއް ފެނުމާ ގުޅިގެންނެވެ. އެ މައްސަލަ އިތުރަށް ބަލަން ޖެހުނީ، އޭގެ ފަހުން، އެ ވެހިކަލްގެ ވެރި މީހާގެ ހަށިގަނޑު މޫދުން ފެނުނު ފަހުންނެވެ. އެ މައްސަލައާ ގުޅިގެން މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުގެ ފުލުސް އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ދުވަސްތަކެއް ފަހުން ވަނީ މުމްބާއީ ފުލުހުންގެ ވެރިޔާގެ މަގާމުން ސިންގް ވަކިކޮށް މަހާރާޝްތުރާ ހޯމް ގާޑުގެ އިސްވެރިޔާގެ މަގާމަށް ހަމަޖައްސައިފަ އެވެ. އެއީ ފުލުހުންނަށް އެހީވުމަށް އުފައްދާފައިވާ ރިސޯސް މަދު ގާޑެކެވެ.
މަހާރާޝްތުރާގެ ހޯމް މިނިސްޓަރު ދެޝްމުކް ވިދާޅުވެފައި ވަނީ އެ ބަދަލު ގެންނަން ޖެހުނީ ސިންގުގެ ދަށުން މަސައްކަތް ކުރި ފުލުސް އޮފިސަރުން ހެދި ސީރިއަސް މިސްޓޭކްތަކެއްގެ ސަބަބުން ކަމަށެވެ.
އާ މަގާމާ ހަވާލުވުމަށް ފަހު ސިންގް ވަނީ ދެޝްމުކުގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތުހުމަތުކޮށް ސަރުކާރަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ތުހުމަތުތަކާ ގުޅިގެން ދެޝްމުކް ވެސް ވަނީ އިސްތިއުފާ ދޭން ޖެހިފަ އެވެ.
މިދިޔަ މެއި ފަހު ސިންގް ވަނީ މެޑިކަލް ލީވެއް ނަންގަވައިފަ އެވެ. އަދި ދެ ފަހަރެއްގެ މަތިން ވަނީ ލީވްގެ މުއްދަތު އިތުރުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ "ގެއްލިފަ" އެވެ. އަދި އެކަކަށް ވެސް (އާއިލާގެ މީހަކަށް ވެސް) ސިންގް ވީތަނެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
25 November 2021
އިންޑީޔާއަކީ އިންތިހާއަށް ކޮރަޕްޓް ތަނެއް. މިގައުމަން އިންޑިޔާ ސިފައިން ބޭނުމެއްނުވޭ. އިންޑިޔާ ސިފައިން އެމީހުންގެ ގަމުގެ ރައްޔިތުންނަށް ޚިދުމަތްކުރަން އަނބުރާ ގޮސް މިފަދަ ކަންކަން ހަލުކުރަންވީ.