މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު.
15 ޖެނުއަރީ 2017 - 10:56
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އިސްވެ ހުންނަވައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައިފި އެވެ.
މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ވައްޓައިލުމަށްޓަކައި އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވައިލައްވަމުން އިފްތިތާހް ކުރެއްވި މި ޕާޓީގެ ނަމަކީ، މެލޭޝިއަން ޔުނައިޓެޑް އިންޑިޖީނިއަސް ޕާޓީ (ޕީޕީބީއެމް) އެވެ.
މަލާވަތީ ސްޓޭޑިއަމްގައި ބޭއްވި އިފްތިތާހީ އެއްވުމުގައި މަހާތީރު ވިދާޅުވީ އަންނަ އާންމު އިންތިހާބުގައި އެ ޕާޓީ އަށް ވެރިކަން ލިބިއްޖެ ނަމަ، ރައްޔިތުންގެ ފައިދާ އަށް ގިނަ ކަންތަކެއް ކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ރައްޔިތުން އެންމެ ބޮޑަށް ދެކޮޅު ހަދާ ޖީއެސްޓީ އުވައިލުމަށް ވެވަޑައިގެންނެވި ވައުދެވެ.
މެލޭޝިޔާގެ ގިނަ މީހުން ދެކޭ ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ އަގުތައް މައްޗަށް ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ތައާރަފް ކުރި ޖީއެސްޓީގެ ސަބަބުންނެވެ. އެހެންކަމުން ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި ފައިސާގެ އަގު މަތި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މަހާތީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައު ސަރުކާރެއް ގާއިމުކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ލިބިއްޖެ ނަމަ، ބޮޑެތި މަޝްރޫއުތަކެއް ހިންގުމަށް ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުން ހަދާފައިވާ ބައެއް އެއްބަސްވުންތައް އަލުން މުރާޖައާ ކުރާނެ އެވެ. އޭގެ ތެރޭގައި ވެރިރަށް ކުއާލަ ލަމްޕޫރާއި ސިންގަޕޫރާ ދެމެދު ހައި ސްޕީޑް ރެއިލްވޭއެއް ގާއިމު ކުރުމަށް ހަދާފައިވާ އެއްބަސްވުމާއި އިރުމަތީ އައްސޭރި ސަރަހައްދުގައި ގާއިމުކުރާ ރެއިލްވޭގެ އެއްބަސްވުން ހިމެނެ އެވެ. މަހާތީރު ވިދާޅުވާ ގޮތުގައި އެ ދެ އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ބޮޑުވަޒީރު ނަޖީބްގެ ސަރުކާރަށް ފާޑުވިދާޅުވަމުން، ވެރިކަންކުރާ ޕާޓީ އަމްނޯ އިން މަހާތީރު ވަކިވެވަޑައިގަތީ މިދިޔަ އަހަރެވެ. އައު ޕާޓީ އުފެއްދެވުމަށް ފަހު، އަމްނޯގެ މެމްބަރުންނަށް މަހާތީރު ގޮވައިލެއްވީ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު ޕީޕީބީއެމްއާ ގުޅުމަށެވެ. އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރު ޕާޓީ އަށް ޣައްދާރުވުމުން ވެސް އޭނާ ޕާޓީން ވަކި ނުކުރެވޭ ނަމަ، އެހެން މެންބަރުންނަށް އޮތް ހަމައެކަނި ގޮތަކީ ޕާޓީން ވަކިވުން ކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯލި
15 January 2017
މެލޭޝިޔާގެ ތަރައްގީގެ ބާނީ އަކީ މަހާތީރު ކަމަށްވެއެވެ. ރަން ތިރީސް އަހަރުގެ ބާނީއަކީ މައުމޫނު ކަމަށް ބުނެއުޅެއެވެ. މޭލޭޝިޔާގެ ބޮޑުވަޒީރުގެ މަށްޗަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތު ކުރެވެއެވެ. ރާއްޖޭ ރައީސް ގެ މަށްޗަށްވެސްމެއެވެ. ބޮޑުވަޒީރާއި ރައީސްގެ ގުޅޭކަމަށް ފެންނަ ފޮޓޯތަކުން ހާމަވެއެވެ. މަހާތީރާއި މައުމޫނު ވެސް ވެރިކަން ކުރަމުންދާގޮތާމެދު ހިތްހަމަ ނުޖެހެއެވެ.
ތެއާސާ
15 January 2017
މައުމޫން ޕްލީސް ޓޭކް ނޯޓް. ތޭންކްސް.
އުއްމީދު
15 January 2017
މިއީ މައުމޫމަށް މިއަދު އޮތް ހަމަ އެކަނި ފުރުޞަތު. އެ މަނިކުފާނަށް ވެސް އައު ޕާޓީއެއް އުފެއްދޭނެ. ރިޔާސީ އިންތިޚާބު އައުމުގެ ކުރިން.
ނަޖީބް
15 January 2017
ރާއްޖޭގައި މިހާރު މިއޮތް "މިނިވަން" އިލެކްޝަން ކަމިޝަނުން ހަމަ ހިލާ މައުމޫން އައު ޕާޓީއެއް ހެދިޔަ ނުދޭނެ...އައު ޕާޓީއެއް ހަދަން މައުމޫން ކިތަންމެ ގިނަ ސޮއެއް ހޯދިނަމަވެސް އޭގެ ތެރެއިން ފިންގާޕްރިންޓް މައްސަލަޖެހިގެންނާއި ސޮއި ދިމާނުވެގެން ދުވަހަކުވެސް ޕާޓީއެއް ރަޖިސްޓްރީއެއް ނުވާނެ...ވަރަށް ސާފު ދެއްތޯ، އައު ޕާޓީއަކަށްވުރެ މާ ކުޑަކަމެއްނޫންތޯ ޕޕމގެ ރައީސްކަން އިނގޭ ލިޔުން ހޯދަންހުށަހެޅުމަކީ....ނަޖީބު ރައްޒާގުމެން އަދިވެސް ބޯ ޅަ އީ...އަދި އެއް މަހާސިންތާ ބާއްވާ ރާއްޖެއިން ރިޔާޒް ރަޝީދާއި އަދުރޭމެން ގޮސް ވާރކް ޝޮޕް ތަކެއް ހިންގުމަށް ގޮވާލަން
މާހާޛާ
16 January 2017
އެގޮތް އައުލާކަން ބޮޑުވެގެންވޭ،