މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ސިރިސޭނާ ބައްލަވަނީ

ކޮލަމްބޯ (ޖެނުއަރީ 23) - ސްރީ ލަންކާގެ މަރުކަޒީ ބޭންކުން ބޮންޑު ވިއްކުމުގައި ނާޖާއިޒު ފައިދާ ހޯދާފައިވާ މައްސަލަ ބެލުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަންގަވައިފި އެވެ.


ސިރިސޭނާ ވިދާޅުވީ ފެބްރުއަރީ 2015 ގައި މަރުކަޒީ ބޭންކުގެ އޭރުގެ ގަވަރުނަރުގެ ތިމާގެ މީހަކަށް ބޮންޑު ވިއްކި ކަމަށް ބުނާ މައްސަލަ ބެލުމަށް ހާއްސަ ޕެނަލެއް އުފައްދަވާނެ ކަމަށެވެ. މަރުކަޒީ ބޭންކަށް ގަވަރުނަރު އިޚުތިޔާރު ކުރެއްވީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.

"މަރުކަޒީ ބޭންކުން ބޮންޑު ވިއްކި މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނެއް މި ހަފުތާ ތެރޭ އުފައްދާނަން،" ސިރިސޭނާ ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވި އެވެ.

ރައީސް ސިރިސޭނާ ބަޔާން ނެރުއްވާފައި މި ވަނީ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަންއާ ބެހޭ ގޮތުން ތައްޔާރުކުރި ރިޕޯޓަކާ ގުޅޭ ގޮތުން ޕާލަމެންޓުގައި ބަހުސް ކުރަން ތައްޔާރުވެފައި ވަނިކޮށެވެ. މަހެންދުރަންގެ މައްޗަށް ޖިނާއީ ދައުވާ ކުރަން ރިޕޯޓުގައި ލަފާދީފައިވީ ނަމަވެސް ޕާލަމެންޓަށް އެ ބާރެއް ނޯވެ އެވެ. އެކަމަކު ރައީސް އުފައްދާ ރިޔާސީ ކޮމިޝަނަށް ވަނީ ޖިނާއީ ދައުވާ ކުރުމުގެ ބާރު ލިބިފަ އެވެ.

ލަންކާގެ ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް. --ފޮޓޯ:އޭއެފްޕީ

ލަންކާ ދަރިކޮޅުގެ ސިންގަޕޫރު މީހެއް ކަމަށްވާ މަހެންދުރަންގެ މުއްދަތު ޖޫން މަހު ހަމަވުމުން ސިރިސޭނާ ވަނީ މުއްދަތު އިތުރު ކުރަން ދެކޮޅު ހައްދަވައިފަ އެވެ. އަދި ގަވަރުނަރުގެ މަގާމަށް ވިކްރަމަސިންހަ ހުށަހެޅުއްވި އާ ނަމަށް ވެސް ސިރިސޭނާ ސަމާލުކަން ދެއްވައިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ދެ ބޭފުޅުންގެ މެދުގައި އިތުރު ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.

މަހެންދުރަންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަރުކަޒީ ބޭންކާ ގުޅޭ ސިއްރު މައުލޫމާތު އޭނާގެ ދަނބިދަރިއެއްގެ ކުންފުންޏަށް ލީކު ކުރުމާއި މަރުކަޒީ ބޭންކުގެ ބޮންޑުން އެ ކުންފުންޏަށް އެތައް މިލިއަން ޑޮލަރެއްގެ ފައިދާ ހޯދައިދީފައިވާތީ އެވެ.

މަހެންދުރަން ވަނީ އޭނާ ކުށެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. ގަވަރުނަރުގެ މަގާމުން ވަކިކުރި ފަހުން މަހެންދުރަން މަސައްކަތް ކުރައްވަމުން ގެންދެވީ ބޮޑު ވަޒީރު ރަނިލްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުންނެވެ.

ލަންކާގެ ރައީސް ކަމަށް ސިރިސޭނާ ޖެނުއަރީ 2015 ގައި ވަޑައިގެންނެވީ ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ތާއީދާ އެކު އެވެ. ޔޫއެންޕީން ވަނީ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ ފެކްޝަނަކާ އެކު އޮގަސްޓް 2015 ގައި ކޯލީޝަން ހަދާ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ. ނަމަވެސް ސިރިސޭނާ އާއި ރަނިލްއާ ދެމެދު ވަނީ އިގްތިސާދީ ސިޔާސަތާ މެދު ޚިޔާލު ތަފާތުވެފަ އެވެ. އަދި ސިރިސޭނާ އޮކްޓޯބަރު މަހު ވަނީ ޔޫއެންޕީގެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރުމަށް ފުލުހުންނާއި މިނިވަން މުއައްސަސާތައް ބޭނުން ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.