ހައިދަރުއާބާދުގައި ބޭއްވި އިވެންޓެއްގައި އިންޑިއާގެ ދަރިވަރުންތަކެއް ޖުމްހޫރީ ދުވަސް ފާހަގަ ކުރަނީ. --ފޮޓޯ:އޭއެފްޕީ
26 ޖެނުއަރީ 2017 - 13:53
ނިއު ދިއްލީ (ޖެނުއަރީ 26) - ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރާ ގުޅިގެން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކު އިންޑިއާގެ 68 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ފަށައިފި އެވެ.
އިންޑިއާގެ ގާނޫނު އަސާސީ 1950 ވަނަ އަހަރު ތަސްދީގު ކުރި ދުވަހާ ގުޅިގެން ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ އާދަކާދައިގެ މަތިން ބާއްވާ ޕެރޭޑް ނިއު ދިއްލީގައި މިއަދު ބާއްވާނެ އެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގެ ގާބިލްކަން ހުރި މިންވަރު ދިއްލީގެ ރާޖްޕާތުގައި ދައްކާލުން އޮންނާނެ އެވެ.
ހައިދަރުއާބާދުގައި އިންޑިއާގެ ދަރިވަރުންތަކެއް ޖުމްހޫރީ ދުވަސް ފާހަގަ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ލަޝްކަރީ ތޮއިބާ ފަދަ ޖަމާއަތްތަކުގެ އިންޒާރުތައް ލިބުމާ ގުޅިގެން ދިއްލީ އާއި އެނޫން ވެސް ސިޓީތަކުގައި މިއަދު ވަނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މި އަހަރުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަނީ އަބޫ ދާބީގެ ވަލީ އަހުދު ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހުޔާން އެވެ. ޖުމްހޫރީ ދުވަހުގެ ޕެރޭޑުގައި އިންޑިއާ ސިފައިންނާއި އެކު ޔޫއޭއީ ސިފައިން ވެސް ބައިވެރިވާނެ އެވެ.
ކަޝްމީރުގައި ދިން ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ތެރޭން ފާހަގަކޮށްލެވޭ މީހުންނަށް މެޑަލް ދިނުން ވެސް ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުގައި އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy