ޔަމަނަށް ދިން ހަމަލާގައި އާއްމުން މަރުވެފައިވާ ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

ވޮޝިންޓަން (ފެބްރުއަރީ 2) - ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާ އަށް އެމެރިކާގެ ކޮމާންޑޯ އިން އާދިއްތަ ދުވަހު ދިން ހަމަލާގައި އާއްމުން މަރުވެފައިވާނެ ކަމަށް އެމެރިކާ ސިފައިން އެއްބަސްވެއްޖެ އެވެ.


އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި އާއްމުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. ބައިދާ ޕްރޮވިންސަށް އެމެރިކާ އިން ދިން ހަމަލާގައި އާއްމުންގެ 16 މީހުން މަރުވެފައިވާ ކަމަށް ޔަމަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އަށް އަހަރުގެ އަންހެން ކުއްޖެއް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔަމަނަށް ދިން ހަމަލާ އަކީ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ހުއްދަ ދީގެން ހިންގި ފުރަތަމަ އޮޕަރޭޝަނެވެ. އެމެރިކާ ސިފައިން ކުރިން ބުނެފައި ވަނީ ޔަމަނުގެ ޔަކްލާ އަވަށަށް ދިން ހަމަލާގައި ނޭވީ ސީލުގެ މީހަކު މަރުވެ ތިން މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހަމަލާ ދިނުމުގައި އަޕާޗޭ ހެލިކޮޕްޓަރުތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ.

އެމެރިކާ ސިފައިން ބުނެފައި ވަނީ 45 މިނިޓުގެ ބަޑީގެ ހަމަލާގައި މަރުވި 14 މީހުންގެ ތެރޭގައި އަލްގައިދާގެ ތިން ލީޑަރުން ވެސް ހިމެނޭ ކަމަށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ފައިދާ ނަގައި އަލް ގައިދާ އިން ވަނީ އެ ގައުމުގެ ދެކުނާއި އިރު ދެކުނުގައި ބާރުގަދަކޮށްފަ އެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ޔަމަނުގައި ވަނީ ރައީސް އަބްދުލް ހާދީ މަންސޫރަށް ވަފާތެރި ސިފައިންނާއި ޝިއައީ ހޫތީންނާ ދެމެދު ހަނގުރާމަ ހޫނުވެފަ އެވެ.