ބިންހެލުމުގައި ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ވެއްޓުނު ހަދަމުން ދިޔަ އިމާރާތުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
28 މާޗް 2025 - 13:45
މިއަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތައްވެ ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.
މިޔަންމާގެ މެދުތެރެއަށް ބާރުގަދަ ބިންހެލުމުގައި، ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. މީހުން މަރުވި ކަމެއް އަދި އެއީ ކިހާ އަދަދެއް ކަމެއް އަދި ކަށަަވަރެއް ނުވެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައީ މިއަދު މެންދުރު ފަހު ސަގައިން ސިޓީގެ ހުޅަނގު އުތުރުން ބިމު ވަރަށް ތިލަ ހިސާބަކަށް ކަމަށެވެ. އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގެ ލޮޅުމެއް ވެސް ވަނީ އަރައިފަ އެވެ.
ބިންހެލުމުގައި މިއަންމާގެ މަގެއް ހަލާކުވެފައި. -- ފޮޓޯ: އޭއެފްޕީ
ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް މި ބިންހެލުމުގައި ގެއްލުންވެ، ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ވަނީ އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ. ބެންކޮކްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރޭގައި އެ ސިޓީގެ އުތުރުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓުން ހިމެނެ އެވެ. އެ ތަނުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.
މި ބިންހެލުމުގައި މީހުން މަރުވިކަމުގެ މައުލޫމާތެއް އަދި ނެތް ނަމަވެސް ތައިލެންޑުގެ އުތުރުގެ ސިޓީތަކަށާއި ވެރިރަށް ބެންކޮކްގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ބެންކޮކްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވި އިރު، އެ ސިޓީގެ ބައެއް މެޓްރޯ އަދި ރޭލް ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ.
ބިންހެލުމުގައި މިއަންމާއިން އަނިޔާވި މީހުންނަށް ފަރުވާ ދޭން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
ޗައިނާގެ ހުޅަނގު ދެކުނު ޔުނާން ޕްރޮވިންސަށް ވެސް ބިންހެލުމުގެ އިހްސާސް ކުރެވިފައިވާ ކަމަށް، ބިންހެލުން ދިރާސާކުރާ ބެއިޖިންގެ އޭޖެންސީން ބުނެފައިވެ އެވެ. އެ އިދާރާއިން ބުނީ ބިންހެލުމުގެ ބާރުމިން ހުރީ 7.9 މެގްނިޓިއުޑްގައި ކަމަށެވެ.
މިޔަންމާއަށް 1930 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ދެމެދު 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބާރުގަދަ ހަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެ އެވެ. އެއީ މިއަންމާގެ މެދުތެރެއިން އުތުރާއި ދެކުނަށް އޮން ސާގިން ފޯލްޓް ކައިރިއަށް އަންނަ ބިންހެލުންތަކެވެ.
މިޔަންމާގެ މެދުތެރޭގެ ކުރީގެ ވެރިރަށް ބަގާންއަށް 2016 ވަނަ އަހަރު އައި 6.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ތިން މީހަކު މަރުވެ ގިނަ އަދަދެއްގެ ފައްޅިތައް ވެއްޓުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައް25
30 March 2025
ބިންހެލުމާ ބޮޑެތި ކާރިސާތަތް ކުރިމަތިނުވާފަދަ ގައުމެއްނޫތި ތައިލެންޑަކީ ، ހެއްދެވިހާ ހުރިހާނުބައިކަމެއް ރޯމާދުވާލު ކުރާބަޔެއް އެއީ ، ފާޅުވެގެންވާ ގޮތެއްގައި..
ހަދާށޭދޯ
28 March 2025
ބިންހެލުމުގެ އަސަރުނުކުރާނެ އުސޫލުން އިމާރާތްތަކާއި މަގުތައް ހަދަން ގައުމު ތަކުގެ ސަރުކާރުން ނުވިސްނާތީވެ އޭގެ ހިތާމަ ކުރަން މިޖެހެނީ ގައުމުގެ ރައްޔިތުން އުމުރު ދުވަހު މަސައްކަތް ކޮށްގެން ހޯދި ފައިސާ ކޮޅުން ބިނާ ކޮށްފައިވާ އިމާރާތް ތައް ބިމާއި ހަމަވުމުން އޭގެ ދެރަ މިލިބެނީ މުޅި ގައުމަށޭ މިގައުމުގައި ވެސް ރާއްޖެތެރޭ ރަށްރަށުގައި މީހުން އުޅުމުގެ ބަދަލުގައި އެންމެން މާލެ ސަރަހައްދުގައި ދިރިއުޅޭނަމަ ރަސްމާލެ ފަދަ އުސްކޮށް ފަސްއަޅާ ހަދާފައިވާ ރަށްތައް