އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވަނީ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް ބަދަލުކުރަން ނިންމަވާފައި. -- ފޮޓޯ: އޭއެފްޕީ
05 ސެޕްޓެމްބަރ 2025 - 09:26
އެމެރިކާގެ ދިފާއީ ވުޒާރާ، ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަމެއްގެ ގޮތުގައި "ޑިޕާޓްމަންޓް އޮފް ވޯ" ބޭނުންކުރަން ނިންމައިފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕު މިގޮތަށް ނިންމަވާފައި މި ވަނީ ނަމަށް މި ގެންނަ ބަދަލުގެ އެމެރިކާގެ ބާރާއި ހައިބަތު އިތުރަށް ވަރުގަދަކޮށް ފެންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހުގަ އެވެ.
ވައިޓް ހައުސްގެ ލިޔުމެއްގައިވާ ގޮތުން ޑިފެންސް ޑިޕާޓްމަންޓުގެ "ސެކަންޑަރީ ޓައިޓަލް" އެއްގެ ގޮތުގައި "ޑިޕާޓްމަންޓް އޮފް ވޯ" ބޭނުންކުރުމާ ބެހޭ ގޮތުން ރިޔާސީ ގަރާރެއް ނެރުއްވާނެ އެވެ. ތަނުގެ ނަން އެއްކޮށް ބަދަލު ނުކޮށް، ދެ ވަނަ ނަމެއްގެ ގޮތުގައި ރީބްރޭންޑްކުރަނީ "ޑިޕާޓްމަންޓް އޮފް ޑިފެންސް" އަކީ ރަސްމީ ނަމުގެ ގޮތުގައި ގާނޫނަކުން ކަނޑައަޅާފައި ވާތީ އެވެ.
ވައިޓް ހައުސްގެ ލިޔުމުގައި ބުނެފައިވަނީ ނަމަށް ގެންނަ ބަދަލުން "ތައްޔާރީ ހާލަތުގައި އޮންނާނެކަމާއި ވަރުގަދަ އަޒުމްގެ މެސެޖު" ފޯރުކޮށްދޭނެ އެވެ.
ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އެ ޑިޕާޓްމަންޓުގެ ނަމުން ބޮޑަށް ދޭހަވަނީ "ދިފާއީ" ރޫހެވެ. އެހެންވެ އެއަށްވުރެ ވަރުގަދަކޮށް އެ ނަން އޮންނަން ބޭނުންވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ވޯ އަކީ "އަހަރެމެން ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމަ އާއި ހުރިހާ ކަމެއްގައި ކާމިޔާބު ހޯދި އިރު ބޭނުންކުރި ނަން" ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އެމެރިކާއަށް މިނިވަންކަން ލިބުނުތާ ކުރީކޮޅު އުފެއްދި ޑިޕާޓްމަންޓް އޮފް ވޯ އަކީ އެމެރިކާގެ އެއްގަމު ސިފައިންގެ ކަންކަމަށް އޭރު ހާއްސަ ޑިޕާޓްމަންޓެކެވެ.
ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަމަށް ބަދަލުކުރީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެމެރިކާގެ ނޭވީ އާއި އެއާ ފޯސް ޔުނިފައިޑް ނޭޝަނަލް މިލިޓަރީ އެސްޓަބްލިޝްމަންޓަކަށް ބަދަލުކޮށް، 1949 ވަނަ އަހަރު އެވެ.
ނަމަށް ގެންނަން ނިންމާފައިވާ ބަދަލާ އެކު ވައިޓް ހައުސްގެ ލިޔުމުގައި ޓްރަމްޕު ވަނީ ދާއިމީކޮށް ނަން ބަދަލުކުރުމަށް ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރުމަށް ސެކްރެޓަރީ އޮފް ވޯ އަށް އަންގަވައިފަ އެވެ.
ރަސްމީ ސިޓީތަކާއި، އާންމު އިއުލާނުތަކާއި ރަސްމީ އެކި ކަންކަމުގައި އަދި އެގްޒެކެޓިވް ބްރާންޗްގެ ތެރޭގައި ގާނޫނީ ލިޔުންތަކުގައި "ސެކަންޑަރީ ޓައިޓްލްސް" ބޭނުންކުރުމުގެ ހުއްދަ އޮފިޝަލުންނަށް ވަނީ ދީފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްކުޅިބޭ
07 September 2025
ހުރިހާ ގައުމުތަކުން ވެއްޖެ މި ޓްރަމްޕުގެނަން "ބޯބުރާންތި" މިނަމަށް ބަދަލުކޮށް އެނަން ބޭނުންކުރަން. އެކަމުގެ ހުއްދަ އަހަރެންދީފިން
20251
06 September 2025
މީދެންމާ ވަރުގަދަ ގޮލަޔެކޯ މީދެން ކާކުތެ!.... ބޮއިހަލަކި
ޖަލީލީ
06 September 2025
އަމިއްލަ ހިޔަންޔަށް މުޑިނަގަން ތިއްބާ ފަހަތުން އަރާ ޗައިނާ ރަޝިޔާ އަދި ބްރިކުސް ފަހަތުން އަރާ ގޯލް ޖަހަނީ އެޔޮށް.
ޕީސްމޭކަރ
06 September 2025
ނޮބެލް ޕީސް ޕްރައިޒް ކެނޑިޑޭޓުގެ ފެންވަރު. ކީކޭ ދެން ބުނާނީ. ޔަހޫދީ ބައިގަނޑު ލައްވާ އެތައް އިންސާނުންނެއް ކަތިލުމަށް ހިއްވަރުދީ. އެވަރު ނުވެގެން ޑިފެންސްގެ ނަން ހަނގުރާމައަށް ބަދަލުކޮށްގެން ޕީސް ލިބޭނެ. ބޯހަލާކު މި ޕީސް މެކަރާ ހެދި.
އެދުރު ބެ
06 September 2025
ޑިޕާޓްމަންޓް އޮފް ޓެރަރިޒަމް އެންމެ ގުޅެނީ ކަލޭމެންގެ އަމަލުތަކާ
ޗަކް
05 September 2025
މާހައިބަތު ބޮޑުވާނެ، ޑިޕާޓްމެންޓް އޮފް ބޮމާސް ކީމަ.
raajje
05 September 2025
އެމެރިކާއަކީ ތަކުރާރުކޮށް ޓެރަރިޒަމްގެ އަމަލުތައްހިންގަމުންދާ ގައުމެއް، ގައުމުތަކުން އެއްޗެއްނުބުނެތިބެނީ ބޭކާރުމައްސަލަގަނޑެއްގެތެރެއަށްވަންނަންބޭނުންނުވާތީ، އެމެރިކާގެ ހައިބަތަކާ ގަދަރެއްއޮވެގެނެއްނޫން،
އެނދިމަރިޔަނބު
05 September 2025
ޔުނައިޓެޑް ސްޓޭޓްސް އޮފް ޓެރަރިޒަމް ގެ ޑިޕާޓްމަންޓް އޮފް ޓެރަރިޒަމް.
ޑެބީ
05 September 2025
ކަލެއަށް އެކަނިތަ ނަން ބަދަލުކުރެވޭނީ؟ އަހަރެމެންވެސް މިރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ ނަން ބަދަލުކޮށްލާނަން. މިނިސްޓްރީ އޮފް ޔޫސްލެސް އަށް.
މީމު.
05 September 2025
ބަރާބަރު ނަމެއް! އަދި ތިންވަނަ ނަމެއް ވެސް ކިޔަން ފެނޭ! ޑިޕާޓްމަންޓް އޮފް ޓެރަރިސްޓް