މެލޭޝިއާގެ ސްކޫލް ދަރިވަރަކަށް ސްޓާފަކު ވަރަށް ބޮޑަށް އަނިޔާކޮށްފި

ކުއާލަ ލަމްޕޫރު (އެޕްރީލް 26) - މެލޭޝިއާގެ ސްކޫލް ދަރިވަރަކަށް ސްޓާފަކު ވަރަށް ބޮޑަށް އަނިޔާކޮށް، އިންފެކްޓްވުމުން، ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.


ޑޮކްޓަރުން ބުނީ މިހާރު ވެސް ކޯމާއެއްގައި އޮތް 11 އަހަރުގެ ދަރިވަރުގެ އެއް އަތް ވެސް ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ މާޗު މަހު ދަރިވަރަށް އަނިޔާކޮށްފައި ވަނީ ދެކުނުގެ ކޮޓާ ޓިންގީގެ ޕްރައިވެޓް އިސްލާމިކް ސްކޫލެއްގެ އެސިސްޓެންޓް ސްޕަވައިޒަރެއް ކަމަށެވެ. ދަރިވަރުގެ ޑައިރީއާ ހަވާލާދީ މެލޭޝިއާގެ މީޑިއާތަކުން ބުނެފައި ވަނީ ސްކޫލުގައި ދޭތެރެދޭތެރެއިން އަނިޔާ ކުރާ ކަމަށެވެ.

ދަރިވަރަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ސުޕަވައިޒަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ދަނީ ސީސީޓީވީ ފުޓޭޖްތައް ބަލަމުންނެވެ. ދަރިވަރުގެ ދަށް ފަޔަށް ސުޕަވައިޒަރު އަނިޔާކުރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް މެލޭޝިއާގައި ދީނީ ސްކޫލްތައް ހިންގާ ގްރޫޕަކުން ބުނެފައިވެ އެވެ.

އިންފެކްޝަން ހުއްޓުވުމަށް ދަރިވަރުގެ ފައި ބުރިކޮށްލީ ހުކުރު ދުވަހު އެވެ. އަތުގައި ލޭކޮޅެއް ގަނޑުވުމުން ހޮނިހިރު ދުވަހު ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. ދަރިވަރުގެ ބޮޑު ދައިތައެއް ނިއު ސްޓްރައިޓް ޓައިމްސް ނޫހަށް ބުނީ ކުއާލަ ލަމްޕޫރުގެ ހޮސްޕިޓަލުގެ ދަރިވަރުން މިހާރު ދަނީ ދަރިވަރުގެ ވާތު ކޮނޑުގައި ގަނޑުވެފައިވާ ލޭކޮޅެއް މޮނިޓާ ކުރަމުން ކަމަށެވެ. އަދި އެ ލޭކޮޅު ގަނޑުވެފައި އިންނަ ނަމަ އަތް ބުރިކޮށްލަން ޖެހޭނެ ކަމަށް ވެސް ބޮޑު ދައިތަ ބުނެފައިވެ އެވެ.

ފުލުހުން ބުނީ ދަރިވަރާއި އޭނާގެ ކްލާހުގެ 14 ދަރިވަރުންނަށް މާޗު މަހު 24 ވަނަ ދުވަހު ސުޕަވައިޒަރު އަނިޔާ ކުރީ ސްކޫލް އެސެމްބްލީގައި އަޑުގަދަކުރި ކަމަށް ބުނެ އެވެ. ދަރިވަރުގެ ޑައިރީގައި ބުނެފައިވާ ގޮތުގައި އެއް ދަރިވަރަކަށް ގޯހެއް ހެދުނު ނަމަވެސް ހުރިހާ ދަރިވަރުންނަށް އަދަބު ދޭ ކަމަށެވެ.