ސްކޫލް ސްޓާފު އަނިޔާކުރި ދަރިވަރު މަރުވެއްޖެ

ކުއާލަ ލަމްޕޫރު (އެޕްރީލް 26) - މެލޭޝިއާގެ ސްކޫލް ދަރިވަރަކަށް ސްޓާފަކު ވަރަށް ބޮޑަށް އަނިޔާކުރުމުން ފައި އިންފެކްޓްވުމުން، ފައި ބުރިކޮށްލަން ޖެހުނު ދަރިވަރު މަރުވެއްޖެ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.


އެގާރަ އަހަރުގެ ދަރިވަރުގެ ބައްޕަ މުހައްމަދު ގައްދާފީ ކަރީމް، 43، ބުނީ އޭނާގެ ދަރިފުޅު މަރުވީ ކުއާލަ ލަމްޕޫރުގެ ސުލްތާން އިސްމާއިލް ހޮސްޕިޓަލުގައި އަތުގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ. ޑޮކްޓަރުން ބުނީ ވާތު ކޮނޑުގައި ގަނޑުވެފައިވާ ލޭކޮޅެއްގެ ސަބަބުން އެ އަތް ބުރިކޮށްލަން ޖެހިދާނެ ކަމަށެވެ. އޮޕަރޭޝަން ފަސްކުރީ ހާޓް ރޭޓް ހަމައަކަށް ނޭޅުމުގެ ސަބަބުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ މާޗު މަހު ދަރިވަރަށް އަނިޔާކޮށްފައި ވަނީ ދެކުނުގެ ކޮޓާ ޓިންގީގެ ޕްރައިވެޓް އިސްލާމިކް ސްކޫލެއްގެ އެސިސްޓެންޓް ސްޕަވައިޒަރެކެވެ. ދަރިވަރަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ 29 އަހަރުގެ ސުޕަވައިޒަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ އަހަރު އެ ސްކޫލަށް ގެނައި ސުޕަވައިޒަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެ އެވެ. އަދި އޭނާ ވަނީ 30 މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފަ އެވެ.

ފުލުހުން ދަނީ ސްކޫލުގެ ސީސީޓީވީ ފުޓޭޖްތައް ބަލަމުންނެވެ. ދަރިވަރުގެ ދަށް ފަޔަށް ސުޕަވައިޒަރު އަނިޔާކުރާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް މެލޭޝިއާގައި ދީނީ ސްކޫލްތައް ހިންގާ ގްރޫޕަކުން ބުނެފައިވެ އެވެ. ދަރިވަރުގެ ޑައިރީއާ ހަވާލާދީ މެލޭޝިއާގެ މީޑިއާތަކުން ބުނެފައި ވަނީ ސްކޫލުގައި ދޭތެރެދޭތެރެއިން އަނިޔާ ކުރާ ކަމަށެވެ.

އިންފެކްޝަން ހުއްޓުވުމަށް ދަރިވަރުގެ ފައި ބުރިކޮށްލީ ހުކުރު ދުވަހު އެވެ. އަތުގައި ލޭކޮޅެއް ގަނޑުވުމުން ހޮނިހިރު ދުވަހު ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

ފުލުހުން ބުނީ ދަރިވަރާއި އޭނާގެ ކްލާހުގެ 14 ދަރިވަރުންނަށް މާޗު މަހު 24 ވަނަ ދުވަހު ސުޕަވައިޒަރު އަނިޔާ ކުރީ ސްކޫލް އެސެމްބްލީގައި އަޑުގަދަކުރި ކަމަށް ބުނެ އެވެ. ދަރިވަރުގެ ޑައިރީގައި ބުނެފައި ވަނީ އެއް ދަރިވަރަކަށް ގޯހެއް ހެދުނު ނަމަވެސް ހުރިހާ ދަރިވަރުންނަށް އަދަބު ދޭ ކަމަށެވެ.