ގޭސް ލީކުވުމުން ހަތަރު ހޮސްޕިޓަލެއްގައި ވަނީ ދަރިވަރުންނަށް ފަރުވާ ދީފައި. --ފޮޓޯ:އީޕީއޭ
06 މެއި 2017 - 15:20
ނިއު ދިއްލީ (މެއި 6) - އިންޑިއާގެ ނިއު ދިއްލީގެ ސްކޫލެއްގައި ވިހަ ގޭހެއް ބޭރުވެ 200 އަށް ވުރެ ގިނަ ދަރިވަރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ބައެއް ދަރިވަރުން ލޮލާއި ކަރުތެރެ ހިރުވާތީ ޝަކުވާ ކޮށްފައިވާ ކަމަށެވެ. އެޑްމިޓް ކުރި ދަރިވަރުންގެ ތެރޭގައި ނުރައްކާ ހާލަތެއްގައި އޮތް ދަރިވަރަކު ނެތް ކަމަށްވެ އެވެ. ސްކޫލްގައި ލީކުވެފައިވަނީ ކްލޮރޯމެތީލް ގޭހެވެ. އެއީ ޕެސްޓިސައިޑާއި އިންސެކްޓިސައިޑް އުފައްދަން ބޭނުން ކުރާ ގޭހެކެވެ.
ދިއްލީ ޗީފް ފަޔާ އޮފިސާ އަތުލް ގާގް ވިދާޅުވީ ގޭސް ލީކުވެފައި ވަނީ ސަރުކާރުން ހިންގާ އަންހެން ކުދިންގެ ސްކޫލެއްގައި ކަމަށެވެ. އަދި ގޭސް ލީކުވުމާ އެކު ހުރިހާ ދަރިވަރުންނާއި ސްޓާފުން ނެރެ ސްކޫލް ހުސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގޭހުގެ އަސަރު ކުރި ދަރިވަރުން އެޑްމިޓްކޮށްފައި ވަނީ ހަތަރު ހޮސްޕިޓަލެއްގަ އެވެ.
ގޭސް ލީކުވުމަކީ އިންޑިއާގައި އާއްމުކޮށް ހިނގާ ހާދިސާތަކެވެ. ގިނަ ހާދިސާތައް ހިނގަނީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ނުކުރާތީ އެވެ. ޗަޓިސްގާރް ސްޓީލް ޕްލާންޓެއްގައި 2014 ވަނަ އަހަރު ހިނގި ގޭސް ލީކުވުމުގެ ހާދިސާއެއްގައި ހަ މީހުން ވަނީ މަރުވެފަ އެވެ. ބޯޕާލްގައި 1984 ވަނަ އަހަރު ހިނގި ވިހަ ގޭސް ލީކުވުމުގެ ހާދިސާއެއްގައި ވަނީ 25،000 މީހުން މަރުވެފަ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް ހިނގި ކަމަށް ބެލެވޭ ސިނާއީ އެންމެ ހިތާމަވެރި ހާދިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޭބަރި
06 May 2017
ގޭސް ލީކުވީ ސްކޫލް ކާރީގަ ހުރި ކެމިކަލް ކޮންޓެއިނަރަކުން.