މިސްރުގެ ދެ ރަށް ސައޫދީ އަށް ދޫކޮށްލައިފި

މިސްރުގެ ދެ ރަށުގެ ގޮތުގައި ޒަމާނުއްސުރެ ބަލަމުން އައި، ރަތް ކަނޑުގެ ދެ ޖަޒީރާ ކަމަށްވާ ތީރާން އާއި ސަނާފީރް ސައޫދީ އަރަބިއްޔާ އަށް ދޫކޮށްލުމާ ބެހޭ އެއްބަސްވުން، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.


މި ދެ ރަށް މިސްރުން ސައޫދީ އަރަބިއްޔާ އަށް ދޫކޮށްލުމަށް މިސްރުން އެއްބަސްވީ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް މިދިޔަ އަހަރު މިސްރަށް ކުރެއްވި ދަތުރުފުޅުގައި މިސްރުގެ ސީސީއާ އެކު ކުރެއްވި މަޝްވަރާތަކުގަ އެވެ.

އެ ދެ ރަށް ސައޫދީ އަށް ދޫކޮށްލުމަށް ސީސީ ނިންމެވުމުން އޭނާއާ ދެކޮޅަށް ވެރިރަށް ގާހިރާ އާއި ބޮޑެތި ބައެއް ސަހަރުތަކުގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ވެސް ކުރި އެވެ. މި ކަމާ ދެކޮޅު ހަދާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސައޫދީން ދޭ މާލީއެއްގެ ދަހިވެތިކަމުގައި ސީސީ އެ ދެ ރަށް ސައޫދީ އަށް ވިއްކަވައިލެއްވީ އެވެ.

މިސްރުގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް، މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެ ދެ ރަށް ސައޫދީ އަށް ދޫކޮށްލުމުގެ އެއްބަސްވުމަށް ރުހުން ދީފަ އެވެ. ނަމަވެސް އެ ދެ ރަށުގެ ސިޔާދަތާ މެދު މިސްރުގެ ތަފާތު މަރުހަލާތަކުގެ ކޯޓުތަކުގައި މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މިސްރުގެ ދެ ރަށް ސައޫދީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމާ ބެހޭ ގޮތުން ރައީސް ސީސީ މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މިސްރު ސަރުކާރުގެ ގާނޫނީ ވަކީލަކު ރޮއިޓާސް ނިއުސް އޭޖެންސީ އަށް ވިދާޅުވި ގޮތުގައި، ރައީސް ސީސީ އެ އެއްބަސްވުން ތަސްދީގު ކުރެއްވުމާ ގުޅިގެން، މިހާރު އެ ދެ ރަށަކީ ސައޫދީ އަރަބިއްޔާގެ ސިޔާދަތުގެ ދަށުގައި އޮތް ދެ ރަށެވެ.

މިސްރާއި ސައޫދީ ސަރުކާރުން ވެސް ބުނަމުން އައީ، އެ ދެ ރަށް މިސްރުގެ ބާރުގެ ދަށުގައި އޮތް ކަމުގައި ވިޔަސް، އެ ދެ ރަށަކީ ސައޫދީ އަރަބިއްޔާގެ ދެ ރަށް ކަމަށެވެ.

މިސްރުގެ ކުރީގެ ރައީސް މުރްސީގެ ވެރިކަން 2013ގައި ވައްޓާލައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، ސައޫދީ ސަރުކާރުން އަންނަނީ ސީސީގެ ވެރިކަން ދެމެހެއްޓުމުގައި އެކި ގޮތްގޮތުން އެހީތެރިވެދެމުންނެވެ.