ސައޫދީ އަރަބިއްޔާގެ ކޮލަމިސްޓަކު، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަށް ތައުރީފާއި ސަނާ ދަންނަވަމުން ގޮސް ކުފުރުވުމުން، އޭނާ އެ ވަޒީފާ އަދާ ކުރުން ހުއްޓުވުމަށް ރަސްގެފާނު ސަލްމާން އަމުރު ކުރައްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ދުވަހު ނޫސް "އަލް ޖަޒީރާ"ގެ މިދިޔަ ހުކުރު ދުވަހުގެ އަދަދުގައި، ރަމަޟާން ބިން ޖުރައިދީ ލިޔުނު ކޮލަމްގެ ސުރުޚިއަކަށް ޖަހާފައި އޮތީ "އޭ ދެ ޙަރަމްފުޅުގެ ޚާދިމެވެ! މަނިކުފާނަކީ، ކިހާ ކޯފާ މަޑު، ދުއާ ކުރެއްވުން ގިނަ، ﷲގެ ހަޒްރަތަށް ރުޖޫއަވެ ތައުބާވެވަޑައިގަންނަވާ އަދި ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލެއްތޯ އެވެ." މިފަދައިންނެވެ.
މީގެ ތެރެއިން "ކޯފާ މަޑު، ދުއާ ކުރެއްވުން ގިނަ، ﷲގެ ހަޒްރަތަށް ރުޖޫއަވެ ތައުބާވެވަޑައިގަންނަވާ ބޭކަލެއް"، މިއީ ﷲ ސުބްހާނަހޫ ވަތައާލާ ކީރިތި ގުރްއާނުގައި، ސަލާމްލެއްވި އިބްރާހީމްގެފާނަށް ދެއްވާފައިވާ ސިފަފުޅުތަކެކެވެ. އަދި "ޢުޤޫބާތް ގަދަފަދަވެގެންވާ" މިއީ ﷲ ސުބްޙާނަހޫ ވަތައާލާ އެކަލާނގެ ޛާތުފުޅަށް ޚާއްސަ ކުރައްވާފައިވާ ސިފަފުޅެކެވެ.
މި ގޮތަށް ރަސްގެފާނު ސިފަކުރުމަށް ލިޔުންތެރިޔާ ބޭނުންކޮށްފައިވަނީ، ކީރިތި ޤުރްއާނުގެ ހޫދް ސޫރަތުގެ 75 ވަނަ އާޔަތުގެ އިބާރާތާއި އެހެން ބައެއް އާޔަތްތަކުގައިވާ ﷲގެ އިސްމުފުޅެކެވެ.
އޭނާގެ ކޮލަމްގައި ރަސްގެފާނަށް ތައުރީފް ކުރުމުގައި، ﷲ އަށް ޚާއްސަ ސިފަފުޅަކާއި ނަބީބޭކަލެއްގެ ސިފަފުޅުތަކެއް ރަސްގެފާނަށް ނިސްބަތް ކުރުމާ ގުޅިގެން، ރަސްގެފާނު މިހާރު ވަނީ އެ ނޫހާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމަށް ސައޫދީގެ އިންފޮމޭޝަން މިނިސްޓަރަށް އަންގަވައިފަ އެވެ. މި މައްސަލައާ ގުޅިގެން ކޮލަމިސްޓް ލިޔުން މަނާކުރި ކަމުގައި ވިޔަސް އެ ނޫހާ ދެކޮޅަށް ފިޔަވަޅު އެޅި ކަމެއް އަދި ނޭނގެ އެވެ.
އެ ކޮލަމިސްޓް މި މޭރުމުން ރަސްގެފާނަށް ތައުރީފާއި ސަނާ ދަންނަވާފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް ސައޫދީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތާއީދު ކޮށް ލިޔުނު ކޮލަމެއްގަ އެވެ. އޭނާގެ ކޮލަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އޭނާއާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އޭނާ ތައުބާވުމަށް ވެސް ގޮވާލައިފަ އެވެ.
ރަސްގެފާނުގެ އަމުރުފުޅާ ގުޅިގެން އެ ނޫހުގެ ވެބްސައިޓުން މިހާރު ވަނީ އެ ކޮލަމް ނަގައި، އެފަދަ އެއްޗެއް ޝާއިއު ކުރެވުނީތީ މައާފަށް އެދިފަ އެވެ. އަދި އެ ކޮލަމް ލިޔުނު ކޮލަމިސްޓް ވެސް ވަނީ، އެކަށީގެންނުވާ މާނައެއް ދޭހަވާ ގޮތަށް އެފަދަ ބަސްތަކެއް ބޭނުންކުރެވުނީތީ، ﷲގެ ހަޒްރަތުން އަފޫ ކުރެއްވުމަށް އެދި، ރަސްގެފާނުގެ އަރިހުންނާއި ހުރިހާ ކިޔުންތެރިންގެ ކިބައިން އެކަމަށް މައާފަށް އެދިފަ އެވެ.