ކެންޔާގެ ސުޕްރީމް ކޯޓުން ބުނީ ޕެޓިޝަންގެ މައްސަލަ ބެލެވޭ ސުޕްރީމް ކޯޓުގެ ކޯރަމް ނެތް ކަމަށް. --ފޮޓޯ:އީޕީއޭ
25 އޮކްޓޯބަރ 2017 - 14:33
ނައިރޯބީ (އޮކްޓޯބަރު 25) - ކެންޔާގައި ރިޔާސީ އިންތިޚާބު ބާއްވަނީ ގާނޫނާޚިލާފަށް ކަމަށް ބުނެ އިންތިޚާބު ހުއްޓުވައި ދިނުމަށް އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން ބެލޭ ގޮތެއް ނުވި އެވެ.
ކެންޔާގައި އޮގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އިންތިޚާބު އަލުން ބޭއްވުމަށް ތާވަލްކޮށްފައި ވަނީ މާދަމާ އެވެ. އެކަމަކު މިހާރު އޮތް އިލެކްޝަން ކޮމިޝަނާ އެކު އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށް ބުނެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ވަނީ އިންތިޚާބުން ވަކިވެފަ އެވެ. އިންތިޚާބުގެ ކަންކަން އިންސާފުވެރިކޮށް ނުދާނެ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުގެ މެންބަރަކު ވެސް ވަނީ އިސްތިއުފާ ދިނުމަށް ފަހު އެމެރިކާ އަށް ގޮހެވެ.
ކެންޔާގެ އުއްތަމަ ފަނޑިޔާރު ޑޭވިޑް މާރަގާ ވިދާޅުވީ އިންތިޚާބު ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި ޕެޓިޝަން ބެލޭ ވަރަށް ސުޕްރީމް ކޯޓުގައި ފަނޑިޔާރުން ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ ނައިބުގެ ބޮޑީގާޑުގެ ގަޔަށް އިއްޔެ ވަނީ ބަޑި ޖަހައިފަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭނާގެ ނައިބް ހުންނެވީ ކޯޓަށް ވަޑައިގެންނެވީ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި އިތުރު ދެ ފަނޑިޔާރަކު ވެސް ހުންނެވީ ކޯޓަށް ވަޑައިގެންނެވޭ ގޮތަށް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވެ ޕެޓިޝަންގެ މައްސަލަ ނުބެލުނީތީ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންޔާގެ ސުޕްރީމް ކޯޓުން މައްސަލައެއް ބެލުމަށް ފަސް ފަނޑިޔާރުންގެ ބެންޗެއް ބޭނުންވެ އެވެ.
ކެންޔާގެ ރައީސް އުހުރު ކެންޔާއްޓާ މަސައްކަތް ކުރައްވަނީ ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށެވެ. އޭނާ ވިދާޅުވީ ޝެޑިއުލާ އެއްގޮތަށް އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
25 October 2017
3 އަކަށް ހަދާލާފަ ބެލޭ ގޮތެއް ނޯވޭތަ، ރާއްޖޭގަ އޮވޭ
ޔާމީން & އަމާ އަދުރޭ
25 October 2017
ކެންޔާގަ ނިއުޅެމުން އެދަނީ ވަރަޑް ހުތުރު ސަފްހާތަކެއް.
މަހާރަދުން
25 October 2017
2018 އަށް ނަމޫނާއެއް .............. ބޭނުން ހިފާތި