ރޮހިންޖާ އަށް ދިން ހަމަލާއަކީ ނަސްލެއް ނައްތާލުން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

ވޮޝިންޓަން (ނޮވެމްބަރު 23) - ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގި ޖަރީމާއަކީ ނަސްލެއް ނައްތާލުން ކަމަށް އެމެރިކާ އިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.


އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަން ހިންގި ވަކިވަކި ފަރުދުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ވިސްނާ ކަމަށެވެ.

"މިއަންމާ ސިފައިންގެ ތެރޭން ބައެއް މީހުންނާއި ރަކީން ސްޓޭޓުގައި ސިފައިންނާ ގުޅިގެން ޖަރީމާ ހިންގި މީހުންގެ ސަބަބުން މުސްލިމުންނަށް ވަނީ އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހިފައި. އަދި އެތައް ބަޔަކު ވަނީ މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިއުމަށް މަޖްބޫރުކޮށްފައި،" ޓިލަސަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގާފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ އަމަލުތަކެއް ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އަނިޔާވެރި އޮޕަރޭޝަން ހިންގަން ފަށާފައި ވަނީ އޮގަސްޓް މަހު ފަހުކޮޅު އެވެ. މުސްލިމުންގެ އަވަށްތަކުގައި އަލިފާން ޖަހައި، އެތައް ބައެއްގެ އިއްފަތް ފޭރެން ފެށުމުން އުނދަގޫ މަގެއް ހުރަސްކޮށް ބަންގްލަދޭޝް އަށް ހިޖުރަކުރި ރެފިއުޖީންގެ އަދަދު ވަނީ ހަ ލަައްކަ އަށް އަރައިފަ އެވެ.

ޓިލަސަން ވިދާޅުވީ އަނިޔާ ހިންގި މީހުންނަށް އަދަބު ނުލިބި ސަލާމަތްވެގެން ނުވާނެ ކަމަށެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މި މަހު ކުރީކޮޅު ވަނީ މިއަންމާ ސިފައިންގެ ބައެއް އޮފިޝަލުން ދަތުރުކުރުން މަނާކޮށް އެ މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ހުށަހަޅައިފަ އެވެ.

ޓިލަސަން ވަނީ މިދިޔަ ހަފުތާގައި މިއަންމާ އަށް ވަޑައިގެން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާ ބައްދަލު ކުރައްވައިފަ އެވެ. މިއަންމާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަމުންދާ ކަމަށް ޓިލަސަން އެ ފަހަރު ވިދާޅެއް ނުވެ އެވެ.

މިއަންމާގެ ވެރިކަމަށް 2015 ވަނަ އަހަރު ވަޑައިގެންނެވި ސޫކީ އަށް ވަނީ 1991 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ. އެކަމަކު ރޮހިންޖާ މައްސަލައިގައި އަމަލު ކުރި ގޮތުން ސޫކީ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.