ބޮޑު ވަޒީރުކަމަށް މަހާތިރު ގެންނަން އިދިކޮޅު ކޯލީޝަނުން މަޝްވަރާ ކުރަނީ

ކުއާލަ ލަމްޕޫރު (ޑިސެމްބަރު 5) - މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް މަހާތިރު މުހައްމަދު އަލުން ގެންނަން އިދިކޮޅު ކޯލީޝަނުގައި މަޝްވަރާ ކޮށްފި އެވެ.


ޗެނަލް ނިއުސް އޭޝިއާ އިން ބުނި ގޮތުގައި އިދިިކޮޅު ކޯލީޝަނުން ހަފުތާ ބަންދުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް އިންތިޚާބުން ޕަކަޓަން ހަރަޕަން ކޯލީޝަން ކާމިޔާބުކޮށްފި ނަމަ ބޮޑު ވަޒީރު ކަމަށް 92 އަހަރުގެ މަހާތިރު ގެންނަން ހުށަހެޅި ޕްލޭނަށް މަޝްވަރާކޮށް ބޮޑު ތާއީދެއް ލިބިފަ އެވެ. މަހާތިރު ބޮޑު ވަޒީރުކަމުގައި ހުންނަވާނީ ޖަލުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަންވަރު އިބްރާހިމް މިނިވަން ވަންދެންނެވެ. އަންވަރުގެ އަނބިކަނބަލުން ވާން އަޒީޒާ ވާން އިސްމާއިލް އަށް ބޮޑު ވަޒީރުގެ ނައިބުގެ މަގާމު ދިނުމަށް ވެސް ކޯލީޝަނުން ވަނީ އެއްބަސްވެފަ އެވެ.

އަންނަ އަހަރުގެ މެދުތެރޭގައި އަންވަރު މިނިވަންވާނެ ކަމަށް ބެލެވެ އެވެ. އިންތިޚާބު އޮންނާނެ ކަމަށް ބެލެވެނީ އޮގަސްޓް މަހު އެވެ. ނަމަވެސް މެލޭޝިއާގެ ގާނޫނުތައް އޮންނަ ގޮތުން ޖަލުން މިނިވަންވާ މީހުން ފަސް އަހަރުގެ މުއްދަތަށް އޮންނަނީ ސިޔާސީ ކަންކަމުން މަނާކޮށްފަ އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަނީ އަންވަރުގެ މައްޗަަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެހެންވެ ސިޔާސީ ކަންކަމުގައި އުޅުން އަންވަރަށް ފަސް އަހަރަށް މަނާ ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މެލޭޝިއާގައި 22 އަހަރު ބޮޑު ވަޒީރުކަން ކުރެއްވި މަހާތިރު ވަނީ އަލުން އެ މަގާމަށް ވަޑައިގަތުމަށް ވިސްނަވާ ކަމަށް ޖޫން މަހު ވިދާޅުވެފަ އެވެ. ބޮޑު ވަޒީރުކަމުން މަހާތިރު ވަކިވެވަޑައިގެންނެވީ 2003 ވަނަ އަހަރު އެވެ. އިދިކޮޅު ކޯލީޝަން މިހާރު ޗެއާ ކުރައްވަނީ މަހާތިރެވެ. މަހާތިރުގެ ވެރިކަމުގައި ބޮޑު ވަޒީރުގެ މަގާމުން އަންވަރު 1998 ވަނަ އަހަރު ދުރުކޮށް ޖިންސީ އަދި ކޮރަޕްޝަނުގެ ދައުވާ އުފުލި ނަމަވެސް، މަހާތިރު މިހާރު ވަނީ ދެކޮޅުވެރިކަން އެއްފަރާތް ކުރައްވާ އަންވަރާ ސުލްހަވެފަ އެވެ. ބޭނުމަކީ މިހާރުގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެނައުމެވެ.