ސަލާމަތީ މަޖިލީހުގައި ވެސް ޓްރަމްޕުގެ ނިންމުމާ ދެކޮޅު ހެދުންތައް

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 9) - އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން ސަލާމަތީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމުގައި ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނިންމުންތަކަށް ދެކޮޅު ހަދައިފި އެވެ.


ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވައިދިނުމަށް ހުށަހަޅާފައި ވަނީ ބޮލީވިއާ، އިނގިރޭސިވިލާތް، މިސްރު، ފްރާންސް، އިޓަލީ، ސެނަގާލް، ސްވިޑަން އަދި އުރުގުއާއީންނެވެ.

ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރު ވިދާޅުވީ ޓްރަމްޕުގެ ސަރުކާރުން ގުދުސްގެ ގާނޫނީ ހައިސިއްޔަތު ނަގާލައިފި ކަމަށެވެ.

"ފަލަސްތީނު މީހުންގެ ހައްގުތަކުގެ އިތުރުން އެ މީހުންގެ އުއްމީދުތައް ވެސް ނަގާލައިފި. އެމެރިކާ އިން އިޒްރޭލަށް ދިން މި ހަދިޔާގެ ސަބަބުން މެދުއިރުމަތީގެ ސުލްހައިގައި އެމެރިކާ އަށް އެއްވެސް އިސް ދައުރެއް ދެން އަދާ ނުކުރެވޭނެ،" މަންސޫރު ވިދާޅުވި އެވެ.

އިނގިރޭސި ސަފީރު މެތިއު ރައިކްރޮފްޓް ވިދާޅުވީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށަށް ހެދުމަށާއި އެމްބަސީ ބަދަލު ކުރުމަށް ޓްރަމްޕް ނިންމެވި ނިންމުމަށް އިނގިރޭސި ވިލާތުން ދެކޮޅު ހަދާ ކަމަށެވެ.

މެދުއިރު މައްޗަށް ކަނޑައަޅާފައި ހުންނަ އދ.ގެ ކޯޑިނޭޓަރު ނިކޮލައި ލަޑެނޯވް ވިދާޅުވީ އެމެރިކާގެ ނިންމުމުގެ ސަބަބުން އިތުރު ހަމަނުޖެހުން އުފެދުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ޓްރަމްޕް އިއުލާން ކުރެއްވުމާ އެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެފައި ވަނީ ގުދުސްގެ ކުރިމަގު ނިންމަން ޖެހޭނީ އިޒްރޭލާއި ފަސްތީނުން ބައިވެރިވާ މަޝްވަރާތަކުން ކަމަށެވެ.

ސަލާމަތީ މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި 2334 ގަރާރުގައިވާ ގޮތުން ޖޫން 4، 1967 ގެ ފަހުން ގުދުސް އަށް ގެންނަ އެއްވެސް ބަދަލެއް ބަލައިނުގަންނާނެ އެވެ. ހަމައެކަނި ބަލައިގަންނާނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްވަރާތަކުން ދެބައި މީހުންނަށް ވެސް އެއްބަސްވެވޭ ބަދަލެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އެ ގަރާރު ފާސްވެފައި ވަނީ ބަރަކް އޮބާމާގެ ސަރުކާރުން ވަކިކޮޅަކަށް ވޯޓު ނުދިނުމުންނެވެ.

އިޒްރޭލުން އިރުމަތީ ގުދުސް ހިފީ ޖޫން 5، 1967 ގައި ފެށި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ.