އެމެރިކާ: އަހަންނަކީ ބޮޑު ބާރު، ހަދާނީ ބޭނުން ގޮތެއް!

ގުދުސްއަކީ ދުނިޔޭގެ އެހެން ބިންތައް ފަދަ އާދައިގެ ބިމެއް ނޫނެވެ. އެއީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ މަސްޖިދުލް އަގްސާ ހުރި ބިމެވެ. މަސްޖިދުލް އަގްސާ އަކީ ކީރިތި ރަސޫލާގެ އިސްރާ ދަތުރުފުޅުގެ ފަހު މަންޒިލެވެ. އަދި މިއުރާޖު ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. ނަބީބޭކަލުންގެ އިމާމެއްގެ ގޮތުގައި މި އުންމަތުގެ މާތް ނަބިއްޔާ ނަމާދުފުޅު ކުރެއްވީ އެ މިސްކިތުގަ އެވެ.


އެ މާތް މުގައްދަސް ބިމަކީ، ޔަހޫދީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ، ގުދުސަށް ބަދަލު ކުރާނެ ކަން، މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ މުޅި ދުނިޔެ އަށް އިއުލާން ކުރައްވައިފަ އެވެ.

ސުވާލަކީ ޓްރަމްޕުގެ އެ ނިންމެވުމުގެ މާނަ އެނގެނީ ދުނިޔޭގެ މުސްލިމް ކިތައް ލީޑަރުންނަށް ހެއްޔެވެ؟ މުސްލިމުންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އަދި އިސްލާމީ ކިތައް ކިތައް އިލްމުވެރިންނަށް ހެއްޔެވެ؟ ވަކިން ޚާއްސަކޮށް، ފަލަސްތީނު ރައްޔިތުންނަށް އެކަން އެނގެނީ ކިހާ ވަރަކަށްތޯ ސުވާލު އުފެދެ އެވެ.

އެމެރިކާ އިން ފާޅުގައި އެ ބުނީ މިފަދައިންނެވެ؛ "އިޒްރޭލުން ގުދުސް އަޅުވެތިކޮށްފައިވަނީ ރަނގަޅަށެވެ. އެކަމަށް އެމެރިކާ ފުރިހަމަ އަށް ތާއީދު ކުރަމެވެ. އަދި ކުރިމަގުގައި ގުދުސް އަޅުވެތިކުރާނީ އެމެރިކާ އާއި އިޒްރޭލު ގުޅިގެންނެވެ. އެމެރިކާ އަކީ ދުނިޔޭގެ ބޮޑު ބާރެވެ. ހަދާނީ ބޭނުން ގޮތެކެވެ."

ފަލަސްތީނުގެ ހުޅަނގު އައްސޭރި ކައިރީގައި އޮތް ޔަހޫދީ އާބާދީއެއްގެ ކައިރީގައި އިޒްރޭލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ކުރި މުޒާހަރާގައި އިޒްރޭލު ސިފައިން ކަރުނަގޭސް ޖެހުމުން ފަލަސްތީނުގެ ޒުވާނުންތަކެއް ދުވެފައި ދަނީ. ރޮއިޓާސް

އެމެރިކާގެ އެ ބުނުން އިސްލާމީ ދުނިޔޭގެ އެއްވެސް ވެރިއެއްގެ ކަންފަތްޕުޅަށް ފޯރިހެނެއް އަދި ހިޔެއް ނުވެ އެވެ. އިސްލާމީ އުންމަތުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެމެރިކާގެ އެ ނުބައި ނިންމުމަކީ އިޒްރޭލުން ފަލަސްތީނު މީހެއްގެ ގެއެއް ބިމާ ހަމަކޮށްލުމެކޭ ނުވަތަ ފަލަސްތީނުގެ ދަނޑުބިމެއް އަތުލައިގަތުމެކޭ ދާދި އެއްފަދަ ކަމެކޭ، މުސްލިމުންނަށް ހީވާ ކަހަލަ އެވެ. ނުވަތަ އެއަށް ވުރެ ވެސް އާދައިގެ ކަމެކެވެ.

ތުރުކީ ވިލާތުން ސިފަ ކުރި ގޮތުގައި އިސްލާމީ އުންމަތް އޮތީ ފިނިވެ ވަރަށް ބޮޑަށް ފިނޑިވެފަ އެވެ. އަދި ބައެއް އިސްލާމީ ގައުމުތައް ފެންނަނީ އެމެރިކާ ދެކެ ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގެންފައިވާ ވާތީ އެވެ. އެއީ މުސްލިމުންގެ އަގީދާއާ ގުޅިފައިވާ މުހިންމު ކަމެއްގައި، އެހާ އިހާނެތި ގޮތަކަށް އެމެރިކާ އަމަލުކުރުމުން ވެސް އެކަމާ ދެކޮޅަށް، އިސްލާމީ އުންމަތުން މާ އާރުލާ ކަމެއް ނުކުރާތީ އެވެ.

ގުދުސް އަޅުވެތި ކުރުމަށް އެމެރިކާ ފާޅުގައި ނުކުތުމުން ވެސް އަރަބި އިސްލާމީ ގައުމުތައް އަތް އުރާލައިގެން ތިބީ އެވެ. "ތިއީ ގޯހެކޭ، ތިކަން ކުށްވެރި ކުރަމޭ" ބުނުން ފިޔަވައި އިސްލާމީ ގައުމުތަކުން ކުރި ކަމެއް ނެތެވެ. ޣައިރު މުސްލިމް ގައުމުތަކުން ވެސް އެމެރިކާގެ އެ އަމަލު ކުށްވެރި ކުރި އެވެ.

ހަަގީގަތުގައި އެމެރިކާ އިން ގުދުސްގެ މައްސަލައިގައި ކަންތައް ކުރީ ވަރަށް ހީލަތްތެރި އަދި އެހާމެ ބުއްދިވެރި ގޮތަކަށެވެ. އެއީ، ގަހުގެ ވެރިޔާ ލައްވައި ގަސް ކެނޑުމުގެ ފަލްސަފާ އިން އަރަބި އިސްލާމީ ދުނިޔެ ބައިބައިކޮށް އެއް ބަޔަކު އަނެއް ބަޔަކާ ޖެއްސުމެވެ.

ސީރިއާ އަށް ހަމަލާ ދިނުމަށް އެމެރިކާގެ މަނަވަރުތަކުން މިސައިލް ފޮނުވާލަނީ: ސީރިއާ އަށް ދިން ހަމަލާ އަކީ އެހެން ގައުމުތަކަށް ވެސް އިންޒާރެއް ކަމަށް އެމެރިކާ އިން ބުނޭ.

ސީރިޔާ، އިރާގު، ލީބިޔާ އަދި ޔަމަންގެ މައްސަލައަކީ އޭގެ ދިރި ހުރި މިސާލުތަކެވެ. މިއީ މުޅިން ވެސް އިސްލާމީ ގައުމުތަކެވެ. އިސްލާމީ ގައުމެއްގައި މެނުވީ މިއަދު ދާޚިލީ ހަނގުރާމައެއް ނުހިނގަ އެވެ. އެ ހަނގުރާމަތަކުގައި އެންމެ ގިނައިން ބޭނުންކުރަނީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި އުފައްދައި އިސްލާމީ ގައުމުތަކަށް ވިއްކާ ހަތިޔާރުތަކެވެ.

އިރާގު، ސީރިޔާ އަދި ޔަމަންގައި ހިނގާ ދާޚިލީ ހަނގުރާމައިގައި އަރަބީންގެ ގުޅިފައިވާ އަސްކަރީ ލަޝްކަރުތަކުން މުޅިން ވެސް ބޭނުންކުރަމުން ދަނީ ހުޅަނގުގެ ހަތިޔާރުތަކެވެ. އެ ގައުމުތަކުގެ އިދިކޮޅު ފަރާތްތަކުން ވެސް ގިނައިން ބޭނުންކުރަނީ ހުޅަނގުގެ ހަތިޔާރެވެ. އަސްކަރީ މަތިންދާބޯޓުން ފެށިގެން މުށުތެރޭގައި ގެންގުޅޭ ފިސްތޯލަ އަށް ދާންދެން ހުޅަނގުގެ ހަތިޔާރެވެ. މުސްލިމުން އެ ހަތިޔާރުތަކުން ހަމަލާދީ މަރަމުން އަދި ޒަޚަމްކުރަމުން އެދަނީ ހަމަ ތިމާގެ މުސްލިމް އަޚުންނާއި އުޚުތުންނެވެ.

އެހެންވީމާ، އެމެރިކާ އަށް ތިން ގޮތަކުން އެ ހަނގުރާމަތަކުން ކާމިޔާބު ލިބެ އެވެ. އެއީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ހަތިޔާރުތައް ބޮޑު އަގުގައި ވިއްކުމާއި، ހުޅަނގުގެ ގައުމުތަކުގެ މީހެއްގެ ފުރާނަ އަށް ނުރައްކަލެއް ނެތި މުސްލިމުންތައް މެރުމާއި، އެ ހަނގުރާމަތަކުގައި މުސްލިމުން އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވަމުން ދާތީ، އިސްލާމީ އުންމަތް ރޫޅި ބައިބައިވެފައި އޮތުމެވެ.

ސައޫދީ ރަސްގެފާނު ސަލްމާން (ވ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސައޫދީ އަރަބިއްޔާގައި ކަނޑި ނެށުމެއްގައި. ފޮޓޯ އޭއެފްޕީ

އިސްލާމީ އުންމަތުގެ އެންމެ ހައިބަވަންތަ ގައުމަކީ ސައޫދީ އަރަބިއްޔާ އެވެ. ނަމަވެސް މިއަދު އެ ގައުމުގެ ހާލަތު ވެސް އޮތީ މުސްލިމުން ލަދުން މޫނު ފޮރުވަންޖެހޭ ހިސާބުގަ އެވެ.

އެމެރިކާގެ ރައީސުންގެ ތެރެއިން، ރިއާސީ ކެމްޕޭންގެ ތެރޭގަޔާއި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް އިސްލާމީ އުންމަތާ ދެކޮޅަށް އެންމެ ހަރުކަށި ސިޔާސަތެއް ފާޅުގައި ގެންގުޅުއްވި ބޭފުޅަކީ ޓްރަމްޕެވެ. ނަމަވެސް އެމެރިކާގެ ހުރިހާ ރައީސުންނަށް ވުރެ ވެސް ޓްރަމްޕުގެ މަގުބޫލުކަން ސައޫދީ އަރަބިއްޔާގެ މިހާރުގެ ވެރިންގެ އަރިހުގައި މާ ބޮޑެވެ.

ދައުވަތު ދެއްވައިގެން ސައޫދީ އަރަބިއްޔާ އަށް ގެންދަވައި، ޓްރަމްޕާ އެކުގައި ސައޫދީގެ ވެރިން ކަނޑި ނެށުން ނެއްޓެވުމުން، އިސްލާމީ އުންމަތުގެ ފާޑުކިޔުން ސައޫދީ އަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި އެމެރިކާގެ އިސް ވެރިންނާއި ސައޫދީގެ މިހާރުގެ ރަސްގެފާނު ސަލްމާނާއި ވަލީ އަހުދު މުހައްމަދާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަން މުޅި ދުނިޔެ ދަނެ އެވެ.

އިސްލާމީ އެންމެ ބޮޑެތި ގައުމުތަކަށް ބަލާއިރު، އެކަމުން އަދި މާ ބޮޑު ނަތީޖާއެއް ހާސިލު ނުކުރެވުނު ކަމުގައި ވިޔަސް، އެމެރިކާ އާއި އިޒްރޭލު ނުވަތަ އެ ދެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވައިލަން ކެރުނު ގައުމެއް ނެތެވެ. އެމެރިކާއާ އެކު ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓައިލަން ކެރޭނެ ގައުމެއް ނެތެވެ. އެމެރިކާއާ އެކު ކުރަމުން އަންނަ ހަތިޔާރުގެ ވިޔަފާރި ހުއްޓައިލަން ކެރޭނެ ގައުމެއް ނެތެވެ.

ސައޫދީ ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން އެމެރިކާ އަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު މަޝްވަރާ ކުރައްވަނީ. އޭއެފްޕީ

މި ފަހަރު ފަލަސްތީނުގެ އާންމު ރައްޔިތުންގެ ވިސްނުމަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ގުދުސް އަޅުވެތި ކުރުމުގައި އަމަލީ ގޮތުން އެމެރިކާ އިޒްރޭލާ ބައިވެރިތާ މިއަދަށް ހަފުތާއެއް ވީ އެވެ. ފަލަސްތީނުގެ ބިންތަކުން އިންތިފާޟާއެއް ނުވަތަ ހަށިފޮޅާލާފައި ނުކުތުމުގެ ހަރަކާތެއް ނުފެންނާތީ ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެމެރިކާ އިން ނިންމި ނިންމުމާ ވިދިގެން ފަލަސްތީނުގެ ބިންތަކުގައި ކޮންމެ ދުވަހަކު ވެސް މުޒާހަރާތައް ކުރެ އެވެ. ނަމަވެސް އިންތިފާޟާއެއްގެ ނަން ދެވޭ ދަރަޖަ އަށް އެ މުޒާހަރާތައް ވަރުގަދައެއް ނުވެ އެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ.

ފަލަސްތީނު ރައްޔިތުން އެ މީހުންގެ ބިމުގައި ތިބެ އިޒްރޭލުގެ ހަތިޔާރު އެޅި ސިފައިންނާއި ފުލުހުންނާ ދިމާލަށް ކިތަންމެ ވަރަކަށް ގައު އުކިޔަސް، އެކަމުގައި ބައިވެރިވާނެ އެހެން މުސްލިމަކު ނެތް ކަން އެމީހުންނަށް ކަށަވަރުވާތީ އެވެ. މުޒާހަރާ އަށް ނުކުމެގެން ހާސިލުކުރެވޭނެ ހަމައެކަނި ނަތީޖާއަކީ ގައު އުކުން ނުވަތަ އިޒްރޭލު ސިފައިންގެ އަތްދަށުވެ ދިގު މުއްދަތަކަށް ޖަލުގައި ހައްޔަރު ވުން ނުވަތަ އިޒްރޭލުގެ ހަމަލާއެއްގައި މަރުވުމެވެ. މައްސަލަ ހައްލެއް ނުވާނެ އެވެ.

ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި އިސްލާމީ ގައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމުގެ ބައިވެރިން. ގިނަ އިސްލާމީ ވެރިން މި ބައްދަލުވުމުން ނުފެނޭ

ޖަލުގައި ހައްޔަރު ވިޔަސް އެއިން ޖަލަކުން ފަލަސްތީނު މީހަކު ސަލާމަތް ކޮށްދޭން ތެދުވާނެ އިސްލާމީ ލީޑަރެއް ނެތް ކަން އެންމެ ފުރިހަމަ އަށް ޔަގީން ކުރަނީ ވެސް ފަލަސްތީނު މީހުންނެވެ. އެހެންވީމާ، އަނބިން ހުވަފަތްކޮށް ދަރިން ޔަތީމު ކުރަން ބޭނުން ނުވަނީ އެވެ.

ގުދުސްގެ މައްސަލައިގައި އިންތިފާޟާއަކަށް ނުކުތުމަށް މިހާތަނަށް ގޮވައިލެއްވީ ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ އެވެ. ނަމަވެސް އިންތިފާޟާއަކަށް ނުކުމެގެން އަނެއްކާ ވެސް އިތުރު ބަޔަކު މަރުވެ ފަލަސްތީނުގެ ގެތަކެއް ބިމާ ހަމަވުން ނޫން ކަމެއް ނުވާނެ އެވެ.

އެންމެ ފަހުން އިއްޔެ ތުރުކީގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށް ވެސް ގައުމުތަކުގެ ވެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ. ފަންސާހަށް ވުރެ ގިނަ ގައުމުގެ ވެރިންނަށް ދައުވަތު ދިނުމުން ދެބައިކުޅަ އެއްބައި ގައުމުގެ ވެރިން ވެސް ބައިވެރިނުވެ އެވެ. އޭގެ ބަދަލުގައި ފޮނުއްވީ ވަޒީރުންނާއި ޑިޕްލޮމޭޓުންނެވެ.

ގުދުސް އަޅުވެތި ކުރުމުގައި ބައިވެރިވުމަށް އެމެރިކާ އިން ނިންމި އިރު، އިސްލާމީ ގައުމުތައް އޮތީ އެއް ބަޔަކު އަނެއް ބައެއްގެ ކަރުގައި ހިފާ ހިސާބުގަ އެވެ. ސީރިޔާ، އިރާގު، ޔަމަންގެ ދާޚިލީ ހަނގުރާމަތަކުގައި އަރަބި ގައުމުތައް ތިބީ ފިސާރި ރަނގަޅަށް، ސުންނީ-ޝީއީ ކޯޅުމެއްގެ ތެރޭގައި މޫނު ކެނޑިފަ އެވެ. ގަތަރުގެ މައްސަލައިގައި ގަލްފުގެ އަރަބި ގައުމުތައް ވަނީ ބައިބައިވެފަ އެވެ.

އެހެންވީމާ، ގުދުސާ ހަމައަށް އެމެރިކާ އެ ދިޔައީ، އެމެރިކާއާ ދެކޮޅަށް ހަޅޭއްލެވުން ނޫން ކަމެއް ނުކުރެވޭނެ ވަރަށް އިސްލާމީ ގައުމުތައް ޖައްސައި ފިތުނަވެރި ކުރުވައިފަ އެވެ. އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރުމުގެ މާނައަކީ، ގުދުސްގެ މިނިވަންކަމަށް އަރަބި އިސްލާމީ ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެމެރިކާ ފާޅުގައި ދެކޮޅު ހެދުމެވެ. އަދި އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި ގުދުސް ބޭއްވުމަށްޓަކައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރުމެވެ. ނަމަވެސް މުސްލިމުންނަށް ކުރެވޭނެ ކަމެއް ނެތެވެ.