މުސްލިމުން މެރިކަމަށް މިއަންމާ ސިފައިން އެންމެ ފަހުން އެއްބަސްވެއްޖެ

ޔަންގޫން (ޖެނުއަރީ 11) - ރަކީން ސްޓޭޓުގައި މިދިޔަ އަހަރު ފަހުކޮޅު ހިންގި ހަމަނުޖެހުންތަކުގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުން މެރި ކަމަށް މިއަންމާ ސިފައިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.


ސިފައިން ބުނީ ތަހުގީގުން އެނގުނު ގޮތުގައި މައުންގްޑޯއާ ކައިރީގައިވާ ޑިން އަވަށުގައި ރޮހިންޖާ މުސްލިމުންގެ 10 މީހުން މެރުމުގައި ސިފައިންގެ ހަތަރު މީހުން ބައިވެރިވެފައިވާ ކަމަށެވެ. މިގޮތުން މިއަންމާ ސިފައިން ރޮހިންޖާ މުސްލިމުންނަށް މުޚާތަބް ކުރާ "ބެންގާލީ ޓެރަރިސްޓް" އިން މެރުމުގައި އަވަށްތަކުގެ މީހުންނަށް ސިފައިން އެހީތެރިވެފައިވާ ކަމަށް އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ. ތަހުގީގު ރިޕޯޓް އާއްމުކޮށްފައި ވަނީ މިއަންމާ ސިފައިންގެ ވެރިޔާގެ ފޭސްބުކް ޕޭޖުގަ އެވެ. މުސްލިމުންނާ ދެކޮޅަށް ސިފައިން ޖަރީމާ ހިންގާފައި ވަނީ ސެޕްޓެމްބަރު 2 ވަނަ ދުވަހު ކަމަށް ބުނެފައިވެ އެވެ.

މިއަންމާ ސިފައިންގެ މައްޗަށް ވަނީ ނަސްލެއް ނެތިކޮށްލަން އުޅުނު ކަމަށް އދ. އިން ތުހުމަތުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ފަހުކޮޅު ރަކީންގައި ހަމަނުޖެހުން ހިންގަން ފެށި ފަހުން މިއަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު 650،000 އަށް އަރަ އެވެ. ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީން ވަނީ އެ މީހުންގެ އާއިލާތަކުގެ މީހުން ރޭޕްކޮށް، މަރާ، އަވަށްތަކުގައި ހުޅުޖަހާފައިވާ ކަމަށް ބުނެފަ އެވެ. ރެފިއުޖީން ބުނެފައި ވަނީ ރަކީންގައި ޖަރީމާތައް ހިންގާފައި ވަނީ ސިފައިންނާއި ބުޑިސްޓުން ގުޅިގެން ކަމަށެވެ.

ރަކީންގައި ހިންގާފައިވާ އަނިޔާވެރި އަމަލުތައް ބެލުމަށް އެ ސްޓޭޓަށް ނޫސްވެރިންނާއި ބައިނަލްއަގުވާމީ އިންވެސްޓިގޭޓަރުން ވަނުމުގެ ހުއްދަ މިއަންމާ ސަރުކާރުން ދީފައެއް ނުވެ އެވެ.

ރަކީންގައި މުސްލިމުން މެރި ކަމަށް މިއަންމާ ސިފައިން ބުނުމަކީ ވަރަށް ނުކުރާ ކަމެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެސް ސިފައިން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އެއްވެސް އަމަލެއް ނުހިންގާ ކަމަށް ބުނެފަ އެވެ.