ޒައިނަބުގެ މަރުގެ މައްސަލާގައި ފުލުހުން ސީރިއަސްއެއް ނޫން: ލާހޯރު ހައި ކޯޓު

އިސްލާމްއާބާދު (ޖެނުއަރީ 15) - ރޭޕް ކުރުމަށް ފަހު ރަހުމް ކުޑަ ގޮތަކަށް މަރާލި ޕާކިސްތާނުގެ ހަތް އަހަރުގެ އަންހެން ކުއްޖާ ޒައިނަބް އަންސާރީގެ ގާތިލް ހޯދުމުގައި ޕަންޖާބް ސަރުކާރާއި ފުލުހުން ސީރިއަސް ނޫން ކަމަށް ލާހޯރުގެ ހައި ކޯޓުގެ އިސް ފަނޑިޔާރު މަންސޫރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.


ޒައިނަބުގެ މައްސަލަ ސޫ މޯޓޫގެ ދަށުން ބަލަން ހައި ކޯޓުން ނެރުނު އަމުރެއްގައި ޕަންޖާބު ފުލުހުންގެ ވެރިޔާ ކޯޓަށް ހާޒިރުވެފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ފަނޑިޔާރު ވިދާޅުވީ ކުރިން ދިމާވި މިފަދަ މައްސަލަތަކުގައި ފުލުހުން ސީރިއަސްވެ އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ ޒައިނަބަށް ދިމާވި ފަދަ މައްސަލައެއް ކުރިމަތި ނުވީސް ކަމަށެވެ. އަދި ޕަންޖާބު ސަރުކާރާއި ފުލުހުންގެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް އެއްބަސްވުމަށް ކޯޓުން ވަނީ އެދިފަ އެވެ. މި މައްސަލައިގެ އިތުރު އަޑު އެހުމެއް ބުދަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ޒައިނަބުގެ މަރުގެ ތުހުމަތުގައި ބައެއް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ޒައިނަބުގެ މަރު ތަހުގީގު ކުރާ ހަތަރު އެޖެންސީ ކަމަށްވާ، ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓް، އިންޓަލިޖެންސް ބިއުރޯ، ސްޕެޝަލް ބްރާންޗް އަދި ޕަންޖާބު ފޮރެންސިކް ސައެންސް އެޖެންސީން ވަނީ ތުހުމަތު ކުރެވޭ 120 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގައިފަ އެވެ. ނަމަވެސް ޒައިނަބުގެ ގާތިލްގެ ޑީއެންއޭއާ ދިމާވެފައެއް ނުވެ އެވެ.

ޒައިނަބް ގެއްލިފައި ވަނީ ޖެނުއަރީ 4 ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގެއަށް ގުރާން ކިޔަވަން ދިޔަ މަގުމަތީގަ އެވެ. ޒައިނަބް ގެއްލުނުތާ ފަސް ދުވަސް ފަހުން، ޖެނުއަރީ 9 ވަނަ ދުވަހު ވަނީ، މަރާލާފައި ކުނިގޮނޑަކަށް އެއްލާފާއި އޮއްވާ ބަޔަކަށް ފެނިފަ އެވެ. ރޭޕް ކުރުމަށް ފަހު ޒައިނަބް މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.

ޕަންޖާބް ފޮރެންސިކް ސައެންސް އެޖެންސީން މިހާރު ވަނީ ކުށުގެ ވެށިން ސާމްޕަލް ނަގައިފަ އެވެ. ޒައިނަބުގެ ޕޯސްޓްމޯޓަމް ރިޕޯޓް ދައްކާ ގޮތުން އެ ކުއްޖާ އަށް ވަނީ ވަރަށް އަނިޔާކޮށްފަ އެވެ. ހަށިގަނޑަށާއި މޫނަށް އަނިޔާދީފައިވާ އިރު ކަނދުރާ މަތިން ކަށިގަނޑެއްގައި ވަނީ ރެނދުލައިފަ އެވެ.

ޒައިނަބް ގެއްލުނު އިރު އޭނާގެ ބައްޕަ އަންސާރީ ވަނީ އުމްރާއަކަށް ގޮހެވެ. އޭނާ ބުނީ ޒައިނަބް ގެއްލުމާ އެކު އެ ކުއްޖާ އަވަހަށް ހޯދުމުގެ މަސައްކަތް ފުލުހުން ފެށި ނަމަ ޒައިނަބް ފެނުނީސް ކަމަށެވެ.

ޕަންޖާބު ސަރުކާރުން މިހާރު ވަނީ ޒައިނަބުގެ ގާތިލް ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 10 މިލިއަން ރުޕީސް (90،000 ޑޮލަރު) ގެ އިނާމެއް ހުށަހަޅައިފަ އެވެ.