އައިސްއާ ގުޅުނު ޖަރުމަނު އަންހެނަކަށް މަރުގެ އަދަބު ދީފި

ބަޣުދާދު (ޖެނުއަރީ 22) - އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ޖަރުމަނުގެ އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ އަދަބު ދީފި އެވެ.


އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ އައިއެސް އަށް ލޮޖިސްޓިކް ސަޕޯޓް ދިނުމާއި އިރާގުގެ ސަލާމަތީ ފަރާތްތަކާ ދެކޮޅަށް ހަމަލާ ދިންކަން ސާބިތުވުމުންނެވެ. ޖަރުމަނުގެ އަންހެނާއާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ މޮރޮކޯ ދަރިކޮޅު މީހެއް ކަމަށް ވަނީ ބުނެފަ އެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މޫސަލް ހިފުމަށް އިރާގު ސިފައިން މިދިޔަ އަހަރު ކުރި ހަނގުރާމައިގަ އެވެ. މޫސަލްގެ ހަނގުރާމައިގައި ވަނީ ޖަރުމަނުގެ އެހެން އަންހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.

އިރާގާއި ސީރިއާގައި ހަނގުރާމަ ކުރާ އައިއެސްއާ ބޭރުގެ އެތައް ބަޔަކު ވަނީ ގުޅިފަ އެވެ.

ކޯޓުން ބުނެފައި ވަނީ ޖަރުމަނުގެ އަންހެން މީހާ ވަނީ އައިއެސްއާ ގުޅެން އޭނާގެ ދެ އަންހެން ދަރިންނާ އެކު ޖަރުމަނަށް ދަތުރުކޮށްފައި ކަމަށާއި އަދި އޭނާ ވަނީ އައިއެސްގެ މެންބަރަކާ ކައިވެނި ކޮށްފައި ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އައިއެސްއާ ގުޅުނު ބިދޭސީ އަންހެނަކަށް އިރާގުން މަރުގެ ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.