ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފި

އިސްލާމްއާބާދު (ޖެނުއަރީ 23) - ޕާކިސްތާނުގައި ރޭޕް ކުރުމަށް ފަހު ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ހަތް އަހަރުގެ އަންހެން ކުއްޖާ ޒައިނަބް އަންސާރީގެ ގާތިލް ކަމަށް ބެލެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.


މެދު ތެރޭ ޕަންޖާބް ޕްރޮވިންސްގެ ކަސޫރު ޓައުނުގެ ކުނި ގޮނޑަކަށް އެއްލާލާފައި އޮއްވާ ޒައިނަބުގެ ހަށިގަނޑު ފެނިފައި ވަނީ މި މަހު 9 ވަނަ ދުވަހު އެވެ. އެ ކުއްޖާ ގެއްލުނީ 4 ވަނަ ދުވަހު އެވެ. އޮޓޮޕްސީ ރިޕޯޓް ދަައްކާ ގޮތުން އެ ކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހު ކަރުގައި ހިފައިގެންނެވެ.

"ޒައިނަބުގެ ގާތިލް ކަމަށް ބެލެވޭ މީހާގެ ނަމަކީ އިމްރާން. އޭނާ ދިރިއުޅެނީ ޒައިނަބް ދިރިއުޅުނު ސަރަހައްދުގައި،" ޕޮލިހުންގެ ޑިސްޓްރިކްޓް އޮފިޝަލަކު އަލް ޖަޒީރާ އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒައިނަބް މަރާލި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޒައިނަބުގެ ގާތިލް ކަމަށް ބެލެވުނު މީހާ ކުރިން ވެސް ހައްޔަރު ކުރުމަށް ފަހު، އެކަށީގެންވާ ހެކި ނެތިގެން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލި ފަހުން އުޅުނީ މީހުންނަށް އޮޅުވާލުމުގެ ގޮތުން ތުނބުޅި ބާލައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.