އިސްލާމް ދީނަށް ފުރައްސާރަކުރި ކްރިސްޓިއަނަކު ޕާކިސްތާނުން ހޯދަނީ

އިސްލާމްއާބާދު (ޖުލައި 13) - ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ކްރިސްޓިއަނަކު ހޯދުމުގެ މަސައްކަތް ޕާކިސްތާނުގެ ފުލުހުން ފަށައިފި އެވެ.


ޕަންޖާބު ޕްރޮވިންސްގެ ސަރާއި އަލަމްގިރް ޓައުންގައި މުސްލިމް ރަހުމަތްތެރިއަކަށް ވަޓްސްއަޕް މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ޅެމެއް ފޮނުވި ފަހުން ކްރިސްޓިއަން މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޕާކިސްތާނުގައި މަރުގެ އަދަބު ލިބޭ ބޮޑު ކުށެކެވެ.

ސަރާއި އަލަމްގިރިގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އާސިމް ވިދާޅުވީ މިކަމާ ގުޅިގެން އިތުރު ހަމަނުޖެހުމެއް އުފެދިދާނެތީ އެ ސަރަހައްދުގެ ފައްޅިއެއްގެ ސަލާމަތީ ކަންކަން ފުލުހުން މިހާރު ބަލަހައްޓަމުންދާ ކަމަށެވެ. އަދި ކްރިސްޓިއަން މީހާގެ އާއިލާ އަށް ވެސް ހިމާޔަތް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ޕާކިސްތާނުގައި މީގެ ކުރިން ވަނީ ބޮޑެތި ހަމަނުޖެހުންތައް ހިންގައިފަ އެވެ. ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތި ކްރިސްޓިއަން ދެމަފިރިއަކު 2014 ވަނަ އަހަރު ވަނީ ޕާކިސްތާނުގައި މަރާލައިފަ އެވެ.