އީރާނާއި ސީރިއާ އިން ދަނީ އަލިފާނާ ކުޅެމުން: އިޒްރޭލް

ތެލް އަވީވް (ފެބްރުއަރީ 11) - އީރާނާއި ސީރިއާ އިން ދަނީ "އަލިފާނާ ކުޅެމުން" ކަމަށް ބުނެ އިޒްރޭލުން އިއްޔެ އިންޒާރު ދީފި އެވެ.


އިޒްރޭލުން މި އިންޒާރުދީފައި ވަނީ އެ ގައުމުގެ ހަނގުރާމަ މަތީ އެފް-16 ގެ ބޯޓެއް ސީރިއާ އިން މިސައިލް ހަމަލާދީ ވައްޓާލާފައި ވަނިކޮށެވެ. އިޒްރޭލުގެ އަސްކަރީ ތަރުޖަމާން ޖޮނަތަން ކޮންރިކަސް ވިދާޅުވީ އީރާނާއި ސީރިއާ އިން ނުރައްކާތެރި އެތައް ކަމެއް ކުރަމުން ދިޔަ ނަމަވެސް ހާލަތު އިތުރަށް ގޯސް ކުރަން އިޒްރޭލުން ބޭނުން ނުވާ ކަމަށެވެ.

ސީރިއާގެ މިސައިލް ހަމަލާތަކުގައި ވައްޓާލި އިޒްރޭލުގެ އެފް-16 ގެ ޖެޓުގެ ކައިރީ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

"ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު މިއީ އިޒްރޭލުގެ މިނިވަން ކަމަށް އީރާނުން އެންމެ ބޮޑަށް އަރައިގަތް ފަހަރު،" ސީރިއާގެ ސަރަހައްދުގެ ތެރޭން އީރާނުގެ ޑްރޯނެއް އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވެއްދި ހާދިސާ އަށް އިޝާރާތް ކުރައްވާ ކޮންރިކަސް ވިދާޅުވި އެވެ. "އެހެންވެގެން އިޒްރޭލުގެ ރައްދު ހަމަލާތައް ވަރުގަދަކޮށްފައި ވަނީ."

ބޯޓު ވައްޓާލުމުން ރައްދުގައި އިޒްރޭލުން ވަނީ ސީރިއާ އަށާއި އެ ގައުމުގައިވާ އީރާނުގެ އަމާޒުތަކަށް ވައިގެ 12 ހަމަލާދީފަ އެވެ. އިޒްރޭލުން އަދި ބުނެފައި ވަނީ ހަމަލާތަކުގައި ސީރިއާގެ ވައިގެ ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ. އިޒްރޭލުގެ ވައިގެ ސިފައިންގެ ޖެނެރަލެއް ކަމަށްވާ ޓޮމާ ބާ ވިދާޅުވީ މިއީ 1982 ވަނަ އަހަރުގެ ލުބުނާން ހަނގުރާމަ އަށް ފަހު ސީރިއާ އަށް އެންމެ ވަރުގަދަ އަށް އިޒްރޭލުން ހަމަލަދޭ ފަހަރު ކަމަށެވެ.