ނިއު ދިއްލީ (މާޗް 1) - ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ވަކި ދީނަކާ ދެކޮޅުވުމެއް ނޫން ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
"އިސްލާމިކް ހެރިޓޭޖް: ޕްރޮމޯޓިން އަންޑަސްޓޭޑިން އެންޑް މޮޑަނައިޒޭޝަން"ގެ ނަމުގައި ބޭއްވި ބައްދަލުވުމެއްގައި މޯދީ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅު މަސައްކަތަކީ ޒުވާނުން މަގުން ކައްސުވާލަން ބަޔަކު ގެންގުޅޭ ވިސްނުމަކާ ދެކޮޅުވުން ކަމަށެވެ.
"ކޮންމެ ދީނަކުން ވެސް ކުރިއަރުވަނީ އިންސާނީ އުސޫލްތައް،" ޖޯޑަންގެ ރަސްގެފާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މޯދީ ވިދާޅުވި އެވެ. "އިންޑިއާ އަކީ ގިނަ ދީންތަކެއްގެ މީހުން އުޅޭ ގައުމެއް."
ޒުވާނުންނަށް އިޝާރާތް ކުރައްވާ މޯދީ ވިދާޅުވީ އިންސާނީ އުސޫލުތަކުގެ އަގު ހިފެހެއްޓުމާ އެކު ޒަމާނީ ޓެކްނޮލޮޖީ އަށް އަހުލުވެރިވާން ޖެހޭނެ ކަމަށެވެ. މުސްލިމަކު އެއް އަތުގައި ޚަތިމެއް އޮންނަ އިރު އަނެއް އަތުގައި އޮންނަން ޖެހޭނީ ކޮމްޕިއުޓަރެއް ކަމަށް މޯދީ ވިދާޅުވި އެވެ.
ބައްދަލުވުމުގައި އަބްދުﷲ ރަސްގެފާން ވިދާޅުވީ ދީނުގެ ނަމުގައި ދޭ ހަމަލާ އަކީ ދީނަށް ދޭ ހަމަލާއެއް ކަމަށެވެ. އަަދި ދީނުގެ ނަމުގައި ނަފްރަތު ފެތުރުން ހުއްޓުވަން ޖެހޭނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.